ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއާއަށް ނަސްލީގޮތުން ދިމާކުރި މެޗަށްފަހު ރެއާލް މެޑްރިޑުން ކުޅުނު ފުރަތަމަ މެޗުގައި ރޭ، ވަރުގަދަ މެސެޖެއް ދީފިއެވެ.
ރެއާލް އިން ރޭ އަމިއްލަ ދަނޑުގައި ރަޔޯ ވަލެކާނޯ ކައިރިން މޮޅުވީ 2-1ގެ ނަތީޖާ އަކުންނެވެ. ރޭގެ މެޗަކީ ވެލެންސިއާ ސަޕޯޓަރުން ވިނީޝިއަސް ޖޫނިއާއަށް ނަސްލީ ގޮތުން ދިމާކުރި ފަހުން ރެއާލް ކުޅުނު ފުރަތަމަ މެޗެވެ. ވިނީޝިއަސް އަށް ވެލެންސިއާ މެޗުގައި ދެއްކި ރަތް ކާޑު މައާފުކޮށްދީފައި ހުރި ނަމަވެސް، އަނިޔާގެ ސަބަބުން މެޗުގައި އޭނާ ކުޅެފައެއް ނުވެއެވެ.
ރޭގެ މެޗަށް ރެއާލްގެ ހުރިހާ ކުޅުންތެރިން ދަނޑަށް ނުކުތީވެސް ވިނީޝިއަސްގެ 20 ނަންބަރު ޖާޒީގައެވެ. ރެއާލްގެ ސަޕޯޓަރުން ދަމާފައިވާ ބެނާގައި ބުނެފައި ވަނީ "އަހަރެމެން އެންމެންނަކީވެސް ވިނީޝިއަސް" ކަމަށާއި "ފުދިއްޖެ" ކަމަށެވެ. އަދި މެޗުގެ ކުރިން ދެ ޓީމުގެ ކުޅުންތެރިން އެއްކޮށް ނަސްލީތަފާތު ކުރުމާ ދެކޮޅަށް ހާއްސަ އިޝާރާތެއް ކޮށްފައިވާ އިރު، ދެ ޓީމުގެ ކެޕްޓަނުންގެ ކެޕްޓަން ބޭންޑުގައިވެސް ނަސްލީ ތަފާތުކުރުމާ ދެކޮޅު މެސެޖުތައް ލިޔެފައިވެއެވެ.
މެޗު ބަލަން ވިނީޝިއަސް ވީއައިޕީ ބޮކްސްގައި ރެއާލް ރައީސް ފްލޮރެންޓީނޯ ޕެރޭޒާއެކު އިންއިރު، ރޭގެ މެޗުގެ 20 ވަނަ މިނެޓުގައި ރެއާލް ސަޕޯޓަރުން ވަނީ ވިނީޝިއަސްގެ ނަމުން ސްޓޭޑިއަމް ގުގުމާލައިފައެވެ. އެ މަންޒަރާ އެކު ވިނީޝިއަސް ވަނީ ކޮޅަށް ތެދުވެ ސަޕޯޓަރުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ކަރިމް ބެންޒެމާ ޖެހި ގޯލުން ރެއާލް ލީޑު ނަގައިފައިވާ އިރު، މެޗު ނިމެން ދަނިކޮށް، 84 ވަނަ މިނެޓުގައި ޑެ ތޯމަސް ވަނީ ވަލެކާނޯއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ރެއާލް މެޗުން މޮޅުވީ 89 ވަނަ މިނެޓުގައި ރޮޑްރީގޯ ޖެހި ގޯލުންނެވެ. އެ ގޯލަށްފަހު ރޮޑްރީގޯ އުފާފާޅުކުރީ "ބްލެކް ސެލިއުޓް" ސެލެބްރޭޝަނަކާ އެކުގައެވެ.
ވެލެންސިއާ ސަޕޯޓަރުންގެ ބަޔަކު ވިނީޝިއަސްއަށް ނަސްލީ ގޮތުން ދިމާކުރި މައްސަލަ ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާ އިރު، އެކަމުގައި ފުރަތަމަ ލަލީގާ ރައީސް ހަވިއާ ތޭބާސް އަމަލުކުރި ގޮތުން، އޭނާވެސް ހޫނުފެނަށް ވެއްޓިފައިވެއެވެ. ލަލީގާ ރައީސް ފަހުން ވިނީޝިއަސްއަށް މައާފަށް އެދިފައިވާ އިރު، ލަލީގާއިން ވަނީ ވެލެންސިއާ ސަޕޯޓަރުންނަށް އަދަބު ދީފައެވެ. އެގޮތުން ފަސް މެޗަށް ހޯމް ސްޕޯޓަރުންނަށް ނުވަދެވޭނެ ގޮތް ހެދުމުގެ އިތުރުން ޖޫރިމަނާއެއްވެސް ކޮށްފައިވެއެވެ.