ރެއާލް މެޑްރިޑުން އެންމެފަހުން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެލެންސިއާގެ ސަޕޯޓަރުން ވިނީޝިއަސް ޖޫނިއާއަށް ކުރި ނަސްލީ ދިމާކުރުންތަކާ ގުޅިގެން ލަލީގާ ރައީސް ހާވިއާ ތޭބާސް ދެއްކި ވާހަކައަށް ނުރުހުން އަމާޒުވެއްޖެއެވެ.
ރެއާލްއިން އެންމެފަހުން ކުޅުނު މެޗުގައި ވިނީޝިއަސްއަށް އަމާޒުކޮށް ވެލެންސިއާގެ ސަޕޯޓަރުން 'ޗޭންޓް'ތައް ކިޔާފައިވުމުގެ އިތުރުން އޭނާއާ ދިމާލަށް ރާމާމަކުނަށްވެސް ގޮވާފައިވެއެވެ. އެ މައްސަލާގައި މެޗު ތެރޭގައި ވިނީޝިއަސް، ވަރަށް ބޮޑަށް ވެލެންސިއާ ސަޕޯޓަރުންނާ ހޫނުވެ، ނަސްލީ ދިމާކުރުންތަކެއް ހުއްޓުވަން ރެފްރީ ކައިރިންވެސް އެދިފައިވެއެވެ. ނަމަވެސް ރެފްރީ މެޗު ހުއްޓާލަން އިޝާރާތް ކޮށްފައެއް ނުވެއެވެ.
ނަސްލީ ދިމާކުރުންތައް ތަކުރާރުވާ ނަމަ، އެ މެޗެއް ހުއްޓާލުމަށް ހާއްސަ އުސޫލުތަކަކަށް ދާދިފަހުން ފީފާއިންވެސް އެއްބަސްވެފައިވާ އިރު، ފީފާގެ ރައީސް އިންފަންޓީނޯވެސް ވަނީ ވިނީޝިއަސްގެ ދިފާއުގައި ވާހަކަދައްކައިފައެވެ. އިންފަންޓީނޯ ވިދާޅުވެފައި ވަނީ ނަސްލީ ދިމާކުރުންތައް މެޗެއްގައި ތަކުރާރުވާ ނަމަ، ސަޕޯޓަރުންނަށް އިންޒާރުދޭން ޖެހޭނެ ކަމަށާއި ހުއްޓާނުލައިފިނަމަ މެޗު ހުއްޓާލައި، އިދިކޮޅު ޓީމަށް މެޗު ދޭންވެސް ޖެހޭނެ ކަމަށެވެ.
ވިނީޝިއަސްގެ ދިފާއުގައި ދުނިޔޭ ފުޓުބޯޅައިގެ އެތައް ބަޔަކު ތެދުވެފައިވީ ނަމަވެސް، ލަލީގާ ރައީސް ތޭބާސް އެކަމުގައި ޖަވާބުދާރީވީ ވިނީޝިއަސް ބުނި ބަހަކަށެވެ. އެ މެޗަށްފަހު ސްޕެއިންއަކީ ނަސްލީތަފާތުކުރާ ގައުމެއްގެ ގޮތުގައި ވިނީޝިއަސް ސިފަކޮށްފައިވާ އިރު، އޭނާ ވަނީ ލަލީގާއިން އެކަމަށް ހިތްވަރު ދޭ ކަމަށްވެސް ތުހުމަތުކޮށްފައެވެ.
"މިއީ ހިތްގައިމު ގައުމެއް. މަރުހަބާ ކިޔާ ގައުމެއް. އަހަރެން ލޯބިވެސްވާ ގައުމެއް. ނަމަވެސް މިއީ ނަސްލީ ތަފާތުކުރާ ބައެއްގެ ގޮތުގައި ދުނިޔެއަށް ދަނީ ސިފަވަމުން. އަހަންނަށް މައާފުކުރޭ މިކަމާ އެއްބަސްނުވާ މީހުން. އެކަމަކު ހަމަ ޔަގީނުންވެސް ބްރެޒިލްގެ ހުރިހާ އެންމެންނަށް ސްޕެއިނަކީ ނަސްލީ ތަފާތުކުރާ ގައުމެއް،"ވިނީޝިއަސް
އެ ވާހަކަތައް ވިނީޝިއަސް ދެއްކުމުން އެކަމުގައި ލަލީގާ ރައީސް ތޭބާސް ވިދާޅުވީ އެކަންކަން ހައްލުކުރަން އިށީންނަން ވިނީޝިއަސްއަށް ދެ ފަހަރު ދައުވަތު ދިނުމުންވެސް ބައްދަލުވާން ބޭނުންނުވި ކަމަށާއި ނަސްލީ ގޮތުން ދިމާކުރާ ކަމަށް ލަލީގާއަށް ތުހުމަތުކުރުމުގެ ކުރިން އެކަންކަން ސާފުކޮށްދޭންޖެހޭ ކަމަށެވެ.
ތޭބާސް އިތުރަށް ވިދާޅުވީ ވިނީޝިއަސްއަށް މުޅި ސްޕެއިނަކީ ނަސްލީގޮތުން ދިމާކުރާ ގައުމެއްގެ ގޮތުގައި ނުބުނެވޭނެ ކަމަށެވެ.
ތޭބާސްގެ އެ ޖަވާބުތަކާއެކު އޭނާއަށް ގިނަ ބަޔަކު ވަނީ ފާޑުކިޔައިފައެވެ. ތޭބާސްއަށް ފާޑުކިޔަމުން ކުރިން އިނގިރޭސި ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރު މައިކަލް ރިޗާޑްސް ބުނީ ތޭބާސްގެ ވާހަކައިން ދޭހަވަނީ އަމިއްލައަކަށް "ވިކްޓިމް" އަކަށްވާން މަސައްކަތްކުރާ ކުރުން ކަމަށާއި އެ ވާހަކަތަކުން ލޭ ކެކޭ ކަމަށެވެ.
އޭގެ އިތުރުން ރިޗާޑްސް ބުނީ ލަލީގާ ރައީސްކަމުގައި ހުރެ ވިނީޝިއަސްއާ ޓްވިޓާއިން ތޭބާސް ދިމާކޮށްލި ކޮށްލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި ނަސްލީ ތަފާތުކުރުމަކީ ފުޓްބޯޅައިން ބޭރުންވެސް ބޮޑު ނުރައްކަލެއް ކަމަށެވެ.
ރިޗާޑްސްގެ އިތުރުން ކުރީގެ ޗެލްސީ އަދި ބްލެކްބާނަށް ކުޅުނު ކްރިސް ސަޓަންވެސް ވަނީ ތޭބާސް މަގާމުން ދުރުކުރަން ގޮވާލައިފައެވެ. އޭގެ އިތުރުން ކުރީގެ ސިޓީ ކެޕްޓަން ވިންސެންޓް ކޮމްޕެނީވެސް ވަނީ ތޭބާސް އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.
ވިނީޝިއަސްއަށް ފުރައްސާކުރި މައްސަލަ ރެއާލްއިން ވަނީ ސްޕެއިންގެ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ހުށަހަޅައިފައެވެ. ކްލަބުން އެދިފައި ވަނީ ނަފުރަތު އުފެއްދުމުގެ މައްސަލައެއް ގޮތަށް އެކަން ބަލައިދިނުމަށެވެ.