Close
ސްޕެނިޝް ލަލީގާ

ޗެމްޕިއަނުން ގޮތުގައި ކުޅުނު ފުރަތަމަ މެޗުން ބާސާވީ ބަލި

ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ޔަގީންކޮށްފައި އޮވެގެން ރޭގެ މެޗަށް ނުކުތް ބާސެލޯނާއިން ރެއާލް ސޮސިއެދާދު ކައިރިން ބަލިވެއްޖެއެވެ.

ރޭ ބާސައިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ސޮސިއެދާދު އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތްއިރުވެސް މިއަހަރުގެ ލީގު ޗެމްޕިއަންކަން ޔަގީންވެފައި އޮތް ބާސާއަށް ލީގުގައި ބާކީ ހަތަރު މެޗު އޮއްވައި، މިދިޔަ ހަފުތާ ތަށި ޔަގީންވެފައިވާ އިރު، ރޭގެ މެޗަށްފަހު އެޓީމުން ވަނީ ލަލީގާގެ ތަށި ރަސްމީކޮށް އުފުލާލައިފައެވެ.

މިހާތަނަށް ލީގުގައި ކުޅުނު 35 މެޗުން 85 ޕޮއިންޓް ބާސާއަށް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 34 މެޗުން ލިބިފައި ވަނީ 71 ޕޮއިންޓެވެ. ރޭ ބާސާ ކައިރިން ހޯދި މޮޅާއެކު ސޮސިއެދާދަށް ގަދަ ހަތަރެއްގެ އުންމީދު ބޮޑުވެފައިވާ އިރު، އެޓީމު ހަތަރު ވަނައިގައި އޮތީ ކުޅުނު 35 މެޗުން 65 ޕޮއިންޓާ އެކުގައެވެ. ފަސްވަނައިގައި އޮތް ވިލަރެއާލް އަށް 35 މެޗުން 60 ޕޮއިންޓް ލިބިފައިވާ އިރު، އެދެޓީމަށްވެސް ލީގުގައި ދެން ބާކީ އޮތީ ތިން މެޗެވެ.

ރޭގެ މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ސޮސިއެދާދުން ލީޑު ނެގިއެވެ. އެ ގޯލަކީ އެލެކްސެންޑްރާ ސޯލޯތު ތަނަވަސްކޮށްދިން ފުރުސަތަކުން މިކޭލް މެރީނޯ ޖަހައިދިން ގޯލެކެވެ.

ސޮސިއެދާދުން ލީޑުގައި ފުރަތަމަ ހާފު ނިންމާލާފައިވާ އިރު، މެޗުގެ ދެވަނަ ހާފަށް ނުކުމެ އެޓީމުން ނަތީޖާގެ ފަރަގުވެސް ބޮޑުކުރިއެވެ. އެ ގޯލު ޖަހައިދިނީ ފުރަތަމަ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިން ސޯލޯތެވެ.

ބާސާއިން މެޗަށް އަނބުރާ ވަނުމަށް ކުރި މަސައްކަތުގައި މެޗުގެ 90 ވަނަ މިނެޓުގައި ރޮބާޓް ލެވަންޑޯސްކީ ޖެހި ގޯލުން އުންމީދެއް ހޯދި ނަމަވެސް، އެޓީމަށް މެޗުން ޕޮއިންޓެއް ނުހޯދުނެވެ.