ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޭނުންވާނަމަ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެއްވާނެ ކަމަށް އެމްއެންޕީގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީން ކުރިއަށް ގެންދިޔަ "ނާޒިމް ބުނީ ކީކޭ?" އެޕިސޯޑްގެ ހަތަރުވަނަ އެޕިސޯޑުގައި ރޭ ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ, ގައުމަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށާއި އެކަން ހައްލުކުރަން އޮތީ ދެ ގޮތެއް ކަމަށެވެ. އެއީ މަސްތުވާތަކެތި ވަންނަ ދޮރުތައް ބަންދުކުރުމާއެކު އެ ތަކެތި އެތެރެކުރާ މީހުންނަށް ހަރުކަށި އަދަބުދިނުން ކަމަށް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ, މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަކީ އޭނާ ގަބޫލުކުރާ ގޮތް ކަމަށެވެ. އެގޮތުން ވިސްނަންވީ އެންމެ މީހެއްގެ ހައްގަކަށް ނޫން ކަމަށާއި ވިސްނަންވީ މުޖުތަމައުގެ ހައްގަށް ކަމަށް ވިދާޅުވިއެވެ.
"މަސްތުވާތަކެތި ބޮޑެތި އަދަދުތަކުން ރާއްޖެއަށް ގެންނަ މީހުންނަށް މަރުގެ އަދަބު ދިނުން ނޫން ގޮތެއް މިއަދަކު ނެތް. އަޅުގަނޑު މިދަނީ މަޝްވަރާ ކުރަމުން. އިރާދަކުރެއްވިއްޔާ ގިނަ ބަޔަކަށް އެކަން ފެންނަ ކަމަށްވަންޏާ އަޅުގަނޑު މިހުރީ އެކަން ތަންފީޒުކުރަން މެނިފެސްޓޯގައި ލިޔެ, އަޅުގަނޑުމެންގެ ވެރިކަމެއްގައި މަރުގެ އަދަބު ތަންފީޒުކުރާނަން," ނާޒިމް ވިދާޅުވިއެވެ.