ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ ލެގުގައި ވަރުގަދަ ރެއާލް މެޑްރިޑް ބަލިކޮށް، މެންޗެސްޓާ ސިޓީން ވަނީ އެޓީމުގެ ތާރީހުގައި ދެވަނަ ފަހަރަށް މުބާރާތުގެ ފައިނަލް ޔަގީން ކޮށްފައެވެ. ސިޓީން ރޭ އަމިއްލަ ދަނޑުގައި އެންމެފަހުގެ ޗެމްޕިއަން ރެއާލް ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލެގު ރެއާލް ދަނޑުގައި 1-1 އިން އެއްވަރުވެފައި އޮތް އިރު، ސިޓީން ދެލެގު ކާމިޔާބުކުރީ 5-1 ގެ ތަފާތު ބޮޑު އެގްރިގޭޓް ނަތީޖާއަކުންނެވެ.
މިދިޔަ އަހަރު ސެމީގައި ފަހުވަގުތު ކޮޅަށް ވަން ގޯލުތަކާއެކު ރެއާލް ކައިރިން ސިޓީ ކެޓި އިރު، ރޭގެ މެޗަށްފަހު ކޯޗު ޕެޕް ގާޑިއޯލާ ބުނީ މިދިޔަ އަހަރުގެ ހިތްދަތިކަން ހަނދާނުން ފޮހެލެވިއްޖެ ކަމަށެވެ.
"ރެއާލްއާއެކު ސެމީ ކުޅެން ޖެހުމުންވެސް އަހަރެން ބުނީ މި މެޗު އަހަރެން ނަގަން ޖެހެއޭ. އަހަރެންގެ ބަނޑުތެރޭގަ އިހުސާސްތައް ހުރި، ކުރީ އަހަރުގެ މެޗުގެ އިހުސާސްތައް. މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ހާސްކަން، އަދި ޓެންޝަން އަހަރެންގެވެސް ހުރި. އެއީ މިކަހަލަ މެޗުތަކުގެ ކުރިން ވެދާނެ ގޮތެއް. މިދިޔަ އަހަރުގެ ހިތްދަތިކަން މި މެޗަށް ނުކުތްއިރުވެސް ހުރި. މިރޭ އެހުރިހާ ކަމެއް ގޮސްފި. އެ ހުރިހާ ކަމެއްގެ ހަނދާން ނެތިގެން ގޮސްފި. އެއް އަހަރު ތެރޭ ޓީމަކަށް އައި ހެޔޮ ބަދަލު މިރޭ ފެނިގެން ގޮސްފި،" ސިޓީ ކޯޗު ގާޑިއޯލާ ރޭ ބުންޏެވެ.
ސިޓީން ކްލަބު ތާރީހުގައި ދެވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ފައިނަލް ޔަގީންކޮށްފައިވާ އިރު، މިއީ އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫރަޕްގެ ރަސްކަމަށް އަރަން ލިބޭނެ ބޮޑު ފުރުސަތެކެވެ.
ސިޓީން ޗެމްޕިއަންސް ލީގު ފައިނަލް ޔަގީން ކޮށްފައިވާ އިރު، އެޓީމުން އެއް ސީޒަނެއްގައި ތިން ތަށި ހޯދަން ކުރަމުންދާ މަސައްކަތަށް މިހާރު ވަނީ ބޮޑު އުންމީދެއް ލިބިފައެވެ. އިނގިރޭސި ޕްރިމިއާ ލީގު ހޯދަން ސިޓީއަށް އެންމެ މޮޅެއް ބޭނުންވެފައި އޮތް އިރު، އެޓީމުން އެފްއޭ ކަޕްގެ ފައިނަލުގައި ނުކުންނަން ޖެހޭނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. މީގެ ކުރިން އިނގިރޭސި ޓީމަކަށް އެއް ސީޒަނެއްގައި ތިން ތަށި ހޯދި ހަމައެކަނި ޓީމަކީ ޔުނައިޓެޑެވެ.
ތިން ތަށީގެ ވާހަކަ ދައްކަމުން ރޭވެސް ގާޑިއޯލާ ބުނީ މެޗަކަށްފަހު މެޗަކަށް ވިސްނައިގެން ނޫނީ އެކަމަށް އަދިވެސް މަސައްކަތް ކުރަން ބޭނުންނުވާ ކަމަށާއި، ދެންވެސް ސީޒަނުގައި ބާކީ އޮތް މެޗުތަކަށް ވަރަށް ބޮޑަށް ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމަށެވެ.