ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުالله ވަކިކުރުމުގެ މަސައްކަތް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ފަށައިފިއެވެ.
އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ތިން ދައުރުގައިވެސް އީވާ ވަނީ މަޖިލީހަށް އިންތިހާބުވެވަޑައިގެންފައެވެ. މިވަގުތު މަޖިލިސް ނައިބު ރައީސްގެ މަގާމުގައި ހުންނެވި އީވާ، މިއަދު ވަނީ އެމްޑީޕީން އިސްތިއުފާދެއްވައިފައެވެ.
އީވާ، އެމްޑީޕީން އިސްތިއުފާ ދެއްވުމާ ގުޅިގެން އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިރޭ "ވަން" އަށް ވިދާޅުވީ އީވާ، މަޖިލިސް ނައިބު ރައީސްކަމުން ވަކި ކުރުމުގެ މަޝްވަރާތައް ކުރަމުން ގެންދާ ކަމަށެވެ.
"އަދި އެކަމަށް ވަކި ގޮތެއް ނުނިންމާ، ރަސްމީކޮށް އީވާ ވަކިކުރުމުގެ މަސައްކަތްތައް އަދި ނުފަށާ. ކުރިއަށްދަނީ މަޝްވަރާތައް،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އީވާ ވަކިކުރުމުގެ މަޝްވަރާތައް މީގެ ކުރިންވެސް ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ. އަދި އެމްޑީޕީން ވަކިވެފައިވާ މެމްބަރުންނަށް މަގާމުތަކުގައި ނުތިއްބެވޭނެ ކަމަށާއި ވަގުތު ޖެހުމުން ވަކި ކުރާނެ ކަމަށެވެ.
ފިކުރެއްގެ ދިރުމުން ބޮޑުފެންވަޅުގޭގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި މަގާމު ދިފާއުކުރަން ސިޔާސީ ކަސްތޮޅެއްގައި އެޅިގެން ނުހުންނަވާނެ ކަމަށެވެ.
އެމްޑީޕީގެ ހުރިހާ އަސާސްތަކެއް ހަލާކުވެގެންދާ އިރު، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިފާއުކުރަން ނޫޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިފާއުކުރައްވަން ވަކިކަމެއް ނުކުރައްވާނެ ކަމަށާއި އަދި އެ މަގާމުން އިސްތިއުފާވެސް ނުދެއްވާނެ ކަމަށް އީވާ ވިދާޅުވިއެވެ.
"އަޅުގަނޑު އިސްތިއުފާ ނުދޭނަން. އަޅުގަނޑު މި ދަންނަވާ ވާހަކައަކީ އަޅުގަނޑުގެ މަގާމު ދިފާއުކުރާކަށް އަޅުގަނޑު ސިޔާސީ ބޮޑު ކަސްތޮޅެއްގައި ނީންނާނަން،" އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ އޭނާ ކުރައްވަމުން ގެންދަވަނީ ދިވެހި ރައްޔިތުންނަށް ހެޔޮ ގޮތެއް ހޯދައިދިނުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތުގެ ތެރެއަށް މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގެ ދައުރެއް ނެތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު