Close
ރިޕޯޓް

ޓައިވާނަށް ސަފީރަކު ކަނޑައަޅަން ފޮނުވި ސިޓީ އިސްލާހުކޮށް މަޖިލީހަށް ހުށަހަޅައިފި

ރާޖެއިން ޗައިނާއަށް އާ ސަފީރަކު ހަމަޖެއްސުމަށްޓަކައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ޗައިނާގެ ބަދަލުގައި އޮޅިގެން ޓައިވާންގެ ނަން ޖެހިފައިވާތީ، އެ ކުށް ރަނގަޅުކޮށް ރައްޔިތުންގެ މަޖިލީހަށް އަލުން ސިޓީ ފޮނުއްވައިފިއެވެ.

އެ ސިޓީފުޅު ރައީސް އެންމެ ފުރަތަމަ މަޖިލީހަށް ފޮނުއްވީ މިދިޔަ ހަފުތާގައެވެ. މިދިޔަ ބުރާސްފަތި ދުވަހު އޮތް ޖަލްސާގައި މަޖިލީހުގެ އަމީން އާއްމު މި ސިޓީފުޅު މަޖިލީހަށް އިއްވެވިއެވެ. ނަމަވެސް އެ ސިޓީފުޅުގައި ވިދާޅުވެފައިވަނީ "ރިޕަބްލިކް އޮފް ޗައިނާ" އަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަގާމަށް ހުދާ އަލީ ޝަރީފް އައްޔަންކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ރިޕަބްލިކް އޮފް ޗައިނާ" އަކީ ޓައިވާންއެވެ. ޗައިނާއަށް ދިގުކޮށް ކިޔާ ނަމަކީ "ޕީޕަލް ރިޕަބްލިކް އޮފް ޗައިނާ"އެވެ. ޓައިވާނުން ގެންދަނީ އެ ގައުމަކީ މެއިންލޭންޑް ޗައިނާއިން ވަކިވެފައިވާ މިނިވަން ގައުމެއް ކަމަށް ބުނަމުންނެވެ. ނަމަވެސް ޗައިނާއިން ބުނަމުންދަނީ ޓައިވާނަކީ އަދިވެސް އެ ގައުމުގެ މެއިންލޭންޑުގެ ބައެއް ކަމަށެވެ.

ރައީސް ސޯލިހުގެ އެ ސިޓީފުޅާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެންގް ލިޒިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެކަމާ ގުޅިގެން ސަރުކާރުން މައާފަށް އެދިފައިވާ ކަމަށެވެ. ގައުމުގެ ނަން ޖެހުމުގައި ކަން ހިނގި ގޮތް ފޮރިން މިނިސްޓްރީން ސާފުކޮށްދީފައިވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

އެ ސިޓީފުޅު އިސްލާހުކޮށް މަޖިލީހަށް އަލުން ފޮނުއްވުމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ސިޓީފުޅު ވަނީ އިއްވައިފައެވެ. އެ ސިޓީފުޅު އިއްވުމުން، އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ފޮނުވައިފައެެވެ.