ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓް އެއްކޮށްލި މައްސަލައިގައި އެއްބަސްވުން ބާތިލުކޮށް، އެ ދެ އެޕާޓްމެންޓް ހުސް ކުރަން 14 ދުވަހުގެ ނޯޓިސްއެއް ފޮނުވައިފިއެވެ.

ހިޔާ ފްލެޓުގެ ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަތަރު ކޮޓަރީގެ އެޕާޓްމަންޓެއް ހަދާފައިވާ ކަމުގެ ރިޕޯޓެއް އާބަންކޯއަށް ލިބުނީ މި މަހުގެ ކުރީ ކޮޅުގައެވެ. އެ ރިޕޯޓް ލިބުމާ ގުޅިގެން އެތަން ބެލުމަށްފަހު އާބަންކޯއިން ވަނީ އެއިން ކޮންމެ އެޕާޓްމެންޓެއް ލިބިފައިވާ ފަރާތް 100،000 ރުފިޔާއިން ޖޫރިމަނާކޮށް، އެޕާޓްމެންޓު ކުރިން ހުރި ގޮތަށް ބަދަލުކުރަން އަންގައިފައެވެ. އެ ފައިސާ ދައްކަން ދިނީ 10 ދުވަހުގެ މުއްދަތަކެވެ.

އާބަންކޯގެ މީޑިއާ އޮފިޝަލް އަލީ މަޝާރު މިއަދު "ވަން" އަށް ވިދާޅުވީ އެ ދެ އެޕާޓުމެންޓުގެ ވެރިން ޖޫރިމަނާގެ ފައިސާވެސް އަދި އެތަން ކުރިން ހުރި ގޮތަށް އިމާރާތް ބަދަލުކޮށްފައި ވެސް ނުވާ ކަމަށެވެ.

"އެހެންވެ އާބަންކޯއިން ވަނީ އެޕާޓުމެންޓުތައް ހުސްކުރަން އަންގައި 14 ދުވަހުގެ ނޯޓިސްއެއް ފޮނުވައިފައި. އަދި ޖޫރިމާނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން އަންގާފައި،" މަޝާރު ވިދާޅުވިއެވެ.

ދެ އެޕާޓްމެންޓް އެއްކޮށްލައިގެން ހަދާފައިވާ ހަތަރު ކޮޓަރީގެ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި ވެސް އާންމުވެފައެވެ.