ފ. އަތޮޅުގެ ފިލިތެޔޮ ކައިރިން ކަނޑު އަޑިއަށް މަސްތުވާތަކެތި ފައްތާފައިވާކަމުގެ މައުލޫމާތު ލިބުމުން، އެ އަތޮޅުގައި ފުލުހުން ހިންގި އޮޕަރޭޝަންގައި 45 ކިލޯގެ މަސްތުވާތަކެތި ހޯދައިފިއެވެ.

ފުލުހުން މިރޭ ބުނީ މަސްތުވާތަކެތީގެ އެ އޮޕަރޭޝަނާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

އެ އޮޕަޜޭޝަންގެ ތެރެއިން ފުލުހުން ހޯދާފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއެވެ.

ފިލިތެޔެ ކައިރިން ކަނޑަށް މަސްތުވާތަކެތި ފައްތާފައިވާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ ސަރަހައްދު ފުލުހުން އޮޕަރޭޝަނެއް ފަށާފައިވަނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުއެވެ.

އެ ދުވަހު ފުލުހުން ބުނެފައިވަނީ އެ ސަރަހައްދުން މަސްތުވާތަކެތި ކަމަށް ބެލެވޭ ގިނަ އަަދަދެއްގެ ތަކެތި ހޯދާފައިވާ ކަމަށެވެ.

ކަނޑުއަޑިއަށް ފައްތާފައިވަނިކޮށް މަސްތުވާތަކެތި ފުލުހުން ހޯދީ ކިހާ ފުންމިނަކުން ކަމެއް ހާމައެއް ނުކުރެއެވެ. އަދި އެމައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.