Close
އިނގިރޭސި ޕްރިމިއާ ލީގު

ލިވަޕޫލަށް ގަދަ ހަތަރެއްގެ އުންމީދެއް، ލެސްޓާ ރެލިގޭޝަނާ ދިމާލަށް

މުޙައްމަދު ޝަމްޢޫން

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ކުޅުނު މެޗުގައި 3-0 އިން ލެސްޓާ ސިޓީ ބަލިކޮށްފިއެވެ.

ލެސްޓާގެ ދަނޑުގައި ރޭ ކުޅުނު މެޗުން ހޯދި މޮޅާއެކު ލިވަޕޫލުން ވަނީ ގަދަ ހަތަރަކަށް ކުރަމުން އަންނަ އުންމީދު ގެއްލުވާނުލައި، ހިތްވަރެއް ހޯދައިފައެވެ. ސީޒަނުގެ މެދުތެރެއިން ލިވަޕޫލްގެ ފޯމް ދަށްކޮށް ފެނުނު ނަމަވެސް، މިހާރު އަނެއްކާވެސް އެޓީމުން އަންނަނީ ކުޅުން ރަނގަޅުކޮށް، ފުލުފުލުގައި މޮޅުތައް ހޯދަމުންނެވެ. އެންމެފަހުން ލީގުގައި ކުޅުނު ހަތް މެޗުންވެސް ލިވަޕޫލް މޮޅުވެފައިވާ އިރު، އެޓީމުން މިވަގުތު ފަސްވަނައިގައި އޮތީ 36 މެޗުން 65 ޕޮއިންޓާއެކުގައެވެ.

ހަތަރުވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 35 މެޗުން ވަނީ 66 ޕޮއިންޓް ލިބިފައެވެ. ލިވަޕޫލަށް ލީގުގައި ބާކީ ދެމެޗު އޮތް އިރު، ޔުނައިޓެޑަށް ތިން މެޗު އެބައޮތެވެ. ލިވަޕޫލަށް ގަދަ ހަތަރަކަށް އެރެން އޮތީ ޔުނައިޓެޑް މެޗަކުން ބަލިވެ، ފުރުސަތު ފަހިވެއްޖެނަމައެވެ.

އަނެއްކޮޅުން ރޭ ބައްޔާ ކުރިމަތިވި ލެސްޓާ މިހާރު އޮތީ 19 ވަނައިގައެވެ. ލެސްޓާއަށް ލީގުގައި ބާކީ ދެމެޗު އޮތް އިރު، އެޓީމަށް ވަނީ ރެލިގޭޝަނުން ސަލާމަތްވުމުގެ އަމިއްލަ ބާރު ގެއްލިފައެވެ. ލެސްޓާއަށް 36 މެޗުން 30 ޕޮއިންޓް ލބިފައިވާ އިރު، 17 ވަނައިގައި އޮތް އެވަޓަންއަށް 36 މެޗުން ވަނީ 32 ޕޮއިންޓް ލިބިފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފް ނިމެންދަނިކޮށް، 33 ވަނަ މިނެޓު އަދި 36 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ފުލުފުލުގައި ދެ ގޯލު ޖަހައިފައެވެ. ދެ ގޯލަށްވެސް މުހައްމަދު ސަލާހް އެސިސްޓްކޮށްދިން އިރު، ދެ ގޯލު ޖެހީ ކާޓަސް ޖޯންސްއެވެ. ހާފު ނިމުމުގެ ކުރިން ކޯޑީ ގަކްޕޯ ފޮނުވާލި ހަމަލާގައި ލިވަޕޫލަށް އިތުރު ގޯލެއް ނުޖެހުނީ ލެސްޓާގެ ގޯލްކީޕަރު ޑެނިއަލް އިވާސަން ކުރި ފުރިހަމަ ސޭވްގެ ސަބަބުންނެވެ.

ފޯމުގައި ކުޅެމުންދިޔަ ލިވަޕޫލުން މެޗުގެ ދެވަނަ ހާފަށް ނުކުމެ، ނަތީޖާގެ ފަރަގު އިތުރަށް ބޮޑުކުރީ ޓްރެންޓް އެލެކްސެންޑްރާ-އާނޯލްޑް ގޯލުގެ ކަނަށް ވައްދާލި ހިތްގައިމު ހިލޭޖެހުމުންނެވެ.