ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އަހަރީ އާންމު ޖަލްސާގައި މި އަހަރަށް ދެ މިލިއަން ރުފިޔާގެ އަރަނި ބަޖެޓެއް ފާސްކޮށްފިއެވެ.

އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާ ރޭ ބާއްވާފައިވަނީ ސޯޝަލް ސެންޓަރުގައެވެ. ޖަލްސާގައި ބައިވެރިވީ ޖުމުލަ 13 ކުލަބަކުންނެވެ. އެފްއޭއެމުން ރޭ ބަޖެޓް ފާސްކުރީ ކްލަބުތަކުގެ ވޯޓާއެކުގައެވެ. ބަޖެޓުގައި މި އަހަރު އެފްއޭއެމްގެ ހަރަދުގެ ގޮތުގައި ލަފާކޮށްފައިވަނީ 83 މިލިއަން ރުފިޔާއެވެ. ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 85 މިލިއަން ރުފިޔާއެވެ.

ރޭގެ ޖަލްސާގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ބަޖެޓުގެ ބޮޑު ބަޔެއް ހަރަދުވާނެކަމަށް ލަފާކުރެވީ ފުޓުބޯޅަ ކުރިއެރުވުމުގެ މަސައްކަތްތަކަށް ކަމަށާއި، އެގޮތުން "ޓުވާޑްސް ފިއުޗާގެ" ދަށުން ޒުވާން ކުޅުންތެރިން ތަމްރީނު ކުރުމަށާއި، އެކެޑަމީތަކަށް ބޮޑު ހަރަދެއް ދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެފްއޭއެމްއިން މިހާރުވެސް ވަރަށް ބޮޑަށް ދަރަނިވެފައި އޮތް އިރު، އެކަންވެސް ރައީސް ބައްސާމް ފާހަގަކުރެއްވިއެވެ. އެގޮތުން ބައްސާމް ފާހަގަކުރެއްވީ މިދިޔަ ދެ އަހަރުވެސް ސްޕޮންސާޝިޕް ފައިސާ ހޯދުމަށް އުނދަގޫތަކެއް ދިމާވި ކަމަށާއި، އެކަންކަން ހައްލުކުރަން ސަރުކާރާއެކުވެސް މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. ބައްސާމް ފާހަގަކުރެއްވީ މިފަހަރުގެ ދިވެހި ޕްރިމިއާ ލީގު އެމްޑަބްލިޔުއެސްސީއިން ސްޕޮންސަ ކުރުމަކީ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކަށްފަހު އެޅުނު ރަނގަޅު ފިޔަވަޅެއް ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުގެ ފަރާތުން އެހީތެރިކަން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އެފްއޭއެމުން މިދިޔަ އަހަރު ފާސްކުރީ 8.6 މިލިއަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ. މިދިޔަ އަހަރުވެސް ލިބޭނެކަމަށް ލަފާކުރީ 80 މިލިއަން ރުފިޔާއެވެ. ހަރަދުގެ ގޮތުގައި 88 މިލިއަން ރުފިޔާ މިދިޔަ އަހަރު އަންޒާދާކުރިއެވެ. އެފަހަރު ބޮޑު އަދަދެއް ސްޕޮންސާޝިޕާއި ފަންޑުތަކުން ލިބޭނެ ކަމަށް އެފްއޭއެމްއިން ލަފާކޮށްފައިވާ ނަމަވެސް، އެ އިދާރާ ފެނިގެން ދިޔައީ މާލީ ބޮޑު އަނދަވަޅެއްގައި އޮތްތަނެވެ. ފައިސާ ދައްކަން ޖެހޭ އެތައް ފަރާތަކަށް ފައިސާ ނުދެއްކި، ކޯޓުންވެސް ވަނީ ބައެއް މައްސަލަތައް ނިންމާފައެވެ. އެގޮތުން އެފްއޭއެމްއިން ހުޅުމާލޭގައި އަޅާ ހައި ޕާފޮމަންސް ސްކޫލުގެ ބިމުން ބައެއް އެހެން ފަރާތަކަށް ދޭންވެސް އޮތީ ހުކުމް ކޮށްފައެވެ.

އޭގެ އިތުރުން ކޯޗުންނަށް ދޭން ޖެހޭ ފައިސާގެ މައްސަލަތައް ފީފާއިން ބަލައި، ބޮޑެތި އަދަދުތަކެއް ކޯޗުންނަށް ދޭންވެސް ފީފާއިން އެފްއޭއެމްއަށް އެންގިއެވެ. އެ ކަންކަމުގެ ސަބަބުން އެފްއޭއެމްގެ މާލީ ހާލަތު ގޯހުން ގޯހަށް ގޮސްފައެވެ. އެ މައްސަލަތަކާއެކު އެފްއޭއެމްއަށް މިއަހަރުވެސް މާލީ ދަތިތައް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.