Close
ރިޕޯޓް

ސިޓީއާއި އިންޓަރ މިލާނުގެ ފައިނަލަކީ އާޖެންޓީނާއަށްވެސް ތާރީޚީ ފައިނަލެއް

އިމާދު ލަތީފު

ކުރިއަށް އޮތް ޖޫންމަހުގެ ދިހަވަނަ ދުވަހު ތުރުކީގެ އިސްތަންބޫލްގައި ކުޅޭ ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކޮންމެ ބަޔަކު ކާމިޔާބުކުރިއަސް ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚީ ލިސްޓެއްގައި އާޖެންޓީނާގެ ކުޅުންތެރިއެއްގެ ނަން ލިޔެވޭނެއެވެ. އިންގްލެންޑުގެ މެންޗެސްޓަރ ސިޓީ މޮޅުވެއްޖެނަމަ އެކުޅުންތެރިޔަކީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ހޫލިއަން އަލްވަރޭޒެވެ. އިޓަލީގެ އިންޓަރ މިލާން މޮޅުވެއްޖެނަމަ އެކުޅުންތެރިޔަކީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ލައުޓާރޯ މާޓިނެޒްއެވެ. މި ދައްކަނީ ކޮން ލިސްޓެއްގެ ވާހަކަ ބާވަައެވެ. ލިސްޓަކީ އެއް ސީޒަނެއްގައި ނުވަތަ އެއް އަހަރެއްގެ ތެރޭގައި ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ފަޚުރުވެރި ދެ ތަށި ހޯދި ކުޅުންތެރިންގެ ލިސްޓެވެ. ވޯލްޑްކަޕާއި ޔޫރަޕިއަން ޗެމްޕިއަންސް ލީގު އެއް އަހަރެއްގެ ތެރޭގައި ކާމިޔާބުކުރި ކުޅުންތެރިންގެ ލިސްޓެވެ.

މިހާތަނަށް ތިން ފަހަރު އާޖެންޓީނާއިން ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވިޔަސް މި ލިސްޓުގައި އާޖެންޓީނާގެ ކުޅުންތެރިޔަކު އަދި ނުހިމެނެއެވެ. މި ލިސްޓުގައި އަދިތިބީ ޖަރުމަނާއި ފްރާންސާއި ބްރެޒިލްގެ ކުޅުންތެރިންތަކެކެވެ. ލިސްޓު މާދިގެއްވެސް ނޫނެވެ. ދާދިކުރު ލިސްޓެކެވެ. މިފަހަރު މިއީ އާޖެންޓީނާގެ ނަން މިލިސްޓަށް އިތުރުވެގެންދާނެ ފަހަރެކެވެ. ނަތީޖާ ކޮންމެ ކޮޅަކަށް ބަރުވެގެން ނިމުނަސްމެއެވެ. އިންޓަރ މިލާނުގެ ލައުޓާރޯ މާޓިނެޒް ވަނީ މި ސީޒަނުގެ މެދުތެރެއިން އާޖެންޓީނާއަށް ވޯލްޑްކަޕް ކާމިޔާބުކޮށްދިނުމުގައި ދައުރެއް އަދާކޮށްފައެވެ. އަދި އޭނާވަނީ މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި އޭސީމިލާން އަތުން އިންޓަރ މޮޅުކޮށްދިނުމަށް ލަނޑުވެސް ޖަހައިފައެވެ. މެންޗެސްޓަރ ސިޓީގެ އަލްވަރެޒްވެސް ހަމަ މިފަދައެވެ.

އަލްވަރެޒް ވަނީ ވޯލްޑްކަޕްގައި މިފަހަރު އާޖެންޓީނާ ތަމްސީލުކުރުމުގެ އިތުރަށް މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ލަނޑުވެސް ޖަހައިދީފައެވެ. އެހެންވީމާ ތާރީޚީ ފައިނަލް މެޗަށް މުޅި އާޖެންޓީނާގެ ލޯ ވަނީ އަމާޒުވެފައެވެ. އެހެންވާނެތާއެވެ. މިއީ ފަޚުރުވެރި ލިސްޓެއްގައި އާޖެންޓީނާގެ ކުޅުންތެރިޔަކު ހިމެނޭ ފުރަތަމަ ފަހަރެވެ. އެ ލިސްޓަކީ ޑިއޭގޯ މަރަޑޯނާ އާއި ލިއޯ މެސީއަށްވެސް ޖާގަ ނުލިބުނު ލިސްޓެވެ. އެއް ސީޒަނެއްގައި ވޯލްޑްކަޕާއި ޗެމްޕިއަންސް ލީގު އެންމެ ފުރަތަމަ ކާމިޔާބުކުރީ 1974 ވަނަ އަހަރު ޖަރުމަނީގެ ހަތް ކުޅުންތެރިއެކެވެ. އެއަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރީ ޖަރުމަނީ ކަމަށްވެފައި ހަމަ އެސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރީވެސް ޖާރމަނީގެ ބަޔާން މިއުނިކް ކަމަށްވީމާ ގައުމީ ޓީމުގައި ހިމެނުނު ބަޔާންގެ ކުޅުންތެރިން ލިސްޓަށް އެރީއެވެ.

އެ ހަތް ކުޅުންތެރިންނަކީ ފްރޭންޒް ބެކެންބާރ، ޕޯލް ބްރެއިޓްނަރ، ސެޕް މަޔަރ، ހޭންޒް ޝުވާރޒެންބެކް، ގާޑް މުލަރ، އުލީ ހޮނަސް، އަދި ޖޫޕް ކަޕެލްމަންއެވެ. މިދެންނެވި ހަތް ކުޅުންތެރިން މި ލިސްޓަށް އެރިތާ ސާޅީސް އަހަރު ފަހުން ޖަރުމަނީގެ ސާމީ ޚަދީރާ ވަނީ މި ލިސްޓުން ޖާގަހޯދި ޖަރުމަނީގެ އަށްވަނަ ކުޅުންތެރިޔާ ކަމަށްވެފައެވެ. ޚަދީރާ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިބުކުރި ޖަރުމަނުގެ ޓީމުގައި ހިމެނިފައެވެ. އަދި އެސީޒަނުގައި ޔޫރަޕިއަން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ސްޕޭނުގެ ރެއާލް މެޑްރިޑުގެ ޓީމުގައިވެސް އޭނާ ވަނީ ހިމެނިފައެވެ. މި ލިސްޓަށް މިހާތަނަށް އެރި ބްރެޒިލްގެ ހަމައެކަނި ކުޅުންތެރިޔަކީ ކުރީގެ މަޝްހޫރު ވާތުބެކް ރޮބާޓޯ ކާލޯސްއެވެ. ސްޕޭނުގެ ރެއާލް މެޑްރިޑާއެކު ޗެމްޕިއަންސް ލީގުގެ މެޑަލް އޭނާގެ ކަރުގައި އަޅުވައިލި ސީޒަންގައި ބްރެޒިލްއާއެކު ވޯލްޑްކަޕްވެސް އޭނާއަށް ކާމިޔާބު ކުރެވުނެވެ. އެއީ 2002 ވަނަ އަހަރުގެ ވޯލްޑްކަޕެވެ.

ރޮބާޓޯ ކާރލޯސްއަށް މި ޝަރަފު ލިބުމުގެ ހަތަރު އަހަރު ކުރިން ފްރާންސްގެ ކްރިސްޓިއަން ކަރެމްބާ ވަނީ ހަމަ މި ޝަރަފު ހޯދައިފައެވެ. ފްރާންސާއެކު 1998 ގެ ވޯލްޑްކަޕް ކާމިޔާބުކުރުމާއެކު ހަމަ އެސީޒަނުގައި ސްޕޭނުގެ ރެއާލް މެޑްރިޑާއެކު ޔޫރަޕިއަން ޗެމްޕިއަންސް ލީގުވެސް އޭނާ ކާމިޔާބުކުރިއެވެ. ކްރިސްޓިއަން ކަރެމްބާއަކީ މިލިސްޓުގައި ހިމެނޭ ފްރާންސްގެ ހަމައެކަނި ކުޅުންތެރިޔާއެއް ނޫނެވެ. ފްރާންސްގެ ދެވަނަ ކުޅުންތެރިޔަކީ ރަފޭލް ވަރާނެވެ. ފްރާންސާއެކު 2018 ވަނަ އަހަރުގެ ވޯލްޑްކަޕް އޭނާ ކާމިޔާބުކުރިއެވެ. އަދި އެސީޒަނުގައި ސްޕޭނުގެ ރެއާލް މެޑްރިޑާއެކު ޗެމްޕިއަންސް ލީގުވެސް އޭނާ ވަނީ ކާމިޔާބުކޮށްފައެވެ. މި ލިސްޓަށް ބެލީމާ މުޅިންވެސް މިފެންނަނީ ބަޔާން މިއުނިކާއި ރެއާލް މެޑްރިޑްގެ ކުޅުންތެރިންނެވެ. ފަހަކަށްއައިސް މުޅިންވެސް ރެއާލް މެޑްރިޑްގެ ކުޅުންތެރިންނެވެ.

ކުރިން މިދެންނެވި ޓްރެންޑް މިފަހަރު ނިމުމަކަށް އަންނާނެއެވެ. ޖަރުމަނީ އާއި ފްރާންސާއި ބްރެޒިލްގެ އިތުރަށް އާޖެންޓީނާގެ ނަންވެސް ލިޔެވިގެންދާނެއެވެ. ބަޔާން މިއުނިކާއި ރެއާލް މެޑްރިޑްގެ އިތުރަށް މެންޗެސްޓަރ ސިޓީގެ ނަން ނުވަތަ އިންޓަރ މިލާނުގެ ނަންވެސް ލިޔެވިގެންދާނެއެވެ. އިންޓަރ މިލާނަކީ މީގެކުރިން ތިންފަހަރަކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ޓީމެކެވެ. އެއީ 1964، 1965 އަދި 2010 ގައެވެ. މެންޗެސްޓަރ ސިޓީއަށް އަދި ދުވަހަކުވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައެއް ނެތެވެ. އެންމެ ކައިރިއަށްވެސް ދެވުނީ 2019 ގައެވެ. އެފަހަރުގެ ފައިނަލްގައި އިންގްލެންޑުގެ އެހެން ކުލަބެއްކަމުގައިވާ ޗެލްސީ އަތުން ބަލިވީއެވެ. މިފަހަރު މިއީ ސިޓީގެ ތާރީޚުގައިވެސް ޗެމްޕިއަންސް ލީގުގެ ދެވަނަ ފައިނަލެވެ.