އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރު ކޮށްފައި އޮތް މެންޗެސްޓާ ސިޓީއާ އެއްވަރުކޮށް، ބްރައިޓަން އިން އަންނަ ސީޒަނުގެ ޔޫރޮޕާ ލީގު ޖާގައެއް ޔަގީންކޮށްފިއެވެ.
ބްރައިޓަން ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ސިޓީއާ އެއްވަރުކުރީ 1-1 ގެ ނަތީޖާ އަކުންނެވެ. ރޭގެ ޕޮއިންޓާއެކު ބްރައިޓަން ލީގުގެ ހަވަނަ މަގާމު ޔަގީންކުރީ 37 މެޗުން 62 ޕޮއިންޓާ އެކުގައެވެ.
ޔޫރޮޕާ ލީގު ޖާގައަށް ދެން މަސައްކަތް ކުރަމުން އަންނަ އެސްޓޮން ވިލާ، ހަތްވަނައިގައި އޮތީ 37 މެޗުން 58 ޕޮއިންޓާ އެކުގައެވެ. އަދި ޓޮޓެންހަމް އަށްވަނައިގައި އޮތީ 37 މެޗުން 57 ޕޮއިންޓާ އެކުގައެވެ. އެ ހުރިހާ ޓީމަކަށްވެސް ލީގުގައި ދެން ބާކީ އެންމެ މެޗެއް އޮތް އިރު، ބްރައިޓަންއާއި ލިވަޕޫލަށް ވަނީ ޔޫރޮޕާ ޖާގަ ޔަގީންވެފައެވެ. ލިވަޕޫލަށް ޗެމްޕިއަންސް ލީގު ފުރުސަތު ލިބެން އޮތީ މެންޗެސްޓާ ޔުނައިޓެޑް ދެން ކުޅޭ ދެ މެޗުން ބަލިވެއްޖެ ނަމައެވެ.
މި ސީޒަނުގެ ތިން ތަށްޓަށް ވާދަކުރަމުންދާ ސިޓީން ލީގު ޔަގީންކޮށްފައި އޮވެ ރޭގެ މެޗަށް ނުކުތް އިރު، އެ ޓީމުން ނުކުތީ ވަރުގަދަ ފުރަތަމަ 11 އަކާއެކު ގައެވެ. ގޯލުން ސްޓެފަން އޮރިޓޭގާ ފެނިގެން ގޮސްފައިވާ އިރު، ދެން ހުރި މަގާމުތަކުން ފެނުނީ އާންމުކޮށް ކޯޗު ޕެޕް ގާޑިއޯލާ ބޭނުންކުރާ ކުޅުންތެރިންނެވެ.
ރޭގެ މެޗުގެ 25 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައިދިނީ އިނގިރޭސި މިޑްފީލްޑަރު ފިލް ފޮޑެންއެވެ. އެ ގޯލަކީ އާލިން ހާލަންޑް ދިން ޕާހަކުން ފޮޑެން ޖެހި ގޯލެކެވެ.
ސިޓީން ގޯލެއް ޖަހައި ލީޑު ނެގި ނަމަވެސް، ބްރައިޓަން ދިޔައީ ރަނގަޅު ރޫހެއްގައި ކުޅެމުންނެވެ. އެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފުރަތަމަ ކޮޅުގައިވެސް ފެނިގެން ގޮސްފައިވާ އިރު، ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލަކީ އުމުރުން 19 އަހަރުގެ ޖޫލިއޯ އެންސިސޯ ދުރުން ފޮނުވާލި ހަމަލާއަކުން ޖެހި ގޯލެކެވެ.
ބްރައިޓަންއިން ރޭގެ މެޗުގައި ސިޓީ ހިފަހައްޓާފައިވާ އިރު، ސިޓީ ރޭގެ މެޗަށް ނުކުތީ 12 މެޗުން މޮޅުވެފައި އޮވެގެންނެވެ. ސިޓީއަށް ބްރައިޓަންގެ ފަރާތުން ބޮޑެތި ނުރައްކާތަކެއް ރޭގެ މެޗުގައި ކުރިމަތިވެފައިވާ އިރު، 20 ހަމަލާއެއް ބްރައިޓަންއިން އުފެއްދިއެވެ. އެއީ މި ސީޒަނުގައި ސިޓީއާ ދެކޮޅަށް ޓީމަކުން އުފެއްދި އެންމެ ގިނަ ހަމަލާއެވެ.