ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރުމާއި އިތުރު 12 މެންބަރުން އެ ޕާޓީން ވަކިވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުުގައި މެންބަރުން ހިމެނޭ ގޮތަށް އައި ބަދަލާއެކު މަޖިލީހުގެ ކޮމިޓީތަކުގައި މެންބަރުން ހިމެނުމަށް ގެންނަންޖެހޭ ބަދަލާމެދު ބައެއް ޕާޓީތަކާ އެކު އެއްބަސްވުމަކަށް ނާދެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނަޝީދަށް ނާކާމިޔާބު ވުމާ ގުޅިގެން، 'ފިކުރުގެ ދިރުން'ގެ ނަމުގައި އެ ޕާޓީ ތެރޭގައި ފެއްޓެވި ދެކޮޅުވެރިކަމުގެ ހަރަކާތުގައި ރައީސް އިބްރާހިިމް މުހައްމަދު ސޯލިހާއި ސަރުކާރާ ދެކޮޅަށް ކުރައްވަން ފެއްޓެވި މަސައްކަތްތަކުގެ ތެރެއިން ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވަމުން ދިއުމުގެ ސަބަބުން، ފިކުރުގެ ދިރުމުގެ މެންބަރުންނާމެދު އަޅަން ފެށި ފިޔަވަޅުތަކުގެ ތެރެއިން މި މަހު 15 ވަނަ ދުވަހު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޕާޓީން ވަނީ ވަކިކޮށްފައެވެ.
އެއަށްފަހު އަސާސީ ގަވާއިދާ ތަކުރާރުކޮށް ހިލާފުވާ ނަމަ ޕާޓީން ވަކިކުރާނެ ކަމުގެ އިންޒާރު އެ ފިކުރަށް ނިސްބަތްވާ ފަސް މެންބަރަކަށް ދިނެވެ. އެކަމާ ގުޅިގެން 12 މަޖިލިސް މެންބަރަކު އެމްޑީޕީން ވަކިވެ، ޑިމޮކްރެސްޓްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ވަނީ ފައްޓަވައިފައެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގައި ޕާޓިތަކަށް ނިސްބަތްވާ މެންބަރުންނާއި އަމިއްލަ މެންބަރުން ހިމެނިފައިވާ ގޮތަށް ބަދަލުތަކެއް އައެވެ. އެގޮތުން މިހާރު މަޖިލީހުގައި ހިމެނެނީ އެމްޑީޕީގެ 55 މެންބަރުންނެވެ. ދެން ހިމެނެނީ އަމިއްލަ 17 މެންބަރުންނާއި ޕީޕީއެމްގެ ފަސް މެންބަރުންނާއި އެމްއެންޕީއާއި ޕީއެންސީން ކޮންމެ ޕާޓީއެއްގެ ތިން މެންބަރުންނާއި ޖޭޕީއާއި އެމްޑީއޭ އިން ކޮންމެ ޕާޓީއެއްގައި ދެ މެންބަރުންނެވެ.
މި ބަދަލާއެކު ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ކޮމިޓީތަކުގައި ޕާޓީތަކުންނާއި އަމިއްލަ ގޮތުން މެންބަރުން ހިމެނެންޖެހޭ ގޮތަށް ބަދަލު އަންނަންޖެހެއެވެ. އެހެންކަމުން މަޖިލީހުގެ ތަޅުމުން ފާސްކޮށްގެން ކޮމިޓީތަކަށް އެ ބަދަލު ގެންނަން ދެން، މަޖިލީސް ކޮމިޓީތަކުގެ ބައްދަލުވުންތައް ނުބޭއްވުމަށް މަޖިލިސް ރައީސް ވަނީ ކޮމިޓީތަކަށް އަންގަވައިފައެވެ.
އެއަށްފަހު ކޮމިޓީތަކަށް މެންބަރުން ހަމަޖައްސަން ނިންމަވާފައިވާ ގޮތަށް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވޯޓަށް އައްސަވާނެ ކަމަށްވެސް މަޖިލިސް ރައީސް އިއްޔެ ވިދާޅުވިއެވެ. ނަމަވެސް އިއްޔެގެ ޖަލްސާގައި އެކަމާ ގުޅޭ ގޮތުން ވޯޓަށް އަހައިފައެއް ނުވެއެވެ.
އެކަން އެހެން އޮއްވައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ކޮމިޓީތަކަށް މެންބަރުން އަލުން ހަމަޖެއްސުމާ ގުޅޭ ގޮތުން މަޖިލީހުގެ އިދާރާއިން އިއްޔެ ސިޔާސީ ޕާޓީތަކާއެކު މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މަޝްވަރާގައި ހުރިހާ ސިޔާސީ ޕާޓީތަކާ އެކު އެއްްބަސްވުމަކަށް އާދެވިފައިނުވާ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން މިއަދު އެކަމާ ގުޅޭ ގޮތުން ޕާޓީތަކުގެ މަޝްވަރާ އަލުން ކުރިއަށް ގެންދާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު