ފުޓުބޯޅައިގެ އެއްވެސް ފޯރިއެެއް ނެތް ކަމަށްބުނެ، ވާހަކަތަކެއް ދެކެވޭތާ އަހަރުތަކެއް ވެއްޖެއެވެ. ގައުމީ ފުޓުބޯޅަ ދަނޑުގައި 90 ގެ އަހަރުތަކުގައި އޮތް ފޯރި ގެނައުމަށް ހައްލެއް ހޯދިފައި ނުވުމުން، އެކަމަށް ފާޑުކިޔާ މީހުން ވެސް މަދެއް ނޫނެވެ. މިހާރު ރާއްޖޭގެ އެއްވަނަ ކުޅިވަރަކީ ފުޓުބޯޅައެއް ނޫނޭ ބުނުމަކީ ވެސް މުޅިން ދޮގަކަށް ނުވާނެއެވެ.
ރާއްޖެއަށް ފުޓްސަލް ތައާރަފުވުމާއެކު ފުޓުބޯޅައިގެ އަޑު ކެނޑިގެން ގޮސް، ފުޓުބޯޅައިގެ ތެރޭގައި އުޅޭ މޮޅެތި ކުޅުންތެރިންތަކެއް ހާއްސަވެގެންދިޔައީ ފުޓްސަލްއަށެވެ. ސަރުކާރުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ފުޓްސަލް ދަނޑުތަކެއް ތަރައްގީކޮށްފައެވެ. ރަށްރަށުގެ އިތުރުން ބައެއް ރިސޯޓުތަކުން ވެސް ފުޓްސަލަށް ހާއްސަ ދަނޑުތައް ހަދާފައިވެއެވެ.
ދިވެހި ފުޓުބޯޅައިގެ ހާލަތު އެންމެ ބޮޑަށް ދަށަށް ދިޔައީ ކްލަބުތައް ދަރަނިވެރިވެ، ކުޅުންތެރިންނަށް ގަވާއިދުން މުސާރަ ނުދެވުން ފަދަ ކަންކަން ދިމާވުމުންނެވެ. އެފަދަ މައްސަލަތައް ފީފާއިން ހުށަހެޅުމުން ދިވެހި ތާރީހުގައި ކާމިޔާބު ނިއު ރޭޑިއަންޑް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ފަދަ ތާރީހީ ކްލަބުތަކަށް ފިޔަވަޅުތައް އެޅުމުން އަދިވެސް އޮތީ "އަނދަވަޅެއް" ގައެވެ. އޭގެ އިތުރުން ކްލަބު ވެލެންސިއާ ވެސް އޮތީ އެފަދަ ހާލަތެއްގައެވެ.
ފުޓުބޯޅަ ކްލަބުތައް ދަރަނިވެރިވުމުގެ މައިގަނޑު ސަބަބަކީ ފައިސާ ހޯދޭނެ ގޮތެއް ނެތި، ކުޅުންތެރިންގެ އަގުތައް މައްޗަށް ޖެހުމުންނެވެ. އަގުތައް މައްޗަށް ދާން ފަށާފައިވަނީ ވަކި ހިސާބަކުން ކްލަބުތަކުގެ ހިންގުމާ "ސިޔާސީ ވިޔަފާރިވެރިން" ހަވާލުވި ހިސާބުންނެވެ. އެމީހުން ކްލަބުތަކާ ހަވާލުވެ، ވަރުގަދަ ކުޅުންތެރިން ގަތުމަށް ބޮޑެތި އަގުތައް ހުށަހަޅަން ފެށުމުން ހުރިހާ ކްލަބަކަށް ވެސް ޖެހުނީ އަގުތައް މައްޗަށް ގެންދާށެވެ.
ރާއްޖޭގައި ފުޓްސަލް އެންމެ ފާހަގަކޮށްލެވިގެންދިޔައީ މީގެ 15 އަހަރު ކުރިން މާފަންނު ސްޓޭޑިއަމް ވެލި ދަނޑެއްގައި ފެށި ކްލަބު މޯލްޑިވްސް ކަޕާއެކުއެވެ. ސަރުކާރު އޮފީސް އަދި ކުންފުނިތަކަށް ފެށި އެ މުބާރާތާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްސަލްގެ ފޯރި ގަދަވާން ފެށިއެވެ.
