ބާރަ މެންބަރުން ވަކިވުމުން ކުރެވުނު އިހުސާސަކީ ރިހޭ ދަތެއް ހެނދުނު ހޭލިއިރު ވެއްޓިފައި އޮތްހެން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި އުފެއްދެވި "ފިކުރެއްގެ ދިރުމަށް" ނިސްބަތްވާ އެމްޑީޕީގެ 12 މެންބަރަކު އިއްޔެ ވަނީ ޕާޓީން ވަކިވެފައެވެ. އެ މެންބަރުން ވަކިވުމުގެ ކުރިން "ފިކުރެއްގެ ދިރުމަށް" ނިސްބަތްވާ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ އެމްޑީޕީން ވަކިކޮށްފައެވެެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ، އެ 12 މެންބަރުންގެ ތާއީދު ނުލިބޭތާ ހަތަރު ވަރަކަށް އަހަރު ވެއްޖެކަމަށެވެ. އެހެންވެ އެ 12 މެންބަރުންގެ ތާއީދަކީ އެމްޑީޕީގައި އޮތް އެއްޗެއް ކަމަށް ހިސާބު ހައްދަވާއިރު ނުޖައްސަވާ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނަން އަޅުގަނޑުގެ އިހުސާސް އެ ބޭފުޅުން ވަކިވެވަޑައިގެންނެވީމަ. ހަގީގަތަކީ އަޅުގަނޑުމެން ވަރަށް ހިތާމަވެސް ކުރަން. އިހުސާސަކީ ވަރަށް ބޮޑަށް ރިހޭ ދަތެއް ހެނދުނު ހޭލިއިރުގައި ވެއްޓިފަ އޮތްކަމުގެ އިހުސާސް. އެހެންވީމާ އަޅުގަނޑުމެންގެ މާބޮޑު ކަންބޮޑުވުމެއް ނެތް އެކަމުގައެއް" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގަތް 12 މެންބަރުންގެ ސަބަބުން އެމްޑީޕީއަށް ވާނެ އިތުރު ގެއްލުމެއް ނޯންނާނެ ކަމަށެވެ.