ޚަބަރު

ޕާޓީއެއް ހަދާނަމަ ނަޝީދު ވެރިކަމަށް ކުރިމަތި ލައްވަންވާނެ، އެމްޑީޕީގައި ހުންނަވާ ނަމަ އިބޫ ފަހަތަށް އަރަންވާނެ: ފައްޔާޒް

އާ ޕާޓީއެއް ހަދާނަމަ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ކުރިމަތި ލައްވަންވާނެ ކަމަށާއި ނަމަވެސް އެމްޑީޕީގައި އެ މަނިކުފާނު ހުންނަވާ ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތަށް އަރަންވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ، ރައީސް ނަޝީދުގެ ސަބަބުން އެމްޑީޕީއަށް ލިބޭނެ އިތުރު ގެއްލުމެއް މިހާރު ނެތް ކަމަށެވެ. އަދި ވަކި ޕާޓީއެއް ހައްދަވާ ނަމަ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެދޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެނޭ ރައީސް ނަޝީދު ވާހަކުރައްވަން. އޭރުންތާ އެނގޭނީވެސް ވަރަށް ސާފުކޮށް ކަންކަން އޮތް ގޮތްވެސް. ހަމަ ވަރަށް އެދެން ރައީސް ނަޝީދު ވަކި ޕާޓީއެއް ހައްދަވައިފި ކަމަށްވާނަމަ ނުކުންނަވަން. އަޅުގަނޑުމެންނާ އެކު އެމްޑީޕީގެ ރައީސަކަށް ހުންނަވާ ކަމުގައިވާ ނަމަ އަޅުގަނޑު ވަރަށް ބޮޑަށް އެދެން ރައީސް ސޯލިހު ފަހަތްޕުޅަށް އަރައިވަޑައިގަތުމަށް،" ފައްޔާޒް ވިދާޅުވިއެވެ،

އޭނާ ވިދާޅުވީ ރައީސް ނަޝީދު ވެރިކަމަށް ކުރިމަތިލެއްވި ނަމަވެސް އެއީ ކަންބޮޑުވާންޖެހޭ ފަދަ ކަމެއް ނޫން ކަމަށާއި އެކަމުން އެމްޑީޕީއަށް ވާނީ ފައިދާ ކަމަށެވެ.

އެމްޑީޕީގެ ތެރެއިން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހައްދަވައިގެން އުޅުއްވާ ‘ފިކުރެއްގެ ދިރުން’ އަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ 12 މެމްބަރަކާއި ނަޝީދުގެ އަރިސް ބޭފުޅުންތަކެއް އިއްޔެ ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.

އަދި އެ ބޭފުޅުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ‘ފިކުރެއްގެ ދިރުން’ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދައި، މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެކަން ވަނީ އިއުލާންކޮށްފައެވެ.