Close
ރެއާލް މެޑްރިޑް

އެންޗެލޮޓީ މަޑުކުރާނެ، ކްލަބުން ބޭނުންވަނީވެސް އެގޮތް

ރެއާލް މެޑްރިޑުން ބޭނުންވަނީ މަޑުކުރަން ކަމަށް ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.

ރެއާލްގެ ކޯޗު އެންޗެލޮޓީ ރެއާލްއާ އެކު ހަދާފައިވާ އެއްބަސްވުން 2024 ވަނަ އަހަރު ސީޒަނުގެ ނިޔަލަށް ހަމަވާން އޮތް އިރު، އޭނާ މި ސީޒަނަށްފަހު ރެއާލް ދޫކޮށްލާނެ ކަމަށް ބައެއް ވާހަކަތައް ފެތުރިފައިވެއެވެ. އެގޮތުން އެންޗެލޮޓީ ރެއާލް ދޫކޮށް، ބްރެޒިލް ގައުމީ ޓީމާ ހަވާލުވެދާނެ ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.

އެ ހަބަރު ނޫސްތަކަށް ފެތުރިފައި ވަނީ ބްރެޒިލް ގައުމީ ޓީމުގެ ފަރާތުން އެންޗެލޮޓީއަށް މަސައްކަތްކުރަމުންދާ ކަމަށް ބުނެފައިވުމުންނެވެ. ބްރެޒިލްގެ ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒް ދާދިފަހުން ވިދާޅުވީ އެންޗެލޮޓީއަށް ރަސްމީކޮށް އަދި ހުށަހެޅުމެއް ނުފޮނުވާ ނަމަވެސް، ފެޑަރޭޝަނުގެ ޕްލޭން އޭ އަކީ އެންޗެލޮޓީ ކަމަށެވެ.

އެ ވާހަކަތަކަށް ރިއާޔަތްކޮށް ވާހަކަ ދައްކަމުން އެންޗެލޮޓީ ބުނީ ރެއާލްގެ އެއްބަސްވުން 2024 ވަނަ އަހަރާ ހަމައަށް އެބައޮތް ކަމަށާއި ކްލަބުންވެސް ބޭނުންވަނީ މަޑުކުރުވަން ކަމަށެވެ. އަދި އެކަމަށް ކްލަބުން ބޭނުންވުމުން އިތުރު ވިސްނުމަކަށް ނުގޮސް، އަންނަ ސީޒަނުގައިވެސް ރެއާލްގައި މަޑުކުރާނެ ކަމަށެވެ.

މިއީ އެންޗެލޮޓީ ރެއާލްއަށް ކޯޗުކަން ކޮށްދޭ ދެވަނަ ފަހަރެވެ. މީގެ ކުރިން 2013 ވަނަ އަހަރުން 2015 ވަނަ އަހަރަށް އެންޗެލޮޓީ ރެއާލްއަށް ކޯޗުކަން ކޮށްދީފައިވާ އިރު، އެފަހަރުވެސް އޭނާ ވަނީ ކްލަބާއެކު ޗެމްޕިއަންސް ލީގު ހޯދައިފައެވެ. އޭގެ ފަހުން 2021 ވަނަ އަހަރު ކްލަބަށް އައިފަހުން ފުރަތަމަ ސީޒަނުގައި ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއެވެ.

އެހެން ނަމަވެސް، މި ސީޒަނުގައި އެންޗެލޮޓީއަށް ވަނީ ރެއާލްއާ އެކު އެ ކާމިޔާބީތައް ތަކުރާރުކުރަން އުނދަގޫވެފައެވެ. މި ސީޒަނުގައި ރެއާލްއިން ހޯދީ ކޮޕާ ޑެލް ރޭގެ އިތުރުން ޔޫއެފާ ސުޕަ ކަޕާއި ފީފާ ވޯލްޑް ކަޕެވެ.

ސީޒަނާ ގުޅޭގޮތުން ވާހަކަ ދައްކަމުން އެންޗެލޮޓީ ބުނީ މިއީ އެންމެ ފުރިހަމަ ސީޒަނެއް ނޫން ނަމަވެސް، ގޯސް ސީޒަނެކޭ ނުބުނެވޭނެ ކަމަށެވެ.