މިއަހަރުގެ ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވަމުން އަންނައިރު، އިދިކޮޅު މައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަދިވެސް އެ ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެ މަނިކުފާނުގެ ވެރިމުގައި ވ.އާރަށް ކުއްޔަށް ދީގެން ހިންގެވި ކަމަށް ސާބިތުވި ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލައިގައެވެ. ރ. ފުއްގިރި ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ މައްސަލައެއްވެސް އެ މަނިކުފާނުގެ މައްޗަށް ދަށު ކޯޓުގައި ހިނގަމުން އެބަދެއެވެ.

އެހެންކަމުން ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ކުރެއްވިދާނެކަމާމެދު ގިނަ ސުވާލުތަކެއް އެބަހުއްޓެވެ. ޕީޕީއެމުން ތަކުރާރުކޮށް ބުނަމުން ގެންދަނީ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވާދަ ކުރައްވާނެ ކަމަށާއި، ރިޔާސީ އިންތިހާބުގެ ނަން ލިސްޓުގައި ރައީސް ޔާމީންގެ ނަން އޮންނާނެ ކަމަށެވެ. މިހެން މިކަން އޮތްނަމަވެސް، ރިޔާސީ އިންތިހާބާބެހޭގޮތުން ޕީޕީއެމްގެ ތެރޭގައިވެސް އެކި ފިކުރުތައް ވަނީ އުފެދެން ފަށައިފައެވެ. ޔަގީންކަމެއް ނެތް ކަމެއްގެ ތެރޭގައި ޕާޓީގެ މުސްތަގުބަލު ފިތިފައި އޮންނާން ނޭދޭ ބަޔަކުވެސް ޕާޓީ ތެރޭގައި އެބަތިބިކަމުގެ އަޑުތަކެއް ދަނީ އިވެމުންނެވެ.

ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތެއް އަތުވެއްޖެނަމަ ރިޔާސީ ޓިކެޓް ހޯދުމަށް ޕާޓީތެރެއިން މަސައްކަތް ކުރާނެ ބޭފުޅުންގެ ލިސްޓެއްވެސް މީގެކުރިން އެ ޕާޓީ ތެރެއިން އާންމުވެފައިވެއެވެ. އޭގެ ތެރޭގައި މާލޭސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި، ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު، ޕީޕީއެމްގެ ނައިބު ރައީސް، ގައްސާން މައުމޫނާއި ޕީޕީއެމް ކޯލީޝަންގައި ހިމެނޭ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހިމެނިވަޑައިގަންނަވައެވެ.

މި ލިސްޓުގެ އެންމެ ކުރީގައި ހިމެނެނީ ޑރ. މުއިއްޒުގެ ނަމެވެ. ޑރ. މުއިއްޒަށް ރިޔާސީ ޓިކެޓު ހޯއްދަވައިދެއްވުމަށް ކެމްޕޭން ކުރައްވާ ކަމަށް ބުނާ މައްސަލައެއްގެ ތުހުމަތު މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒަށް މީގެ ކުރީން ކުރެވުނެވެ. އެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބަލަމުން ދަނިކޮށް ހުސްވިމަހު 19 ގައި އޭނާ ވަނީ ޕާޓީން އިސްތިއުފާ ދެއްވައިފައެވެ. އެއާއެކު ޕީޕީއެމް ސެނެޓުގެ ކޮންޓްރޯލް ނަގަން އުޅޭ ކަމަށްވެސް މުއިއްޒުއަށް ތުހުމަތު ކުރެވުނެވެ. ނަމަވެސް އެކަމަށް މުއިއްޒު ދެކޮޅު ހައްދަވައެވެ.

އެކަމާ ގުޅިގެން "ވަން އޮންލައިން" އިން ސުވާލު ދެންނެވުމުން މުއިއްޒު ވިދާޅުވީ، ސެނެޓުގެ ކޮންޓްރޯލް ނަންގަވަން ނުއުޅުއްވާ ކަމަށާއި، ސިޔާސީ ބޭނުމަށް ޓަކައި އަމިއްލަ ކަމެއް ނުކުރައްވާނެ ކަމަށެވެ.

