ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީގެން ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްފިއެވެ.

ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހިފައިސާ ދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި އިދިކޮޅު ޕީއެންސީގެ މެންބަރު މަޑުއްވަރި ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި، ގަރާރުގެ ބަހުސްގައި، ވަރަށްބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވާހަކަ ދައްކަން ފެއްޓެވުމުން، ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ރުޅިވެރިކަން ފާޅުކޮށް އަޑުގަދަކޮށް ރައްދު ދެއްވަން ފެއްޓެވިއެވެ.

އޭގެ ތެރޭގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު އާއި ރޮޒެއިނާގެ އިތުރުން މެންބަރު މުގުނީ ހިމެނިވަޑައިގަންނަވައެވެ.

އެ މެންބަރުންގެ އަސްލު މައްސަލައަކަށްވީ، ޔާސިރަކީ އެމްޑީޕީން ވަކިވި 12 މަޖިލިސް މެންބަރުންތެ ތެރެއިން މެންބަރަކަށްވާއިރު، މަޖިލީހުގައި ބަހުސް ކުރުމަށް އެމްޑީޕީގެ މެންބަރުންނަަށް އޮތް ވަގުތުގެ ތެރެއިން އެ މެންބަރުންނަށް ރިޔާސަތުން ފުރުސަތު ދެއްވަމުން ގެންދެވުމެވެ.

އެންމެ ފަހުން އެ ކަމާދެކޮޅު ހެއްދެވި މެންބަރުންގެ އަޑުގަދަވެ، މުގުނީގެ ނަން އިއްވައި އޭނާ ޖަލްސާއިން ނިކުރުމަށް މަޖިލިސް ރައީސް އެންގެވިއެވެ.

މުގުނީގެ ނަން އިއްވުމުގެ ކުރިން ރޮޒެއިނާގެ ނަން އިއްވައި ހޯލުން ބޭރުވާން މަޖިލިސް ރައިީސް އެންގެވިއެވެ. ނަމަވެސް ރޮޒެއިނާ ވިދާޅުވީ ނުކިކުންނަވާނެ ކަމަށެވެ. އެއަށްފަހު ރޮޒެއިނާ ނިކުންނަންދެން ޖަލްސާ މެދު ކަނޑައުިލުމުންވެސް ރޮޒެއިނާ ޖަލްސާއިން ނުނިކުތުމުން މަޖިލީހުގެ ރައީސް ދެން ޖަލްސާ ކުރިއަށް ގެންދެވީ، ޖަލްސާގައި ރޮޒެއިނާ އިންނެވި ނަމަވެސް އެއީ ޖަލްސާގައި ނެތް މެންބަރެއް ކަމަށް ބައްލަވައިގެންނެވެ.