ކަނޑު އަޑިއަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.
ފުލުހުން މިއަދު ބުނީ ފ. އަތޮޅުގެ ފިލިތެޔޮ ކައިރިން ކަނޑު އަޑިއަށް މަސްތުވާތަކެތި ފައްތާފައިވާކަމުގެ މައުލޫމާތު ލިބުމުން، އެ އަތޮޅުގައި ފުލުހުން އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކަމަށެވެ.
ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކަނޑުއަޑިއަށް ފައްތާފައިވަނިކޮށް ހޯދާފައިވަނީ ކޮން ބާވަތެއްގެ އަދި ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް އަދި އެތަކެތި ފެނިފައިވަނީ ކިހާ ފުންމިނަކުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު