ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ މަސައްކަތުގެ 50 ޕަސެންޓް މިހާރު ފުރިހަމަ ކުރެވިފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން ބުނެފިއެވެ.
މަނަދޫ ބަނދަރު މަޝްރޫއުގެ މަސައްކަތް ކުރިއަށްދާގޮތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން މިއަދު ބުނީ މަނަދޫ ބަނދަރުގެ ރޭމްޕް އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ޖެޓީގެ ކޮލަމް ހަރުކުރުމުގެ މަސައްކަތުގެ 52 ޕަސެންޓް މިހާރު ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި ކުރީގެ ބަނދަރު އަލުން ފުންކުރުމުގެ މަސައްކަތުގެ ވެސް 30 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
ޕްލޭނިން މިނިސްޓްރީން މަނަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހުއެވެ. 30.3 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 300 ދުވަހުން ނިންމާ ގޮތަށެވެ.
މަނަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 29,038 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 195 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 188 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި ކޮންކްރީޓް ބްރިޖެއް އެޅުމާއި ރޭމްޕެއް ހެދުމުގެ އިތުރުން ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު