ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލުކުރުމުން، އެ ކުންފުނިން ނެދަލޭންޑްސް އާބިޓްރޭޝަނަށް ވެއްދި މައްސަލައިގައި މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން ކުރާ ދޮގު ބަޔާނެއް ދިން ކަމަށް ބުނާ މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުމެއް މާދަމާ 12:00 އަށް ކުރިމިނަލް ކޯޓުގައި ވަނީ ތާވަލު ކޮށްފައެވެ.

މި މައްސަލައިގެ އަޑުއެހުންތައް ހުސްވިމަހުގެ 17 ގައި ނިންމާލާފައިވާއިރު، އެދުވަހު ވަނީ މައްސަލައިގައި ހިމެނޭ ދެ ފަރާތުންވެސް ހުސާލާ ބަޔާން އިއްވައިފައެވެ. އެ އަޑުއެހުމުގައި ގާޒީ ވިދާޅުވެފައިވަނީ ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ.

ޖިނާއީ އިޖުރާއަތު ރޭވިފައި އޮންނަ ގޮތުން، ހުލާސާ ބަޔާން އިއްވުމަށް ފަހު ދެން އޮންނާނީ ހުކުމް ކުރުމެވެ. ހުލާސާ ބަޔާން އިއްވައި ނިމޭ ފަހުން 30 ދުވަހުގެ ތެރޭގައި ހުކުމް ކުރުމަށް ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ލާޒިމުކޮށްފައިވެއެވެ.

ނޫމަޑިއާއެކު ދިވެހި ސަރުކާރުގެ ފަރާތުން ހައުސިން މިނިސްޓްރީން ވެފައިވާ އެއްބަސްވުން އުވާލިއިރު މުއިއްޒަކީ އޭރުގެ ހައުސިން މިނިސްޓަރެވެ.

ޑރ. މުއިއްޒުގެ މައްޗަށް ދައުވާ ކުރަނީ 25 ޖޫން 2019 ގައި ނޫމަޑިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލެންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ކުންފުނީގެ ހެކިވެރިޔަކަށްވެ، ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލާ އެއްގޮތަށް ލަސްތަކެއް ނުވެ، ކުރަމުން ގެންދިޔަކަމަށް ބުނެ އަދި ނޫމަޑިއަށް ލަގްޒަރީ ވިލާތަކެއް އިމާރާތް ކުރުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާ ކަމަށް ވިދާޅުވެ ދޮގު ބަޔާނެއް ދެއްވާފައިވާކަމުގެ ތުހުމަތުގައެވެ.