ރާއްޖެއިން ބޭރަށް ފުރިއިރު އެއްވެސް ކޯޓަކު އޭނާއާ ދެކޮޅަށް މައްސަލައެއް ނެތް ކަމަށް ކުރީގެ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު އަދާކުރެއްވި އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެއެވެ.

މާލޭގެ އެކި ތަންތަނުގައި ހުޅުޖަހަން ހިތްވަރުދިނުމާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގައި ހުޅުޖަހަން ގޮވާލި މައްސަލާގައި އައްބާސް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވާތީ އޭނާ ހޯދަން ފުލުހުން ވަނީ އިއްޔެ ފޮޓޯ އާންމުކޮށްފިއެވެ.

އެކަމާ ގުޅިގެން އައްބާސް ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ އޭނާއާ ދެކޮޅަށް ފުލުހުން ކުރާ ތުހުމަތުތަކާ ގުޅިގެން ބަންދުގައި ހުންނަވަނިކޮށް، އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ޝަރުތުތަކަކާ އެކު އަމުރުކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. އެ ޝަރުތުތަކަކީ ފުލުހުން 30 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމާއި އޭނާގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ދިނުން ކަމަށެވެ.

ފުލުހުންނަށް މައްސަލަ ތަހުގީގުކުރަން ކޯޓުން ދިން މުއްދަތު ހަމަވީ މި އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ކަމަށާއި އަދި ހަމަ އެ ދުވަހު ބައްޕަގެ ފުރާނައަށް ނުރައްކާވާ ބައްޔެއް ޖެހިގެން ރާއްޖެއިން ބޭރަށް އެހީތެރިއެއްގެ ގޮތުގައި ގޮސްފައިވާ ކަމަށް އައްބާސް ވިދާޅުވިއެވެ.

"އަޅުގަނޑު ރާއްޖެއިން ފުރީ އަޅުގަނޑުގެ މައްޗަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި މައްސަލައެއް ހުށަހެޅިފައި އޮތް ވަގުތަކު ނޫނެވެ. އަޅުގަނޑުން ރާއްޖޭން ފުރީ ދިވެހިރާއްޖޭގެ އެންމެހައި ގާނޫނާއި ގަވާއިދުގެ ތެރޭކަން ސަރުކާރުގެ އިދާރާތަކަށް އެގެން އޮންނާނެ" އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ އޭނާ ރާއްޖެއިން ބޭރަށް ދަތުރުކުރި އެއާލައިނާއި ޓިކެޓާއި އަދި އޭނާ މި ވަގުތު ހުރި ގައުމު ސަރުކާރަށް އެނގޭނެ ކަމަށެވެ. ފުލުހުންނަށް އޭނާއަށް ގުޅޭނެ ނަންބަރާއި ހުރިހާ މައުލޫމާތެއް އެނގިތިބެ ހޯދަން އިއުލާންކުރީ ބަދުނާމުކުރުމުގެ ބޭނުމުގައި ކަމަށާއި އެއީ މި ސަރުކާރުގެ ފިޑި އަމަލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުން އޭނާ ބަދުނާމު ކުރުމަށް ކުރަމުންދާ މަސައްކަތް ކުށްވެރިކުރާ ކަމަށާއި އޭނާއަކީ މެދުނުކެނޑި 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތުގައި އިސް ޒިންމާތަކެއް އަދާކޮށްފައިވާ މީހެއް ކަމަށެވެ. އަދި އޭނާއަކީ އެއްވެސް ބާވަތެއްގެ ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށާއި އޭނާއަކީ ފިލައިގެން އުޅޭ މީހެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އައްބާސްގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން މާޗު މަހުގެ ފަސް ވަނަ ދުވަހަށް ތާވަލުކުރި އަޑުއެހުން ވަނީ ޗިޓު ރައްދު ނުކުރެވިގެން ކެންސަލް ކޮށްފައެވެ. "ވަން" އަށް އެނގިފައިވާ ގޮތުގައި އައްބާސް މިވަގުތު ހުންނެވީ މެލޭޝިއާގައެވެ.