ރައީސް ނަޝީދާ ދެކޮޅަށް ފިޔަވަޅު އަޅަން ދަތި ކަމަށާއި އެހެން ބުނާކަށް ޖެހިލުމެއްވެސް ނުވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ, ނަޝީދު އެމްޑީޕީގެ އުސޫލުތަކާ ހިލާފުވެވަޑައިގެންފައިވުމަކީ ޕާޓީއަށް މިހާރު ދިމާވެފައިވާ ދަތި ހާލަތެއް ކަމަށާއި ނަމަވެސް އެ މަނިކުފާނަކީ އެމްޑީޕީއާއި ދިވެހިންގެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ބޭފުޅެއް ކަމަށްވާތީ ފިޔަވަޅު އަޅަން ދަތި ކަމަށެވެ.

"އަޅުގަނޑުމެންނަށް ދަތި އިނގޭތޯ ރައީސް ނަޝީދާ ދޭތެރޭ ފިޔަވަޅު އަޅަން. މިހެން ދަންނަވާކަށް ޖެހިލުމެއް ނުވޭ. ވަރަށް ދަތި. އަޅުގަނޑުމެން ދެކުނު ތަނެއް ނޫން މިއީ," ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާތަނަށްވެސް މަސައްކަތް ކުރަމުން އައީ ދަތި ހާލަތުގައިވެސް ޕާޓީގެ މެންބަރުންނަށް ފިޔަވަޅު ނާޅައި މަސްލަހަތު އިސްކޮށްގެން ކަމަށެވެ. ނަމަވެސް އެންމެ ފަހުންވެސް ބަޣާވާތަކަށް ގޮވާލައި ކެބިނެޓުގައި ތިއްބަވާ ބޭފުޅުން ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ހިސާބުން ފިޔަވަޅު އަޅާފައިވާނެ ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގައި ތިއްބަވާ ރައީސް ނަޝީދުގެ 'ފިކުރެއްގެ ދިރުން' އަށް ނިސްބަތްވެވަޑައިގަންނަވާ 12 މެންބަރުން, އިއްޔެ ޕާޓީން ވަކިވި ފޯމުގައި ސޮއިކުރީ އެ މަނިކުފާނުގެ ހާޒިރުގައިކަން ފާހަގަކޮށް ނޫސްވެރިޔަކު ސުވާލުކުރުމުން ފައްޔާޒު ވިދާޅުވީ, އެކަން އެގޮތަށް ކުރެއްވި ކަމެއް އަދި އެކަން އެގޮތަށް ކުރައްވަފާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރައްވަވާފައިވާ ނަމަ އެއީ ރައީސް ނަޝީދު ކުރެއްވި ފިނޑި އަމަލެއް ކަމަށް ވިދާޅުވިއެވެ.