އެމްޑީޕީން ވަކި ކުރަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީ މެންބަރުންގެ ގޮތުގައި ތިއްބަވައިގެން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން، އެމްޑީީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ފިކުރުގެ ދިރުމުގެ މަޖިލިސް މެންބަރުން އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް، ސަރުކާރާއި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް މަސައްކަތްކުރައްވަން ފެއްޓެވުމުން އެ މެންބަރުންނާ މެދު އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ފިޔަވަޅު އަޅަން ފެއްޓެވުމުންނެވެ.
އެކަމާ ގުޅިގެން "އަނެއްދިވެހިރާއްޖެ" އެކައުންޓުން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ، 2019 މަޖިލިސް އިންތިހާބުގައި ރައީސް އަންގަވައިގެން ޕާޓީގެ ބައެއް ކެންޑިޑޭޓުންނާ ދެކޮޅަށް ބައެއް މީހުން މަސައްކަތް ކުރެއްވި ކަމަށް ރައީސް ސޯލިހުގެ މައްޗަށް ތުހުމަތު ކުރައްވައިފަ އެވެ.
އެގޮތުން "2019 ގައި ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ދާއިރާ ރައީސުން ނުކުމެ އެމްޑީޕީ ކެންޑިޑޭޓުން ކަޓުވާލައި އެހެން ކެންޑިޑޭޓުން މަޖިލީހަށް ހޮވި މައްސަލަ ނުބަލައި ފިޔަވަޅު އަޅާ ކޮމިޓީން މިހާރު އެ ބަލާ މައްސަލަތައް ބެލުމަކީ އިންސާފުވެރި ކަމެއް ނޫން، ޕާޓީން ވަކިކުރަން ޖެހެނީ ރައީސް ސޯލިހު." ނަޝީދުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ތެރޭގައި ފިކުރުގެ ދިރުމުގެ ނަމުގައި ވަކި ފެކްޝަނެއް އުފައްދަވައިގެން، ރައީސް ސޯލިހާ ދެކޮޅަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަން ފައްޓަވާފައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގަތުމާ ގުޅިގެންނެވެ.
ފިކުރުގެ ދިރުމަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވަނީ ރައީސް ސޯލިހަށާއި އެމަނިކުފާނުގެ ސަރުކާރާ ދެކޮޅަށް، އިދިކޮޅު ފަރާތްތަކާ ގުޅިގެން ގިނަ މަސއްކަތްތަކެއް ފަށައިފައެވެ. އެގޮތުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުން ހިމެނެއެވެ.
އޭގެ އިތުރުން ރައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމުގެ އިންޒާރުވެސް އެފަރާތްތަކުން ވަނީ ދީފައެވެ.
އެމްޑީޕީ މެންބަރުންގެ ގޮތުގައި ތިބެގެން އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރަން ފެށުމުން އެ މެންބަރުންނަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ވަނީ ފިޔަވަޅު އަޅަން ފަައިފައެވެ.
އެގޮތުން ފިކުރުގެ ދިރުމުގައި އިސްކޮށް ހަރަކާތްތެރިވާ މެދުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް ރޭ ވަނީ ޕާޓީގެ މެންބަރުކަމުން ވަކި ކޮށްފައެވެ.
މީގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބުގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާިއރާގެ މެންބަރު ޔާސިރު އަބްދުއްލަތީފަށް ފިޔަވަޅު އަޅައިދިނުމަށް އެމްޑީޕީގެ ޕީޖީ ގްރޫލުން ވަނީ އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު