އިލެކްޝަން ކޮމިޝަން (އީސީ) އިން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލާފައިވަނީ ކޮރަޕްޝަނާއި ނާޖާއިޒު ނުފޫޒުން ކަމަށް އެ ޕާޓީގެ ރައީސް އަދި ޕާޓީގެ ޒައީމް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

އެމްއާރްއެމްގައި މެމްބަރުން ހަމަނުވާތީ ދެ ފަހަރެއްގެ މަތިން ނޯޓިސް ފޮނުވުމަށްފަހު އިސީން މިއަދު ވަނީ އެ ޕާޓީ އުވާލައިފައެވެ.

އެކަމާ ގުޅިގެން ފާރިސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އީސީގެ އެ ނިންމުމަކީ ކޮރަޕްޝަންގެ ނާޖާއިޒު ނުފޫޒު އެކުލެވިގެން، ގާނޫނީ ތަރަހައިން ބޭރުން ނިންމަވާފައިވާ، ޒިންމާދުރުކަން ކުޑަ ނިންމުމެއް ކަމަށެވެ. އަދި އެކަމުން އަންގައިދެނީ، ގައުމުގައި ފަސާދަ އާއި ކޮރަޕްޝަންގެ ވަކި ހިތްޕާލާފައިވާ މިންވަރު ކަމަށާއި ގައުމުގައި ގާނޫނު ހިންގުމަށް ނުކުޅެދިފައިވާ މިންވަރު ކަމަށް ފާރިސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ، ހައްގުގެ މަގުގައި އަޅުގަނޑުމެން ސާބިވެ ތިބެ، ގާނޫނީ އިމުން ބޭރުން ނިންމަވާފައިވާ މި ނިންމެވުމުގެ މައްޗަށް އަޅުގަނޑުމެން ކުރި ހޯދާނަމެވެ. ފަސާދަ އާއި ނާޖާއިޒު މަންފާ ހޯދުމަށް ހިންގޭ ސިޔާސީ މިފަދަ ހުތުރު އަމަލުތަކުން ސަލާމަތްކުރުމަށް، އަޅުގަނޑުމެންގެ ޕާޓީގެ ލޮބުވެތި މެންބަރުންނާއި އަދި ޕާޓީއަށް ހެޔޮ އެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން، ސާބިތުކަމާއެކު ދެމި ތިއްބަވައި، މި މުހިއްމު މަސައްކަތުގައި އަޅުގަނޑުމެންނާ ބައިވެރިވެވަޑައިގެން ދެއްވުމަށް ދައުވަތު އަރުވަމެވެ." ފާރިސް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައިވާ ގޮތުން މިދިޔަ ފެބްރުއަރީ މަހާ ހަމައަށް އެމްއާރުއެމްގައި ތިބި މެންބަރުންގެ އަދަދަކީ 2،981 އެވެ. ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަވާން ބޭނުންވަނީ 19 ފޯމެވެ.

ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 3،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

އެމްއާރްއެމްގެ މެންބަރުން ހަމަނުވާތީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް ނޯޓިސް ފޮނުވާފައިވެއެވެ. އެންމެ ފަހުން ނޯޓިސް ފޮނުވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ ފަހަރު ދިން ތިން މަހުގެ މުއްދަތު ހަމަވީ މިދިޔަ ބުދަ ދުވަހަށެވެ.

ގާނޫނުގައި ބުނާ އަދަދު ހަމަނުވެއްޖެނަމަ ކޮމިޝަނުގެ ޖަލްސާއެއް ބާއްވައި ޕާޓީ އުވާލެވޭނެ ކަމަށް ގާނޫނުގައިވެ އެވެ.

އެމްއާރުއެމްއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ތިން ވަނަ ސިޔާސީ ޕާޓީއެވެ. އެމަނިކުފާނު 2005 ވަނަ އަހަރު ފުރަތަމަ އުފެއްދެވީ ޑީއާރްޕީއެވެ. އެ ޕާޓީ ހިންގުމުގައި އޭރު ހުންނެވި ލީޑަރު އަހްމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމާ ޑީއާރްޕީ ދޫކޮށްލައްވައި ޕީޕީއެމް އުފެއްދެވިއެވެ. ނަމަވެސް ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު އުފެދުނު މައްސަލަތަކުގައި ޕީޕީއެމް ދޫކުރައްވަން މަޖުބޫރުވެވަޑައިގެން އެމްއާރްއެމް އުފެއްދެވީއެވެ.