Close
ޚަބަރު

ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް ހެލްތު ސްކްރީނިން ޕްރޮގްރާމެއް

ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 19 އަހަރު ފުރުމާ ގުޅިގެން އާބަންކޯ އިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހެލްތު ސްކްރީނިން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އާބަންކޯ އިން މިއަދު ބުނީ ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 19 އަހަރު، މި މެއި މަހުގެ 12 ވަނަ ދުވަހު ފުރިފައިވާ އިރު، އެ ދުވަސް ފާހަގަކުރުމަށްޓަކައި އެކުންފުނިން ގިނަ ހަރަކާތްތަކެއް އިންތިޒާމްކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން އާބަންކޯ އާއި ހުޅުމާލޭގައި ހިންގަމުން އަންނަ ހޮސްޕިޓަލްތައް ގުޅިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހެލްތު ސްކްރީނިން ޕްރޮގްރާމްތަކެއް ކުރިއަށްގެންދިއުމަށްވެސް ނިންމާފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

މި ހެލްތް ސްކްރީނިން ޕްރޮގްރާމް ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6:00 އާ ހަމައަށެވެ. ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ކުރިއަށްގެންދަން ރާވަފައިވާ މި ހަރަކާތް ކުރިއަށްގެންދާނީ ފޭސް އެކެއްގެ ރުއްގަނޑު އެކެއް އަދި ރުށްގަނޑު ތިނެއް ސަރަހައްދުގައި ކަމަށް އާބަންކޯ އިން ބުންޏެވެ.

އާބަންކޯ އިން މައުލޫމާތު ދޭ ގޮތުގައި މި ޕްރޮގްރާމް މައިގަނޑުގޮތެއްގައި އަމާޒުކޮށްފައި ވަނީ ރާއްޖޭގައި އާންމުކޮށް ފެންނަ ގައިން ގަޔަށް ނާރާ ބަލިތަކަށެވެ. އެގޮތުން ރުށްގަނޑު އެކެއް ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލުގެ ފަރާރުން ބަލަމުންދާނީ ހިތުގެ ބަލިތަކުގެ މައްސަލަތަކެވެ. މި ސަރަހައްދުގައި މިފަދަ ބަލިތަކުގެ މައްސަލަތައް ދެނެގަތުމުގެ ޓެސްޓުތައް ހަދާނެ ކަމަށާއި އޭގެ ތެރޭގައި ހަކުރު ޓެސްޓާއި ބީޕީ އަދި ބީއެމްއައި ބަލައި، މިކަންކަމާ ގުޅުންހުރި މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯ އިން ބުންޏެވެ.

އޭގެ އިތުރުން ރުށްގަނޑު ތިނެއްގައި ހިޔާ މެޑިކަލް ސެންޓަރުގެ ފަރާތުން ޗައިލްޑް ނިއުޓްރިޝަން އާއި ޑެންޓަލް ޗެކަޕްތަކެއް ކުރިއަށްގެންދާނެ ކަމަށްވެސް އާބަންކޯ އިން ބުންޏެވެ.

އާބަންކޯ އިން ބުނީ ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިކަހަލަ ހަރަކާތެއް ކުރިއަށްގެންދިއުމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގެ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ހަދައި މިކަންކަމަށް އާންމުން އަހުލުވެރިކުރުވުން ކަމަށެވެ.