އެމްޑީޕީން އިއްޔެ ވަކިވި 12 މެންބަރުންގެ އެއްބާރުލުމެއް މިހާތަނަށްވެސް ލިބިފައިނުވާ ކަމަށާއި އެހެންކަމުން އެކަމުން އިތުރަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި އުފެއްދެވި "ފިކުރެއްގެ ދިރުމަށް" ނިސްބަތްވާ އެމްޑީޕީގެ 12 މެންބަރަކު އިއްޔެ ވަނީ ޕާޓީން ވަކިވެފައެވެ. އެ މެންބަރުން ވަކިވުމުގެ ކުރިން :ފިކުރެއްގެ ދިރުމަށް" ނިސްބަތްވާ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ އެމްޑީޕީން ވަކިކޮށްފައެވެެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ، އެ 12 މެންބަރުންގެ ތާއީދު ނުލިބޭތާ ހަތަރު ވަރަކަށް އަހަރު ވެއްޖެކަމަށެވެ.
ފައްޔާޒް ވިދާޅުވީ، އެ 12 މެންބަރުންގެ ތާއީދު ލިބޭނެ ކަމަށް އުންމީދުކުރި ކަމަށާއި ނަމަވެސް އެ އުންމީދު ގެއްލި ދިއުމުން ކަންކަން ކުރާނެ ގޮތްވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އެ 12 މެންބަރުންގެ ތާއީދަކީ އެމްޑީޕީގައި އޮތް އެއްޗެއް ކަމަށް ހިސާބު ހައްދަވާއިރު ނުޖައްސަވާ ކަމަށް ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑުމެން މިއަދާ ހިސާބަށް އައިއިރުގައި ނުބަލަން އެ 12 މެންބަރުންނާއި އެ މެންބަރުންނަށް ސަފޯޓުކުރާ މެންބަރުން އެއީ އަޅުގަނޑުމެންނާ އެއްކޮށް، މި ސަރުކާރާ އެއްކޮށް އަދި ކުރިއަށް އޮތް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓާއެކުގައި ތިއްބެވި މެންބަރުން ކަމަށް ނުބަލަން. އެހެންކަމުން އެކަމުގެ ސަބަބުން އިތުރު ގެއްލުމެއް ނުވޭ އެއްގޮތަކަށްވެސް." ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ، 12 މެންބަރުން އެމްޑީޕީން ވަކިވުމަކީ ލިބުނު ހިތާމައެއް ކަމަށާއި ނަމަވެސް އެ ބޭފުޅުން ވަކިވުމުން ކުރެވުނީ ރިހޭ ދަތެއް ވެއްޓުނު ކަމުގެ އިހުސާސް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު