އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އެ މަނިކުފާނު އުފައްދަވައިގެން އުޅުއްވާ ފިކުރެއްގެ ދިރުމުން ވެރިކަމަށް ކުރިމަތިލައްވައިފި ނަމަ، އެމްޑީޕީއަށް ވާނީ ފައިދާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ، ރައީސް ނަޝީދު ވަކި ޕާޓީއެއް ހައްދަވައިފިނަމަ ރިޔާސީ ރޭހަށް ނުކުމެވަޑައިގަތުމަށް އެދޭ ކަމަށެވެ.
އަދި އެމްޑީޕީގެ ރައީސްގެ ގޮތުގައި ހުންނަވަން ބޭނުންފުޅުވާނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅަށް އަރައިވަޑައިގަތުމަށް އެދޭ ކަމަށް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، ނަޝީދު ވެރިކަމަށް ކުރިމަތިލެއްވިޔަސް އެކަމުގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށާއި އެމްޑީޕީއަށް ވާނީ ފައިދާ ކަމަށެވެ. އަދި ރައީސް ނަޝީދަށް އެމްޑީޕީއަށް ދެވޭނެ އިތުރު ގެއްލުމެއް މިހާރު ނެތް ކަމަށްވެސް ވިދާޅުވިއެވެ.