ޕީއެސްވީ އެންދޮވެންގެ ކޯޗު ކަމުގައި ހުރި ނެދަލޭންޑްސްގެ ކުރީގެ ލެޖެންޑަރީ ފޯވަޑް، ރޫދު ވާން ނިސްޓެލްރޫއީ އެ ކްލަބުގެ ކޯޗުގެ މަގާމުން އިސްތިއުފާ ދީފިއެވެ.
ނިސްޓެލްރޫއީ ކްލަބުގެ ކޯޗުކަން ދޫކޮށްލާފައި ވަނީ ސީޒަނުގެ ލީގުގައި ޕީއެސްވީން އަދި އެއް މެޗު ކުޅެން އޮއްވައެވެ. ނިސްޓެލްރޫއީ މާޗް 2022 ވަނަ އަހަރު ޕީއެސްވީގެ ކޯޗުކަމާ ހަވާލުވެ، އެ ކްލަބާއެކު ޑަޗް ކަޕާއި ޑަޗް ސުޕަ ކަޕް ކާމިޔާބު ކޮށްފައިވެއެވެ.
ޕީއެސްވީ، މިވަގުތު ލީގުގެ ދެވަނައިގައި އޮތީ އެއްވަނައިގައި އޮތް ފެޔެންނޯޑާ 10 ޕޮއިންޓް ފަރަގެއްގައެވެ. އަދި ތިންވަނައިގައި އޮތް އަޔެކްސް އަށްވުރެ ތިން ޕޮއިންޓް ކުރީގައެވެ. ޕީއެސްވީއަށް ލީގުގައި ދެން ކުޅެން އޮތް މެޗަކީ އޭޒެޑް އަލްކްމާރާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. އެމެޗުން ބަލި ނުވެއްޖެނަމަ، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގައެއް ޔަގީންވާނެއެވެ.
ނިސްޓެލްރޫއީ، ޕީއެސްވީ ދޫކޮށްލީ ކްލަބުން އެއްބާރުލުން ނުލިބޭ ކަމަށް ބުނެއެވެ. ޕީއެސްވީން ނެރުނު ބަޔާނެއްގައި ބުނީ އިސްތިއުފާ ދިނުމުގެ ކުރިން ނިސްޓެލްރޫއީ ޓީމުގެ ކޯޗިން ސްޓާފުންނާއި ކުޅުންތެރިންނާ ބައްދަލުކޮށް، ކްލަބުން އެއްބާރުލުން ނުދޭތީ ވަގުތުން ވަގުތަށް އިސްތިއުފާ ދޭން ނިންމާފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.
ޕީއެސްވީގެ ބަޔާނުގައި އިތުރަށް ބުނީ ނިސްޓެލްރޫއީގެ ނިންމުން ބަލައިގަންނަން އުނދަގޫ ކަމަށާއި މިހާތަނަށް ނިސްޓެލްރޫއީ ކްލަބާއެކު ހޯދި ކާމިޔާބީ ބަލައިގަންނަ ކަމަށެވެ. އަދި މުސްތަގުބަލަށް ކްލަބުގެ މެނޭޖުމަންޓުން ދޭނެ އެހީތެރިކަމާއި އެއްބާރުލުމާ ގުޅޭ ގޮތުން ނިސްޓެލްރޫއީއާ ވާހަކަ ދައްކަން އާދީއްތަ ދުވަހަށް ހަމަޖައްސާފައިވާ ކަމަށްވެސް ޕީއެސްވީން ބުނެފައިވެއެވެ.
އުމުރުން 46 އަހަރުގެ ނިސްޓެލްރޫއީއަކީ ނެދަލޭންޑްސްގެ ފުޓުބޯޅަ ތާރީހުގައި މުހިއްމު ނަމަކެވެ. އޭނާ ވަނީ ޔޫރަޕްގައި އެންމެ ވަރުގަދަ އެއް ފޯވަޑްގެ ގޮތުގައި ބޮޑެތި ކްލަބުތަކަށް ކުޅެފައެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑް ހިމެނެއެވެ. ނިސްޓެލްރޫއީ ވަނީ ގައުމީ ޓީމަށް 70 މެޗު ކުޅެ، 35 ގޯލު ޖަހައިފައެވެ.