ފީފާއިން މިއަދު އިއުލާނުކުރި ފީފާގެ ފުޓްސަލް ރޭންކިންގައި ރާއްޖޭން 10 ދަރަޖައިގެ ކުރިއެރުމެއް ހޯދައި، ދުނިޔޭގެ އެންމެ ވަރުގަދަ 100 ގައުމުގެ ތެރެއަށް ޖެހިލައިފިއެވެ.

ފީފާއިން މިއަދު އާއްމުކުރި ފުޓްސަލް ރޭންކިންގައި ރާއްޖެ އޮތީ 99 ވަނައިގައެވެ. މިދިޔަ އަހަރުވެސް ސަރަހައްދީ އެއްވަނައިގައި އޮތް ރާއްޖެ، އެ މަގާމު ދިފާއުކޮށްފައިވާ އިރު، މިހާރު ވަނީ އޭޝިއާގެ 24 ވަނައަށްވެސް ޖެހިލައިފައެވެ. އެއީ ނިސްބަތުން ބޮޑު ކުރިއެރުމެކެވެ.

އޭޝިއާގެ އެންމެ ވަރުގަދަ ޓީމެއްގެ ގޮތުގައި އަދިވެސް އިރާން އޮތް އިރު، އެޓީމު އޮތީ ދުނިޔޭގެ ފަސްވަނައިގައެވެ. މިވަގުތު ދުނިޔޭގެ އެއްވަނައިގައި ރޭންކް ކޮށްފައިވާ ޓީމަކީ ބްރެޒިލެވެ. އަދި ދެވަނައިގައި ޕޯޗުގަލް އޮތް އިރު، ތިންވަނައިގައި އޮތީ ސްޕެއިންނެވެ.

ރާއްޖޭން ރޭންކިން މައްޗަށް ޖެހިލާފައިވަނީ މި ސަރަހައްދުގައި ދާދިފަހުން ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ތަށްޓާއެކުގައެވެ. ސަރަހައްދީ ހުރިހާ ގައުމެއް ބަލިކޮށް، ސައްތައިން ސައްތަ ރެކޯޑަކާއެކު ރާއްޖޭން ސާފްގެ ތަށި ނަގާފައިވާ އިރު، އެ މުބާރާތް ވެގެންދިޔައީ ރާއްޖޭގެ ކުޅިވަރު ތާރީހުގައިވެސް ބޮޑު ކާމިޔާބީއަކަށެވެ.

ރޭންކިންގައި އަވަސް ކުރިއެރުންތަކެއް ފުޓްސަލްއިން ހޯދަމުންދާ ނަމަވެސް، ފުޓްސަލްއަށް އަދިވެސް ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެންމެ މަގުބޫލު ކުޅިވަރުގެ ގޮތުގައި މިވަގުތު އޮތް ފުޓްސަލްއަށް އަދިވެސް ރަނގަޅު ވަސީލަތްތަކެއް ގާއިމުކުރެވިފައި ނުވާ އިރު، އިންޑޯ ފެސިލިޓީއަކަށް އިންތިޒާރުކުރާތާ ދުވަސްތަކެއް ވެއްޖެއެވެ. ސަރުކާރުން މިހާރު އެ މަސައްކަތް ފަށާފައިވާ އިރު، މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެފައި ވަނީ މިއަހަރު ފެސިލިޓީގެ އަމަލީ މަސައްކަތް ހިނގާނެ ކަމަށެވެ.

އޭގެ އިތުރުން ފުޓްސަލް ކުޅުންތެރިންނަށް އަދިވެސް ގައުމީ ޓީމުގެ އެތުލީޓުންނަށް ލިބެން ޖެހޭ މުސާރައާއި ހެލްތު އިންޝުއަރެންސްވެސް ލިބިގެން ނުދެއެވެ. އެކަންވެެސް އަންނަ އަހަރު ފައްޓަވާނެކަމަށް މިނިސްޓަރު ފާހަގަކުރައްވާފައިވާ އިރު، ފުޓްސަލްގެ ގައުމީ ލީގެއް ނެތުމަކީ ޗެލެންޖެއް ކަމަށް ފާހަގަކުރައްވާފައިވެއެވެ.

އެކަމަށް ހައްލެއް ގެނައުމަށް އެފްއޭއެމްއިން ދާދިފަހުން ވަނީ ފުޓްސަލް ގައުމީ ލީގެއް އިއުލާނުކޮށް، ފުރަތަމަ ޑިވިޝަނަކީ ކްލަބު މޯލްޑިވްސް ކަޕް ކަމަށް އިއުލާނު ކޮށްފައެވެ.

ރާއްޖޭގެ ފުޓްސަލް މިދިޔަ 15 ވަރަކަށް އަހަރު ތެރޭގައި ކުރިއަރަމުން އައިސްފައިވާ އިރު، އެކަމުގައި އަތޮޅު ތެރޭގައި ބޭއްވޭ މުބާރާތްތަކުގެ އިތުރުން މާލޭގައި ބާއްވާ ވަރުގަދަ މުބާރާތްތައް ބޮޑު ދައުރެއް އަދާކޮށްފައިވެއެވެ. އެގޮތުން 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ގޯލްޑަން ފުޓްސަލް ޗެލެންޖާއި ކްލަބު މޯލްޑިވްސް ފަދަ މުބާރާތްތަކުން ތަރިން އުފެދިފައިވެއެވެ.