ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި ގދ. ހޯނޑެއްދޫ/ ސްވެން، އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލާގައި، ފުލުހުންގެ އިހުމާލެއް އޮތްކަމަށް ސާބިތުނުވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރާ ސުވާލު ކުރައްވަމުން ފިރުޝާން ވަނީ، އަންނަ ބުރާސްފަތި ދުވަހަކީ އަބްދުﷲ ރަޝީދުގެ މަރަށް ހަތް މަސް ފުރޭ ދުވަސްކަން ފާހަގަކޮށް އެ މައްސަލާގައި ކުރެވުނު ކަމެއް ވިދާޅުވެއްދެއްވުމަށް އެދިވަޑައިގެންފައެވެ.
"ޕޯސްޓްމޯޓަމް ހެދި ފަހުން އެންމެ ފޯން ކޯލެއްވެސް އާއިލާއަށް ގޮސްފައެއް ނުވޭ، ޕޯސްޓްމޯޓަމް ހެދި ފަހުން ތިބޭފުޅުންގެ އެއްވެސް ހަބަރެއް ނުވޭ، ފުލުހުންގެ ތަހުގީގަށް ވީގޮތެއް ނޭނގެ ކޮންކަމެއް ކުރެވުނީ ވަޒީރު ވިދާޅުވެދެއްވާ މިއަދު،" ފިރުޝާން ވިދާޅުވިއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލާގައި މެންބަރު ފިރުޝާންވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައި އެބަހުރި ކަމަށާއި އެ މަރު ތަހުގީގު ކުރުމަށްޓަކައި ދިމާވި ދަތިތަކާއި ހުރި ގޮންޖެހުންތައްވެސް މެންބަރަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
އިމްރާން ވިދާޅުވީ އެ މަރުގެ މައްސަލާގައި ޔަގީންކުރަން ބޭނުންވީ އެކަން ހިނގާފައިވަނީ ފުލުހުންގެ ސީދާ އަމަލެއް އޮވެގެންތޯ ނުވަތަ ފުލުހުން އެކަމުގައި އިހުމާލެއް ވެފައި އޮވެގެންތޯ ބެލުމަށް ކަމަށެވެ.
"އަބްދުﷲ ރަޝީދު މަރުވުމަށް މެދުވެރިވި އާދެ އެކަމާ މެދުގައި އަޅުގަނޑުމެނަށް ފުލުހުންގެ ސީދާ އަނިޔާއެއް އޮވެގެން ނުވަތަ ގަސްތުގައި އިހުމާލެއް އޮވެގެން އޭނާ މަރުވުމަށް ދިމާވި ކަމަށް ސާބިތުވާނެ އެއްވެސް ހެތްކެއް އަޅުގަނޑުމެނަށް ލިބޭކަށް ނެތް،" އިމްރާން ވިދާޅުވިއެވެ.
އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތް ކަމަށް ބެލެވޭތީ އެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ތަހުގީގު ކުރިއިރު، އޭނާގެ ޕޯސްމޯޓަމް ހަދާފައިވަނީވެސް އާއިލާގެ ނުރުހުމުގައެވެ.
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި އަބްދުﷲ ރަޝީދު މަރުވީ ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާ ހުއްޓާ މެއަށް ތަދުވެ، ސީޒާއެއް ޖެހޭފަދަ އަލާމާތްތަކެއް ފެނުމަށްފަހުއެވެ. އަދި އޭނާ ގދ. މަޑަވެލީ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އޭރު ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު