ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން، އެ މައްސަލައަށް މަޖިލީހުގައި ބަހުސް ކުރުމުގެ ކުރިން ގާނޫނުގައި ބުނާ 14 ދުވަހުގެ ނޯޓިސް ޝާހިދަށް ދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު، ޖަލްސާގެ ރިޔާތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ ވިދާޅުވީ، މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މި މަހުގެ 18 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ ކަމަށެވެ.

އެހެންކަމުން ގާނޫނުއަސާސީގައި ބުނާ ގޮތަށް، އެ މައްސަލަައަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމުގެ ކުރިން ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް އިއްޔެ ޝާހިދަށް ދީފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެ މައްސަލަ މަޖިލިސް ޖަލްސާއަށް އެޖެންޑާ ކުރާނެ ދުވަހެއް ފަހުން އަންގަވާނެ ކަމަށް ވިދާޅުވިއެވެ.

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވީ، އެމްޑީޕީން ވަކިވި މެންބަރުންނާއި އިދިކޮޅު މެންބަރުން ގުޅިގެންނެވެ. އެ މީހުން ތުހުމަތު ކޮށްފައިވަނީ ޗާގޯސް މައްސަލާގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެހުމުގައި ޝާހިދުގެ އިހުމާލު ހިމެނޭ ކަމަށެވެ.

މިނިސްޓަރު ޝާހިދުގެ އިތުރުން ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަވެސް އެ ފަރާތްތަކުން ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ. އެކަމާ ގުޅިގެން ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް ރިފްއަތަށް ދީފައިވަނީ މި މަހުގެ 18 ގައެވެ.

ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭނީ މަދުވެގެން ރައްޔިތުންގެ މަޖިލީހުގެ 10 މެމްބަރުންގެ ސޮޔާއެކުގައެވެ.

އެފަދަ މައްސަލައެއް މަޖިލީހަށް ވެއްދުމާއެކު، އެ މައްސަލައަށް މަޖިލިސް ތަޅުމުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން ވަޒީރަށް އެކަން އަންގަންވާނެ ކަމަށާއި ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު އެ ވަޒީރަކަށް ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ.

ދެ ގަޑިއިރުގެ ބަހުސަކަށްފަހު ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަަމަށް ފާސްކުރެވޭނީ، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތު ވޯޓުން އެ މީހެއްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށްގެން ކަމަށްވެސް ބުނެފައިވެއެވެ.