ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަން ނިންމާފައިވާ ފުޓްސަލް މުބާރާތްތަކުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފިއެވެ.
އެފްއޭއެމް އެކްސްކޯގެ 13 ވަނަ ބައްދަލުވުމުގައި ނިންމާފައި ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލެވޭ ފުޓްސަލް މުބާރާތް މިހާރު ފުޓުބޯޅައިގެ ޕިރަމިޑަށް ގެނައި ބަދަލާ އެއްގޮތަށް ކުރިއަށް ގެންދާށެވެ. އެގޮތުން ހަތަރު މުބާރާތެއް ޖުމުލަ ހިމަނާފައިވެއެވެ.
އެފްއޭއެމްއިން އިއުލާނުކުރި ހަތަރު މުބާރާތް
- އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026
- އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026
- އެފްއޭއެމް ފުޓްސަލް ރީޖަން ޗެމްޕިއަންޝިޕް 2026
- އެފްއޭއެމް ނޭޝަނަލް ފުޓްސަލް ޗެމްޕިއަންޝިޕް 2026
އެފްއޭއެމްއިން ބުނީ އޭގެ ތެރެއިން އެފްއޭއެމް އަތޮޅު ފުޓްސަލް މުބާރާތުގައި ބައިވެރިވާން މިއަދު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ މުބާރާތުގައި ބައިވެރިވުމަށް އެންމެފަހު ތާރީހަކީ އަންނަ ޖޫން މަހުގެ 14 ވަނަ ދުވަސް ކަމަށްވެސް އެފްއޭއެމްއިން ބުނެފައިވެއެވެ.
އެފްއޭއެމްއިން އާންމުކުރި މުބާރާތުގެ ސްޓްރަކްޗާގައި ވާގޮތުން 20 އަތޮޅެއްގައި އަތޮޅު މުބާރާތްތައް ކުޅެން ރާވާފައިވެއެވެ. އެއީ ޓީމުތައް ބައިވެރިވާ އަދަދުން ހޯސްޓް ކުރާ ވަކި ރަށެއް ކަނޑައަޅައިގެންނެވެ. އޭގެ އިތުރުން ދެން މުބާރާތް ކުޅޭނީ މާލޭ ރީޖަންގައެވެ.
މުބާރާތް ޖުލައި މަހުގެ 27 ވަނަ ދުވަހު ފަށާ އިރު، ކޮންމެ އަތޮޅެއްގެ ޗެމްޕިއަން އަދި ރަނަރަޕް ޒޯން ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. އެއީ މިހާރު ފުޓުބޯޅައިގެ އުސޫލުވެސް އޮތް ގޮތަށް، ރީޖަނަލް މުބާރާތުގެ ކޮލިފިކޭޝަން ފޭސްއެކެވެ. ދެން އޭގެފަހުން ރީޖަނަލް މުބާރާތާއި ގައުމީ މުބާރާތް، ނޭޝަނަލް ޗެމްޕިއަންޝިޕް ކުރިއަށްދާނެއެވެ.
ފުޓްސަލްގައިވެސް ނޯތު، ސެންޓްރަލް، މާލެ އަދި ސައުތު ރީޖަންގެ އިތުރުން މާލެ ރީޖަނަށް މެޗުތައް ކުޅޭނެއެވެ. ކޮންމެ ރީޖަން މުބާރާތެއްގައި ކުޅޭނީ ހަތަރު ޓީމެވެ. އޭގެފަހުން ނޭޝަނަލް މުބާރާތަށް ދާނީ ކޮންމެ ރީޖަނެއްގެ ޗެމްޕިއަން ޓީމެވެ. އެފްއޭއެމްއިން ބުނީ އެ ހަތަރު ޗެމްޕިއަނުން ގައުމީ ފުޓްސަލް ލީގަށް ކޮލިފައިވާނެ ކަމަށެވެ.
އެފްއޭއެމްއިން ދާދިފަހުން ކްލަބު މޯލްޑިވްސްއާއެކު އެއްބަސްވުން ހަދާފައިވާ އިރު، އެފަހަރު އިއުލާނުކުރީ އެއީ މިވަގުތު ރާއްޖޭގެ އެއްވަނަ ޑިވިޝަން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެއީ ރާއްޖޭގެ ފުޓްސަލް ލީގަކަށް ބަދަލުކުރަން ވިސްނާފައިވާ ކަމަށްވެސް އޭރު އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެފައިވެއެެވެ.
އަތޮޅު މުބާރާތުގައި ކުޅެވޭނީ ރަށު ކުޅުންތެރިންނަށް
އެފްއޭއެމްއިން އިއުލާނު ކޮށްފައިވާ ގޮތުގައި އަތޮޅު ޗެމްޕިއަންޝިޕްގައި ބައިވެރިވާ ޓީމުތަކުގައި ވާދަކުރާ ދިވެހި ކުޅުންތެރިން ވާން ޖެހޭނީ އެ ރަށެއްގެ ރަޖިސްޓްރީގައި ހިމެނޭ ކުޅުންތެރިންނަށް ކަމަށެވެ. އެހެންނަމަވެސް ކޮންމެ ޓީމެއްގައިވެސް ބިދޭސީ އެއް ކުޅުންތެރިތަކު ހިމެނުމުގެ ފުރުސަތު ދީފައިވެއެވެ. އަދި ފަހުން ޒޯން އަދި ރީޖަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާ ޓީމުތަކުން އެ މުބާރާތަށް ދިޔުމުގެ ކުރިން އަލުން ޓީމު ލިސްޓް ހުށަހަޅަން ފުރުސަތު ދޭންވެސް އެފްްއޭއެމްއިން ނިންމާފައިވެއެވެ.
ރީޖަން އަދި ޒޯން މުބާރާތަށް ޓީމު ލިސްޓް ބަދަލުކުރާ އިރު، ރާއްޖޭން ބޭރުގެ ކުޅުންތެރިޔަކާއި ރަށުން ބޭރު ރާއްޖޭގެ ކުޅުންތެރިޔަކު ޓީމުގައި ހިމަނަން ފުރުސަތު ދީފައިވެއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފީއަކީ 7000 ރުފިޔާއެވެ.
މުޙައްމަދު ޝަމްޢޫން
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕް
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕް