އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ފިޔަވަޅު އެޅީ ބަގާވާތަށް ގޮވައި ސަރުކާރު ވައްޓާލަން ގޮވާލި ހިސާބުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ, މިހާތަނަށްވެސް މަސައްކަތް ކުރަމުން އައީ ދަތި ހާލަތުގައިވެސް ޕާޓީގެ މެންބަރުންނަށް ފިޔަވަޅު ނާޅައި މަސްލަހަތު އިސްކޮށްގެން ކަމަށެވެ. ނަމަވެސް އެންމެ ފަހުންވެސް މެންބަރަކާމެދު ފިޔަވަޅު އެޅީ ބަޣާވާތަކަށް ގޮވާލައި ކެބިނެޓުގައި ތިއްބަވާ ބޭފުޅުން ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ހިސާބުން ކަމަށް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ފިޔަވަޅު އެޅުމުގައި އެމްޑީޕީގެ ތެރޭގައި އުސޫލުތަކެއް ހަދާފައި އޮންނަ ކަމަށާއި އެ އުސޫލުތަކުގެ ތެރެއިން ފިޔަވަޅެއް އަޅަން ޖެހޭ ހާލަތުގައި ޕާޓީއަށް އެންމެ މަސްލަހަތު އޮތްގޮތް ބަލައި، ރައީސް ނަޝީދަށް ވިޔަސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވިޔަސް އަދި ޗެއާޕާސަނަށް ވިޔަސް ފިޔަވަޅު އަޅާނެ ކަމަށެވެ.

ރައީސް ނަޝީދަށް ފިޔަވަޅު ނާޅާ ސަބަބާ ގުޅޭ ގޮތުން ނޫސްވެރިން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ، ރައީސް ނަޝީދު އެމްޑީޕީގެ އުސޫލުތަކާ ހިލާފުވެވަޑައިގެންފައި ވުމަކީ ޕާޓީއަށް މިހާރު ދިމާވެފައިވާ ދަތި ހާލަތެއް ނަމަވެސް އެ މަނިކުފާނަކީ އެމްޑީޕީއާއި ދިވެހިންގެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ބޭފުޅެއް ކަމަށްވާތީ ފިޔަވަޅު އަޅަން ދަތި ކަމަށެވެ.

"އަޅުގަނޑުމެންނަށް ދަތި އިނގޭތޯ ރައީސް ނަޝީދާ ދޭތެރޭ ފިޔަވަޅު އަޅަން. މިހެން ދަންނަވާކަށް ޖެހިލުމެއް ނުވޭ. ވަރަށް ދަތި. އަޅުގަނޑުމެން ދެކުނު ތަނެއް ނޫން މިއީ," ފައްޔާޒު ވިދާޅުވިއެވެ.

މަޖިލީހުގައި ތިއްބަވާ ރައީސް ނަޝީދުގެ 'ފިކުރެއްގެ ދިރުން' އަށް ނިސްބަތްވެވަޑައިގަންނަވާ 12 މެންބަރުން, އިއްޔެ ޕާޓީން ވަކިވި ފޯމުގައި ސޮއިކުރީ އެ މަނިކުފާނުގެ ހާޒިރުގައިކަން ފާހަގަކޮށް ނޫސްވެރިޔަކު ސުވާލުކުރުމުން ފައްޔާޒު ވިދާޅުވީ, އެކަން އެގޮތަށް ކުރެއްވި ކަމެއް އަދި އެކަން އެގޮތަށް ކުރައްވަފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރައްވަވާފައިވާ ނަމަ އެއީ ރައީސް ނަޝީދު ކުރެއްވި ފިނޑި އަމަލެއް ކަމަށް ވިދާޅުވިއެވެ.