Close
ޚަބަރު

ފައިސާ ނެގުމަށްފަހު ފްލެޓް ގަންނަ މީހުންނަށް އޮޅުވާލާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

އިބްރާހިމް ޒަކީ

ބޯހިޔާވަހިކަމަށް ވިއްކާ ފްލެޓްތައް، ގަންނަ ފަރާތްތަކުގެ އަތުން ފައިސާ ނެގުމަށްފަހު އޮޅުވާލާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ ކުއްލި މައްސަލަ ހުށަހެޅުއްވީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ރިޔާޒު ވިދާޅުވީ، ބޯހިޔާވަހިކަމަށް ވިއްކާ ފްލެޓްތަކަށް ރައްޔިތުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށްފަހު އެތަން އިމާރާތްކޮށް ހަވާލުކުރުން ލަސްވަމުންދާ މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށެވެ.

އެގޮތުން ހުޅުމާލޭގައި ހަދަމުންދާ ބައެއް ހައުސިން ޕްރޮޖެކްޓްތައް ހުއްޓި ކުރިއަށް ނުގޮސް، މަކަރާއި ހީލަތުން އެއް ފްލެޓް ގިނަ ބަޔަކަށް ވިއްކާކަމުގެ ތުހުމަތު ކުރެވިފައިވުމާއި ބައެއް ފްލެޓް އިމާރާތްތައް ނިންމައި ހަވާލުކުރަން ބުނި ތާރީހު ފަހަނައަޅައި ގޮސް ނުނިމި ލަސްވަމުންދާ ކަމަކީ ރައްޔިތުންގެ ޝަކުވާ އިންތިހާއަށް އޮތް ކަމެއް ކަމަށް ވިދާޅުވިއެވެ.

އަދި އެގޮތަށް ލަސްވުމުގެ ސަބަބުން މިހާރު އުޅެމުންދާ ތަނަށް ކުލި ދެއްކުމުގެ ބުރަ ދެގުނަވެ އާންމު ރައްޔިތުން ބިކަވެފައިވާ އިރުވެސް ކަމާބެހޭ އިދާރާތަކުން އަދި ބެލެނިވެރި ފަރާތްތަކުން އެދެވޭ ފިޔަވަޅެއް އަޅާތަން ނުފެންނަ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

"ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތައް އެވޯޑު ކުރުމުގައި ބަލަންޖެހޭ ވަރަށް ނުބެލުމުގެ ސަބަބުން މަސައްކަތް ހަވާލުކުރާ ފަރާތުން އެކި ފަހަރު އެކި ގޮތަށް އުޒުރު ދައްކައި އާންމު ރައްޔިތުންގެ ތެރެއިން އެއް ބަޔަކު އުމުރު ދުވަހު މަސައްކަތް ކޮށްގެން ރައްކާކުރާ ފައިސާކޮޅާއި އަނެއް ބަޔަކު ބޮޑެތި ލޯނު ނަގައި ދަރަނިވެރިވެގެން ހޯދާ ފައިސާކޮޅު މަކަރާއި ހީލަތުން ނިގުޅައިގަންނަމުންދާއިރު، ރައްޔިތުންގެ ހައްގު ރައްކާތެރި ކޮށްދޭން އެއްވެސް މުއައްސަސާއަކުން ނޫޅޭކަން ފާހަގަކޮށް މިފަދަ މައްސަލަތައް ދިގުލައިގެންދާ ދިއުމަކީ މިގޮތަށް ފައިސާ ދައްކައި، ފްލެޓް ނުލިބި ގެއްލުން ލިބުނު ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތައް ނުހަނު ކަނބޮޑުވެ، އެ ފަރާތްތަކަށް އިންތިހާއަށް ގެއްލުންވަމުންދާ ކަމެއް" ރިޔާޒު ވިދާޅުވިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ތާއީދު ކުރެއްވީ އެ ވަގުތު ޖަލްސާގައި ތިއްބެވި 47 މެންބަރުންގެ ތެރެއިން 18 މެންބަރުންނެވެ. މައްސަލަ ބަލައިނުގަތުމަށް 24 މެންބަރުން ވޯޓު ދެއްވިއެވެ. މައްސަލަ ބަލައި ގަތުމަށް ބޭނުންވަނީ 23 މެންބަރުންގެ ވޯޓެވެ.