އިންޓަ އޮފީސް އަދި ކޮމްޕެނީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ސީދާ ޖާގަ އާބަންކޯއިން ހޯދިއިރު، ތިންވަނަ ސެމީ ފައިނަލުގައި މާދަމާރޭ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް/ސިފައިން) ވާދަކުރަން ޖެހިއްޖެއެވެ.
މުބާރާތުގެ ސެމީގެ މެޗުތައް އިއްޔެ ހަވީރާއި ރޭ ކުޅެފައިވާ އިރު، އިއްޔެ ހަވީރު ކުޅުނު މެޗުގައި ވެމްކޯއިން ތިންވަނަ ސެމީ ޔަގީންކުރީ އިއްޔެ ހަވީރު މޯލްޑިވްސް ޕޮލިސް ސާވިސް ކައިރިން 3-1 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.
މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދުމަށް ރޭ ސިފައިންނާއި އާބަންކޯ ކުޅުނު މެޗު، އާބަންކޯއިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. ތިންވަނަ ސެމީގައި ވެމްކޯއާއި ސިފައިން ވާދަކުރާ އިރު، މޮޅުވާ ޓީމެއް އަންނަ ހޮނިހިރު ދުވަހުގެރޭ ފައިނަލުގައި އާބަންކޯއާ ކުޅޭނެއެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ވެމްކޯއިން ފުރަތަމަ ސެޓު 25-19 އިން ގެންގޮސްފައިވާ އިރު، ދެވަނަ ސެޓު 25-21 އިން ގެންގޮސް ޕޮލިހުން އެއްވަރުކުރިއެވެ.އެ ސެޓު އަތުން ދިޔަ ނަމަވެސް، ތިންވަނަ ސެޓާއި ހަތަރު ވަނަ ސެޓުގައި ވެމްކޯ ފެނުނީ ތަފާތު ރޫހެއްގައެވެ. ކެޕްޓަން އަލީ ހުޒާމް (ހުޒަންޓޭ) އާއި ބިދޭސީ ކުޅުންތެރިޔާ ވިނީތު ކުމާރުގެ ތަފާތު ފެނިގެން ގޮސްފައިވާ އިރު، ފަހު ދެސެޓު ވެމްކޯއިން ގެންދިޔައީ 23-25 އާއި 25-27 އިންނެވެ.
ގްރޫޕް ސްޓޭޖުގައި ފުރިހަމަ ރެކޯޑަކާ އެކު ސެމީން ފުރުސަތު ހޯދި ސިފައިންނާއި އާބަންކޯގެ ކުރިމަތިލުން ދިޔައީ ފޯރިގަދަކޮށެވެ.
މެޗުގެ ފެށުން ރަނގަޅުކޮށް، ސިފައިން ފުރަތަމަ ސެޓު 25-22 އިން ގެންގޮސްފައިވާ އިރު، އާބަންކޯގެ އަސްލު ފޯމު ފެނިގެން ދިޔައީ ދެން ބާކީ ތިން ސެޓުގައެވެ. ސިފައިންނަށް އާބަންކޯގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި ލަންކާ ކުުޅުންތެރިޔާ، ލަސިންދުގެ ހަމަލާތައް ހިފަހައްޓަން އުނދަގޫވެފައިވާ އިރު، ތަޖުރިބާކާރު ސެޓަރު އިޝާން މުހައްމަދު (ބަޓިސް) ގެ ތަފާތު އާބަންކޯއިން ފެނިގެން ދިޔައެވެ.
ފަހަތުން އަރައި އާބަންކޯއިން ތިން ސެޓު ގެންދިޔައީ 25-20، 28-26 އަދި 25-23 އިންނެވެ.
ސިިފައިންނާއި ވެމްކޯ ފައިނަލުގެ ޖާގައަކަށް ކުޅޭ މެޗު އޮންނާނީ މިރޭ 8:30ގައެވެ.
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން