ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭން ފެށުމުގެ ތައްޔާރީތަކަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީން، އެ ޕާޓީގެ ބޮޑު ދިދަ މިއަދު ނަގައިފިއެވެ.

އެމްޑީޕީން ހުރިހާ ރަށެއްގައި އެ ޕާޓީގެ ދިދަ ނަގާފައިވަނީ އެ ޕާޓީގެ މެނިފެސްޓޯ ތައްޔާރުކުރުމަށް ރާއްޖޭގެ ހުރިހާ ރަށަކަށް ކުރަމުންދާ "ރާއްޖެ ދަތުރު" ގައެވެ.

އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ދިދަ ހުރިހާ ރަށެއްގައި ނަގައި، ކެމްޕޭން ޓީމުތައް ރުކުރަވާލުމުގެ މަސައްކަތް ފެށިއްޖެ ކަމަށެވެ. ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ސްޕޯކްސްޕާސަން އަނަސް އަބްދުއްސައްތާރު ވިދާޅުވީ ރައީސް ސޯލިހުގެ ކެމްޕޭން ޕޯސްޓަރުތައް ތަތްކުރުމުގެ މަސައްކަތް ވެސް ރާއްޖޭގެ އެކި ރަށްރަށުގައި ކުރަމުންދާ ކަމަށެވެ.

ދިދަ ނެގުމުގެ ހަރަކާތް އެމްޑީޕީން ބާއްވާފައިވަނީ މިއަދު ހަވީރު 4:00 ގައެވެ. އެމްޑީޕީން ވަނީ އެ ޕާޓީގެ ކެމްޕޭން ފެށުމަށް 400 އަށްވުރެ ގިނަ މީހުންގެ ޓީމެއް އެކި ރަށްރަށަށް ފޮނުވައިފައެވެ.