ފުޓްސަލާއެކު ދިވެހި ފުޓުބޯޅައަށް ވަނީ ބޮޑެތި އަސަރުތަކެއް ކުރަން ފަށައިފައެވެ. ފުޓުބޯޅައިގައި އަރަމުން އައި ތަރިން ކުއްލި ގޮތަކަށް ފުޓްސަލަށް ހާއްސަވާން ފެށިއެވެ. ސަބަބަކަށްވީ ކުޅުންތެރިންނަށް ލިބޭ އާމްދަނީއެވެ. ފުޓުބޯޅައިން މުސާރަ ނުލިބި، ކުޅުންތެރިންގެ ދިރިއުޅުމަށް އެތަކެއް އަސަރުތަކެއް ކުރުވި ނަމަވެސް، ފުޓްސަލުން މުސާރައިގެ ޔަގީންކަން ލިބިގެންދިޔައެވެ. މުބާރާތްތަކުގައި ވާދަކުރާ ކްލަބުތަކާއި ޖަމިއްޔާތަކާއި ޓީމުތަކާއި އޮފީސްތައް އަދި ކުންފުނިތަކަށް ވެސް ކިތަންމެ ބޮޑު އަގެއް ހުށަހެޅި ނަމަވެސް، އިތުބާރު ހޯދައިދިނެވެ.
މިހާރު ފުޓްސަލްގައި ބޮޑު މާކެޓެއް އެބައޮތެވެ. މުބާރާތްތަކުގައި ވިދާލާ ކުޅުންތެރިންނަށް ޓީމުތަކުން ޓާގެޓް ކުރަނީ ބޮޑެތި އަގުތަކެއް ހުށަހަޅައިގެންނެވެ. އެ މުސާރައިގައި ކުޅުންތެރިން ތިބެނީ ހަމަޖެހިގެން، ފުދުންތެރިކަމާއެކުއެވެ. އެހެން ކުޅުންތެރިން ވެސް އެ ފެންވަރަށް ދިއުމުގެ ގޮތުން މުބާރާތްތަކުގައި ވިދާލުމަށް މަސައްކަތްތަކެއް ކުރާތީ، ވާދަވެރިކަން ވެސް އިތުރުވެގެންދެއެވެ.
އެކަމާ ގުޅޭގޮތުން ކުރިން ފުޓުބޯޅައިގެ ތެރެއިން ވިދާލި ކުޅުންތެރިޔަކު "ވަން" އަށް މައުލޫމާތުދެމުން ބުނެފައިވާ ގޮތުގައި މިހާރު އަމާޒު ހުރީ ފުޓުބޯޅަ ދޫކޮށް، ފުޓްސަލަށް ހާއްސަވުމެވެ.
"ކޮންމެ ކުޅުންތެރިޔަކު ވެސް ފައިސާގެ ޔަގީންކަން އެބަ ބޭނުންވޭ. އެ ޔަގީންކަން ފުޓްސަލްގައި އެބައޮތް. އަހަރެން ވެސް މިހާރު ބޮޑު ފުޓުބޯޅައަށްވުރެ އިސްކަންދެނީ ފުޓްސަލަށް. މިއީ ރަނގަޅު އާމްދަނީއެއް ލިބޭ ކުޅިވަރެއް،" އޭނާ ބުންޏެވެ.
ފުޓްސަލްގައި އެންމެ ބޮޑަށް ވިދާލާ ކުޅުންތެރިންނަށް ބައެއް މުބާރާތްތަކުން އާމްދަނީގެ ގޮތުގައި 50،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބެއެވެ. މުބާރާތްތަކާ ދިމާކޮށް، ބޮޑެތި ކުންފުނިތަކުން އެ ކުޅުންތެރިންނަށް ވަޒީފާ ވެސް ހަމަޖައްސައެވެ. ޓީމުތަކުން މުބާރާތްތަކަށް މިލިއަނެއްހާ ރުފިޔާ ވެސް ހަރުދުކޮށްފައި އެބަހުއްޓެވެ.
މިހާރު ރާއްޖޭގައި ބޮޑެތި ގިނަ ފުޓްސަލް މުބާރާތްތައް ބާއްވައެވެ. ދަނޑުގެ ބޭރުގައި އެތައް ސަޕޯޓަރުންތަކަކާއެކު ފޯރި ވެސް ގަދައެވެ. ވަނަތަކަށް ހޮވޭ ޓީމުތަކަށް ލިބޭ ފައިސާގެ އިނާމުތައް ބޮޑުތަނުން ރަނގަޅެވެ.
ރާއްޖޭގައި މިހާރު ބޭއްވޭ އެންމެ ބޮޑު މުބާރާތެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ގޯލްޑަން ފުޓްސަލް ޗެލެންޖެވެ. މިހާރު އެ މުބާރާތަކީ ކުޅުންތެރިން އެންމެ އިންތިޒާރުކުރާ އަދި އެންމެ އިންތިޒާމު ރަނގަޅު ފުޓްސަލް މުބާރާތެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖު އިންތިޒާމުކުރާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ (ރިލޭ)، "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި، އަބަދުވެސް ވިސްނަވަނީ ފާހަގަވާ ކުދިކުދި ކަންކަން ރަނގަޅުކޮށް، އެއް ފަހަރުން އަނެއް ފަހަރަށް ކުރިއެރުންތައް ހޯދުމަށެވެ. އަބަދުވެސް ވިސްނަވަނީ ކުދިކުދި މުހިއްމު ކަންތައްތަކަށް ބަދަލު ގެނެސް، ކޮންސެޕްޓަށް ބަދަލެއް ނުގެނެސް ކުރިއަށްދިއުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ކޮންސެޕްޓަށް ބަދަލެއް ނުގެންނަނީ މުބާރާތުގެ ފޯރި ގެއްލޭނެތީ. ކުދިކުދި ބަދަލުތަކާއެކު އަބަދުވެސް މުބާރާތް ދާނީ އިތުރަށް ފުރިހަމަވަމުންކަން ފާހަގަކޮށްލަން ޖެހޭ. އަންނަ އަހަރުގެ މުބާރާތްވެސް މިއަށްވުރެ ފުރިހަމަކޮށް ފެންނާނެ. ދެމަހެއްހާ ދުވަހު މިއުޅެވުނީ މުބާރާތުގެ ތެރޭގަ. އަންނަ އަހަރު މުބާރާތަށް މިހާރުން ފެށިގެން ތައްޔާރުވަމުންދާނީ. އަހަރު ތެރޭގެ ކޮންމެ ދުވަހުކުވެސް ދާނީ އަންނަ އަހަރުގެ މުބާރާތަށް ތައްޔާރުވަމުން. ޓީމާއެކު ކޮންމެ ދުވަހަކުވެސް އެ ވާހަކަތައްވެސް ދެކެވެމުންދާނީ. މި މުބާރާތް މިހާ ހިސާބަށް އަންނަނީ މުބާރާތު ދުވަސްވަރު ކުރާ މަސައްކަތުން އެކަންޏެއް ނޫން. މުޅި އަހަރު ތެރޭގައިވެސް އަޅުގަނޑުމެން އުޅެނީ ހަމަ މި މުބާރާތާވެގެން. މި މުބާރާތުގެ އެކިއެކި ކަންކަން އަބަދުވެސް ކުރިއަށްދާނެ،" އޭނާ ވިދާޅުވިއެވެ.
ރިލޭ ވިދާޅުވިގޮތުގައި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކަށްވީ އަތޮޅު ފެންވަރުގައި، ރަށު ފެންވަރުގައި އަދި ގައުމީ ފެންވަރުގައިވެސް ފުޓްސަލް ކުޅޭ ކުޅުންތެރިންގެ ހުނަރު ދައްކާލެވެނޭ މާހައުލެއް، ޕްލެޓްފޯމެއް ގާއިމުކުރުމެވެ. ގޯލްޑަން ފުޓްސަލަށް ނުކުތީ އެ މުބާރާތުގެ ކުރިން އަތޮޅު ފެންވަރުގައިވެސް، ރަށު ފެންވަރުގައިވެސް މުބާރާތްތައް ބާއްވައި، އެ މުބާރާތްތަކުގެ ތަޖުރިބާއާއެކު ކަމަށް ރިލޭ ވިދާޅުވިއެވެ.
ފުޓްސަލަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، މި ކުޅިވަރަށް އިހުމާލުވެފައި އޮތުމެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަކީ ފުޓްސަލްގެ ވެސް ބެލެނިވެރި ފަރާތްކަމުގައި ވިޔަސް، އެ އިދާރާއިން ފުޓްސަލަށް ކޮށްދިން އެއްވެސް ކަމެއް ނެތެވެ. ފުޓްސަލްގެ މުބާރާތްތައް ބާއްވާނެ ކަމަށް ގިނަ ޕޯޑިއަމްތަކެއްގައި ވާހަކަދެއްކި ނަމަވެސް، އެކަން ވެގެންދަނީ ދައްކާލާ "ފޮނި" ވާހަކަތަކަކަށެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލޭ ގަބޫލުކުރައްވާ ގޮތުގައި އަދިވެސް ހާސިލު ނުވެ އޮތް ކަމެއް އެބައޮތެވެ. އޭނާގެ އުންމީދަކީ ފުޓްސަލް އާއިލާއަށް ރަނގަޅު ގޮތެއް ހޯދައިދިނުމެވެ. ގައުމީ އެވޯޑުތަކުގައި، އަދި ގައުމީ އެންމެ މަތީ ފަންތީގައި ފުޓްސަލްގެ އަގު ވަޒަން ނުކުރެވުމަކީ ހިތާމައެއް ކަމަށް އޭނާ ދެކިވަޑައިގަންނަވައެވެ.
"އެކަން ހައްލު ކުރުމަށް ގޯލްޑަން ފުޓްސަލްގެ ފަރާތުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނަން. އުންމީދަކީ ގޯލްޑަން ފުޓްސަލްއަކީ ސަރުކާރުން އެންޑޯސްކުރާ، ބަލައިގަންނަ މުބާރާތަކަށް ވުން. މި މުބާރާތުގައި ކުޅޭ ކުޅުންތެރިންނަކީވެސް އެވޯޑުގައި ވާދަކުރުމަށް ޝަރުތުހަމަވާ ކުޅުންތެރިންނަށް ވުން. އިރާދަކުރެއްވިއްޔާ އެކަމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން،" އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ގިނަ ރަށްރަށުގައި ރަނގަޅު ފެންވަރެއްގެ ފުޓްސަލް ދަނޑުތަކެއް ތަރައްގީކޮށްފައިވީ ނަމަވެސް، އެންމެ މަތީ ފެންވަރުގައި ކުޅެވޭނެ ފަދަ ވަސީލަތެއް ގާއިމުކުރެވިފައެއް ނުވެއެވެ. ބައިނަލްއަގުވާމީ ފުޓްސަލް މުބާރާތްތައް ކުޅެނީ އިންޑޯ ދަނޑުތަކުގައިކަމުން، ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް އެ އުނދަގުލާ ކުރިމަތިލާން ޖެހެއެވެ. އިންޑޯ ދަނޑެއް ނެތުމުން، ގައުމީ ޓީމުން ފަރިތަކުރުންތައް ކުރިއަށްގެންދަން ޖެހެނީ ސްކޫލުތަކުގެ ހޯލުތަކުގައެވެ.
ފުޓްސަލް ކުޅޭނެ އިންޑޯ ދަނޑެއް ނެތުމުގެ މައްސަލައިގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވަނީ މި ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން އެފަދަ ދަނޑެއް ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަހުލޫފު އެ ވާހަކަ ދެއްކެވިތާ މިހާރު މިވަނީ އަހަރެއް ވެފައެވެ. އަދި ސަރުކާރުގެ ދައުރު ނިމެން ފަސް މަހެއްހާ ދުވަސް އޮތް އިރު، އެކަމުގެ އެއްވެސް ހަބަރެއް ނެތުމަކީ ކަންބޮޑުވުމެކެވެ.
ކޮންމެއަކަސް ފުޓްސަލަކީ މިހާރު ރާއްޖޭގެ އެއް ނަމްބަރު ކުޅިވަރެވެ. ވަސީލަތްތައް އެބަ ބޭނުންވެއެވެ. އިހުމާލުވުން ދޫކޮށްލައި، ކުޅިވަރުގައި ރާއްޖެއަށް ރަން ވަނަތައް ހޯދައިދެވޭނެ ކުޅިވަރުތަކަށް ހާއްސަ ސަމާލުކަމެއް ދޭން އެބަޖެހެއެވެ. ފުޓްސަލް ކުޅުންތެރިންގެ އެންމެ ބޮޑު އުންމީދަކަށްވާނީ އެފަދަ ކާމިޔާބީތައް ހޯދޭނެ ފަދަ މަގެއް ތަނަވަސްވުމެވެ.