ރިޔާސީ ޓިކެޓް ހޯއްދަވަން އުޅުއްވާކަމަށް ތުހުމަތު ކުރެވޭ ހުރިހާ ބޭފުޅުންވެސް ވަނީ އެކަމާ ނުއުޅުއްވާ ކަމަށް ވިދާޅުވެފައެވެ. އެބޭފުޅުން ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ޕީޕީއެމް މެންބަރުންގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދޭ ހިސާބަކީ މިއީއެވެ؛ ރައީސް ޔާމީނަށް އިންތިހާބަށް ކުރިމަތިލެއްވޭނެ ތަނެއް އަދިވެސް ފެންނާކަށް ނެތެވެ. އެކަމަކު އެ މަނިކުފާނު ހުންނެވީ ރިޔާސީ ޓިކެޓް ދޫކޮށްލައްވާ ގޮތަކަށް ނޫނެވެ. ދެން ތިއްބެވި ބޭފުޅުންނަށް އެކަމާ އުޅުއްވޭކަށް ނެތެވެ. މި ހާލަތުގައި ޕްލޭން ބީއެއްވެސް ޕީޕީއެމްގެ ލީޑަޝިޕުށް މެންބަރުންނަށް ދެއްކިފައެއް ނުވެއެވެ.

އެހެންކަމުން ތިންވަނަ ފިކުރެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ތާއީދު ކުރުމުގެ ވިސްނުމެއްވެސް ޕީޕީއެމްގެ ތެރޭގައި މިހާރު ވަނީ ފެތުރެން ފަށައިފައެވެ.

މި ފިކުރާ ބެހޭގޮތުން ނަން ހާމަ ނުކުރުމަށް އެދި ވަންއަށް މައުލޫމާތު ދެއްވި ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވީ، އިންތިހާބަށް ކައިރިވަމުން އަންނައިރު، ރިޔާސީ ކެންޑިޑޭޓާ މެދު އިތުބާރު ކުރެވޭ ގޮތެއް ނުނިމި އޮތުމަކީ ދެރަކަމެއް ކަމަށެވެ. އިންތިހާބާބެހޭގޮތުން ޕާޓީތެރޭގައި މިހާތަނަށް ކަންތައް ގޮސްފައިވާ ގޮތަށް ބަލާއިރު، އޭނާގެ މިހާރުގެ ވިސްނުމަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ޕީޕީއެމުން ތާއީދު ކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުވެސް ބޭނުންވަނީ ރައީސް ޔާމީން އިންިތހާބުގައި ވާދަކުރަން، ނަމަވެސް އެ މަނިކުފާނު ދޫކޮށްލާނެއޭ، ވަކީލުން ބުނި ނަމަވެސް އެ މަންޒަރެއް ނުފެނޭ، އެހެންކަމުން ވީ އެންމެ އަވަހަކަށް ރިޔާސީ އިންތިހާބާބެހެގޮތުން ޕާޓީން ގޮތެއް ނިންމަން ޖެހޭ، ދެވަނަ ވިސްނުކަމަށް ދާން ޖެހޭ."

ޕީޕީއެމުން ގާސިމަށް ތާއީދު ކޮށްފާނެ މެންބަރުންގެ އަދަދާމެދު ސުވާލު އުފެއްދުމުން އޭނާ ވިދާޅުވީ، އެހެން އެކަން ގޮސްފިނަމަ އަދަދު މަދު ނުވާނެ ކަމަށެވެ. އަދި ގާސިމަށް ތާއީދު ކުރުމުގެ ވާހަކައަކީ މިވަގުތަށް އެހާ ބާރަށް ދައްކަން ޖެހޭ ވާހައެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެެވެ.

"ނަމަވެސް މި ފިކުރު ހާމަގޮތެއްގައި ފާޅުވެގެން އަންނައިރު ކުޑައެއް ނުވާނެ، މި ފިކުރަށް ތާއީދު ކުރާ މީހުނެއްވެސް މަދެއްނުވާނެ،"

ނަމަވެސް ޕީޕީއެމްގެ ލީޑާޝިޕުން ބުނަނީ، ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ތާއީދު ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

އެކަމާ ގުޅިގެން "ވަން އޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން، ޕީޕީއެމްގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމް ވދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހިމަށް ތާއީދު ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"ރިޔާސީ އިންތިހާބަށް އެންމެ ފުރަތަމަ ކެންޑިޑޭޓެއް ދެއްކީވެސް އަޅުގަނޑުމެން، އެކަން އަދިވެސް އޮތީ އެގޮތުގައި، ރައީސް ޔާމީނަކީ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް،" ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމުގެ އުއްމީދު ޕާޓީ މެންބަރުންނަށް ދެއްވަމުން ޝިޔާމް ވިދާޅުވީ، އާރަށު މައްސަލަ މިހާރު އޮތީ އިސްތިއުނާފު މަރުހަލާގައި ކަމަށާއި، އެ މަރުހަލާއިން ރައީސް ޔާމީން ސަލާމަތްވެ ވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އެ މަނިކުފާނަށް އަދި ވަގުތު އެބައޮތް ކަަމަށާއި، ޕީޕީއެމުން އެނޫން ގޮތަކަށް ނުވިސްނާކަމަށްވެސް ވިދާޅުވިއެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވާއިރު، ރިޔާސީ އިންތިހާބުގައި ގާސިމަށް އެއްބާރުލުން ހޯއްދެވުމަށް ޖޭޕީން ސިޔާސީ ޕާޓީތަކާއެކު ކުރަމުން އަންނަ މަޝްވަރާތަކުގެ ތެރެއިން، ޕީޕީއެމްއާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށްވެސް ގާސިމް ވަނީ ޕީޕީއެމަށް ދައުވަތު ދެއްވައިފައެވެ.

ނަމަވެސް ޕީޕީއެމުން ޖޭޕީއާއެކު އަދި މަޝްވަރާތައް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް "ވަން އޮންލައިން" އަށް ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބާބެހޭގޮތުން އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާއެކު ރަސްމީ އެއްވެސް ވާހަކަތަކެއް އަދި ދެކެވެމުން ނުދާ ކަމަށެވެ.

"އަޅުގަނޑުމެން އެ ބޭފުޅުންނަށް ސީޓީއެއް ފޮނުވިން އަދި އެބޭފުޅުންގެ ހަބަރެއް ނުވޭ، އަދި ދުވަސްކޮޅެއް ނަގަނީކަންނޭނގެ، މިދުވަސްކޮޅު އެހެން ކަންތައްތަކެއް ދިމާވެގެން އުޅޭތީ،"

އަމީން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޖޭޕީއާއެކު ކުރިއަށްދާން ބޭނުން ކޮންމެ ބަޔަކާއެކު ކުރިއަށްދިއުމަށް ޖޭޕީން ތައްޔާރަށް އޮތް ކަމަށެވެ. ތަކުރާރުކޮށް ވިދާޅުވީ، ޖޭޕީން ކުރިއަށް ދާނީ ޖޭޕީއާއެކު ކުރިއަށްދާ ބަޔަކާއެކުގައި ކަމަށެވެ.

އަމީންގެ އެ ވާހަކައިން ދޭހަވަނީ، އެއްވެސް އިތުރު ބަޔަކަށް ޖޭޕީން ތާއީދު ނުކުރާނެ ކަމަށެވެ. ޖޭޕީން ހަމަ އެކަނި ކުރިއަށްދާނީ ޖޭޕީގެ ކެންޑިޑޭޓަށް ތާއީދު ކުރާ ބަޔަކާއެކުގައި އެކަނި ކަމަށެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ދާދިފަހުން ވިދާޅުވި ވާހަފުޅުންވެސް އެކަން ޔަގީންވެއެވެ. ގާސިމް ވިދާޅުވީ، އެކަނި ހުންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް މިފަހަރުގެ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށެވެ. އަމީން ވިދާޅުވީ، ގާސިމް އެހެން ވިދާޅުވީ، މީޑިއާތަކުގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން، ރިޔާސީ އިންތިހާބުގައި ގާސިމް ވާދަ ކުރައްވާނެ ކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް ދެއްވުމުގެ ގޮތުން ކަމަށެވެ.

ރިޔާސީ އިންތިހާބު ކައިރިވަމުން އަންނައިރު، ޕާޓީތަކުގައި އުފެދެމުން އަންނަ ފިކުރުތައް ގިނަވެ ޕާޓީތައް ބައިބައިވަމުންދާއިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމުންވެސް މިވަނީ އާ ފިކުރެއް ދިރެން ފަށައިފައެވެ. އެ ފިކުރު އުފެދެން ޖެހިފައި މިވަނީ، ޕާޓީ މެންބަރުންގެ މެދުގައި ޔަގީންކަން ކުޑަވެ، ރިޔާސީ އިންތިހާބަށް ރައީސް ޔާމީން ނޫން އިތުރު ގޮތެއް މިހާތަނަށް ދެއްކިފައި ނުވާތީއެވެ. މި ފިކުރު ބޮޑުވާނީ ކިހާ ވަރަކަށް ކަމެއް އަދި ނޭނގެ އެވެ. އެނގޭ ކަމަކީ މިއީވެސް ޕީޕީއެމް ތެރޭގައި މަޑުމަޑުން އުފަންވަމުން އަންނަ ފިކުރެއް ކަމެވެ. އިންތިހާބަށް ވަގުތު ކުޑަތަންވަމުން އަންނަވަރަކަށް މި ޕްރެޝަރުވެސް ބޮޑުވާނެ ކަމެވެ. ކެންޑިޑޭޓެއް ދައްކާން މެންބަރުން ޑިމާންޑް ކުރާނެ ކަމެވެ.