ކުރިން ރޮނާލްޑީނިއޯއާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ލިއޮނަލް މެސީއަށް ހައްގުވި ލަލީގާ، މިއަދު ހައްގުވަނީ ނަސްލީ ތަފާތުކުރާ މީހުންނަށް ކަމަށް ބްރެޒިލްގެ ވިންގް، ވިނީޝިއަސް ޖޫނިއާ ބުނެފިއެވެ.
ރޭ ރެއާލް މެޑްރިޑުން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް ބަލިވީ 1-0ގެ ނަތީޖާ އަކުންނެވެ. މެޗުގައި ވެލެންސިއާގެ ހަމައެކަނި ގޯލު ޖަހައިދިނީ ޑިއޭގޯ ލޮޕޭޒެވެ. މެޗުގެ ފަހު މިނެޓުގައި ވިނީޝިއަސް ޖޫނިއާއަށް ރަތް ކާޑު ދައްކާފައިވާ އިރު، މެޗުގެ ފޯކަސް ވަރަށް ބޮޑަށް ހުއްޓިފައި އޮތީވެސް އޭނާއަށެވެ.
ވިނީޝިއަސް މެޗު ތެރޭގައި ވަރަށް ބޮޑަށް ވެލެންސިއާ ސަޕޯޓަރުންނާ ހޫނުވެ، ނަސްލީ ދިމާކުރުންތަކެއް ހުއްޓުވަން ރެފްރީ ކައިރިންވެސް އެދިފައިވާ އިރު، ރުޅި ގަދަވެފައި ހުރި ވިނީޝިއަސްއަށް މެޗުގެ ފަހު މިނެޓުގައި ކާޑު ދެއްކީ ބޯޅަ ނެތި ވެލެންސިއާގެ ހޫގޯ ޑޫރޯއަށް ހަމަލާ ދިނުމުންނެވެ.
ނަސްލީ ދިމާކުރުންތަކުގެ 'ޗޭންޓް"ތަކެއް ވެލެންސިއާ ސަޕޯޓަރުން ފަރާތުން ރޭ ފެނިގެން ގޮސްފައިވާ އިރު، މެޗަށްފަހު ވިނީޝިއަސް ބުނީ މިއީ އެއް ފަހަރު، ދެފަހަރު، އަދި ތިންވަނަ ފަހަރުގެ ކަމެއްވެސް ނޫން ކަމަށާއި ލަލީގާއިން ނަސްލީ ތަފާތުކުރުން "ނޯމަލައިޒް" ކޮށްފައިވާ ކަމަށެވެ. އަދި ލަލީގާއިން އެކަމަށް ހިތްވަރުދީ، އެކަން ކުރާ މީހުންނަށް ހިތްވަރު ދޭ ކަމަށްވެސް ބުނެފައިވެއެވެ.
"މިއީ ހިތްގައިމު ގައުމެއް. މަރުހަބާ ކިޔާ ގައުމެއް. އަހަރެން ލޯބިވެސްވާ ގައުމެއް. ނަމަވެސް މިއީ ނަސްލީ ތަފާތުކުރާ ބައެއްގެ ގޮތުގައި ދުނިޔެއަށް ދަނީ ސިފަވަމުން. އަހަންނަށް މައާފުކުރޭ މިކަމާ އެއްބަސްނުވާ މީހުން. އެކަމަކު ހަމަ ޔަގީނުންވެސް ބްރެޒިލްގެ ހުރިހާ އެންމެންނަށް ސްޕެއިނަކީ ނަސްލީ ތަފާތުކުރާ ގައުމެއް،" ވިނީޝިއަސް ރޭގެ މެޗަށްފަހު ބުންޏެވެ.
ރޭގެ މެޗަށްފަހު ލަލީގާއިން ވަނީ ބަޔާނެއްވެސް ނެރެފައެވެ. ބަޔާނުގައި ބުނީ މިދިޔަ ފަސް ވަރަކަށް އަހަރުވެސް ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ބޮޑެތި މަސައްކަތްތަކެއް ކުރި ކަމަށާއި ކުޅިވަރުގެ ރީތި އުސޫލުތަކަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅާނެ ކަމަށެވެ.
ރެއާލްގެ ކޯޗު ކާލޯ އެންޗެލޮޓީވެސް ވަނީ މެޗަށްފަހު ވިނީޝިއަސްގެ ދިފާއުގައި ވާހަކަ ދައްކައިފައެވެ. އޭނާ ބުނީ ފުޓްބޯޅައިގެ ވާހަކަ ބާއްވާފައި ހިނގާދިޔަ ގަބޫލުކުރަން އުނދަގޫ ކަންތައްތަކަށް ވާހަކަދައްކަން ބޭނުންވާ ކަމަށާއި މުޅި ސްޓޭޑިއަމް އެކުގައި ކުޅުންތެރިޔަކަށް ނަސްލީ ގޮތުން ދިމާކުރި އިރު، ރެފްރީ މެޗު ނުހުއްޓުވި ސަބަބެއްވެސް ނޭނގޭ ކަމަށެވެ. ވިނީޝިއަސް ހިމާޔަތްކުރަން މެޗުގައި ބާލަން ބުނި ކަމަށްވެސް އެންޗެލޮޓީ ބުނެފައިވެއެވެ.
އެންޗެލޮޓީ ބުނީ ޒަމާނީ މި ދުނިޔޭގައި ވިނީޝިއަސްއަށް އެ ކުރިމަތިވި ކަންކަން ކުރިމަތިވެގެން ނުވާނެ ކަމަށާއި ވިނީޝިއަސް ހުރީ ދެރަވެ، ރުޅިގަދަވެފައި ކަމަށެވެ.