އަންނަ މަހު އިންޑިއާގެ ބެންގަލޫރުގައި ބާއްވަން ތައްޔާރުވެފައިވާ ސާފް ޗެމްޕިއަންޝިޕްގެ ގުރުއަތުން މިއަދު ބާއްވައިފިއެވެ.

މިފަހަރު މުބާރާތުގައި އަށް ޓީމަކުން ވާދަކުރާ އިރު، ޓީމުތައް ބަހާލީ ދެ ގްރޫޕަކަށެވެ. މިއަދުގެ ގުރުލާފައިވަނީ ޓީމުތައް ސީޑްކޮށް ދެ ޕޮޓަކަށް ޓީމުތައް ބަހާލައިގެންނެވެ. ޓީމުތައް ބެހި ދެ ގްރޫޕްގެ ތެރެއިން ރާއްޖެ ލައްވާލީ ގްރޫޕް ބީގައެވެ. ރާއްޖެ ހިމެނޭ ގްރޫޕްގައި ވާދަކުރާނީ ލުބުނާނާއި ރާއްޖޭގެ އިތުރުން ބޫޓާނާއި ބަންގްލަދޭޝެވެ.

  • އިންޑިއާ
  • ކުވައިތު
  • ނޭޕާލް
  • ޕާކިސްތާން
  • ލުބުނާން
  • ދިވެހިރާއްޖެ
  • ބޫޓާން
  • ބަންގްލަދޭޝް

ސާފް ޗެމްޕިއަންޝިޕް އަންނަ މަހުގެ 21 އިން ޖުލައި ހަތަރަކަށް އިންޑިއާގެ ބެންގަލޫރުގައި ބާއްވަން އިއުލާނު ކޮށްފައިވާ އިރު، މިފަހަރުގެ މުބާރާތް ވެގެންދާނީ ތާރީހީ މުބާރާތަކަށެވެ. އެއީ މި މުބާރާތުގައި ސަރަހައްދުން ބޭރުގެ ދެ ޓީމަކުންވެސް ވާދަކުރާތީއެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ދެކުނު އޭޝިއާ ބޭރުން ކުވައިތާއި ލުބުނާން ވާދަކުރާ އިރު، ސަރަހައްދުން ވާދަކުރަނީ ރާއްޖެއާއި ނޭޕާލްގެ އިތުރުން ބަންގްލަދޭޝްއާއި މުބާރާތުގެ އެންމެ ކާމިޔާބު ޓީމް އިންޑިއާ އަދި ޕާކިސްތާނާއި ބޫޓާނެވެ.

މިއީ ސާފް ޗެމްޕިއަންޝިޕްގެ 14 ވަނަ މުބާރާތެވެ. މީގެ ކުރިން މި މުބާރާތް އިންޑިއާގައި ތިން ފަހަރު ބާއްވާފައިވެއެވެ. އެއީ 1999 ވަނަ އަހަރާއި 2011 ވަނަ އަހަރު އަދި 2015 ވަނަ އަހަރުއެވެ. އިންޑިއާގައި މުބާރާތް ބޭއްވި ހުރިހާ ފަހަރަކުވެސް ތަށި ނަގާފައި ވަނީ އެ ގައުމުންނެވެ. އަދި އެންމެފަހުން 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި މުބާރާތުންވެސް އިންޑިއާ ތަށި ނަގާފައިވާ އިރު، މިފަހަރު މުބާރާތަށް ސަރަހައްދުން ބޭރުގެ ޓީމުތައް ގެނެސްފައިވަނީ ވާދަވެރިކުރުމުގެ ގޮތުންނެވެ.

ރާއްޖޭގައި 2021 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ބޭއްވީ އޮކްޓޯބަރު މަހުގައެވެ. އެ މުބާރާތަށް ތައްޔާރުވާން ރާއްޖެއަށް މަދު ދުވަސްކޮޅެއް ލިބިފައިވީ ނަމަވެސް އިންތިޒާމުތައް ރަނގަޅެވެ. ރާއްޖޭގައި ބޭއްވި މުބާރާތުގައި ސަރަހައްދީ ގައުމުތަކުގެ ތެރެއިން ޕާކިސްތާނާއި ބޫޓާން ބައިވެރިވެފައެއް ނުވެއެވެ. އެ ފަހަރު ޕާކިސްތާން ބައިވެރިނުވީ ފީފާ ސަސްޕެންޝަނެއްގައި އޮތުމުންނެވެ. އަދި ބޫޓާން ބައިވެރިނުވީ ރަނގަޅަށް ތައްޔާރުވާން ވަގުތު ނުލިބުމުގެ ސަބަބުންނެވެ.

ރާއްޖޭގައި ބޭއްވި މުބާރާތުގެ ތަށި އިންޑިއާއިން އުފުލާލި އިރު، ފައިނަލުގައި އިންޑިއާ ވާދަކުރީ ނޭޕާލާ ދެކޮޅަށެވެ. ރާއްޖެއަށް ފައިނަލުގެ ފުރުސަތު ގެއްލުނީ ލީގު ބުރުގައި ނޭޕާލާއި އިންޑިއާ އަތުން ބަލިވުމުންނެވެ. މުބާރާތުގައި ރާއްޖެ ވަނީ ބަންގުލަދޭޝްއާއި ސްރީ ލަންކާ ބަލިކޮށްފައެވެ.

މީގެ ކުރިން ރާއްޖެއިން ވަނީ ދެ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. އެއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުއެވެ. 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕަކީ ރާއްޖެއާއި ލަންކާ ކޯ ހޯސްޓް ކުރި މުބާރާތެކެވެ. އެ މުބާރާތުގެ ފައިނަލުގައި ރާއްޖެއިން އިންޑިއާ ބަލިކުރީ ލަންކާގައެވެ. 2018 ވަނަ އަހަރު ރާއްޖެއިން ދެވަނަ ފަހަރަށް ތަށި ނެގީ ބަންގްލަދޭޝްގައެވެ.