އަލަށް އުފައްދާ ސިޔާސީ ޕާޓީއެއް ކަމަށްވާ "ފިކުރެއްގެ ދިރުން" އަކީ ވަކި މީހަކު ވަށައި އެނބުރޭނެ ޕާޓީއެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ ފިކުރެއްގެ ދިރުމުގެ ބޭފުޅުން މިއަދު ވަނީ އެމްޑީޕީން ވަކިވެ، "ފިކުރެއްގެ ދިރުން" ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމައިފައެވެ.

އަލަށް އުފައްދާ ސިޔާސީ ޕާޓީއާ ބެހޭގޮތުން މައުލޫމާތުދިނުމަށް ފިކުރެއްގެ ދިރުމުން ބޮޑުފެންވަޅުގޭގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލްޔާސް ވިދާޅުވީ ޑީއާރުޕީއަށް ވީހެން ނުވަތަ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމަށް ތާއިދު ގެއްލިގެން ދިޔަ ގޮތަށް ފިކުރެއްގެ ދިރުމަށް ތާއީދު ނުލިބި ނުދާނެ ކަމަށެވެ.

"ޑީއާރުޕީއަށް ވިހެން، ޕީޕީއެމަށް ވިހެން، ރައީސް މައުމޫނަށް ވިހެން، އެމްއާރުއެމަށް ވިހެން ވެދާނެއޭ. އަޅުގަނޑުމެންނަކީ ފިކުރެއްގެ މައްޗަށް ބިނާވެގެން އުފެދޭ ޕާޓީއެއް. މި ޕާޓީ އަބަދުވެސް މަސައްކަތްކުރާނީ ފިކުރެއް ދިރުވުމަށް އޭގެ އަސާސްތަކުގެ މައްޗަށް. ވަކި މީހެއް ވަށައި އެ މީހެއް ދިރުވުމަކަށެއް ނޫން،" އިލްޔާސް ވިދާޅުވިއެވެ.

އެމްޑީޕީ ތެރެއިން މިހާރު ފެންނަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކަނި ކަމަށް ފެންނަ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ފިކުރެއްގެ ދިރުމުން ސިޔާސީ ވަޒީފާތަކުގައި އަދި މަޖިލީހުގެ މެމްބަރުންނަށް ޕްރޮޖެކްޓުތައް ހަވާލުކޮށްގެން އެ މީހުން ގަތުމުގެ މަސައްކަތް ނުކުރާނެ ކަމަށާއި އެ ޕާޓީން ކުރިއަރުވާނީ ސިޔާސަތު ކަމަށެވެ. އެހެންވެ ކުރިއަށްއޮތް ތަނުގައި އެ ޕާޓީއަށް ސިޔާސީ މަގާމުތަކުގައި ތިބި ބައެއް މީހުންނާއި މަޖިލިސް މެމްބަރުން ގުޅިވަޑައިގަންނަވާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

"އެކަން (ސިޔާސަތު) ގެ ކަންކަން ކުރުމަށް އަޅުގަނޑުމެންނާ ގުޅޭނެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައިވެސް އެބަތިއްބެވި. އަދި ސަރުކާރު ތެރޭގައިވެސް އެބަތިއްބެވި. އެ ބޭފުޅުން، އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގަޑީގައި ނުކުމެވަޑައިގެން އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވާނެ،" އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކަންކަން ކުރިއަށް ދިޔަގޮތް އެނގޭ ކަމަށާއި އެކަމުގެ ޝަކުވާ އެތައް މެމްބަރަކު ކުރި ކަމަށެވެ. އެއަށްފަހު ފެށީ ފިކުރެއްގެ ދިރުމުގެ ހަރަކާތެއް ކަމަށާއި އެ ހަރަކާތުގެ ތެރެއިން އެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ނިންމެވީ ކަމަށެވެ.

އިލްޔާސް ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އަލަށް ރަޖިސްޓްރީކުރާ ފިކުރެއްގެ ދިރުމުގެ ފަރާތުން ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ.