ޔުވެންޓަސްއިން އިޓަލީ ލީގުގައި އެންމެފަހުން ކްރެމޮނޭސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޕައުލް ޕޮގްބާގެ ވާތު ފަލަމަސްގަނޑަށް އަނިޔާވެފައިވުމުން، ސީޒަނުގެ ބާކީ ބައިގައި ދެން އޭނާ ނުފެންނާނެ ކަމަށް ބެލެވިއްޖެއެވެ.

އުމުރުން 30 އަހަރުގެ ޕޮގްބާއަކީ މި ފަހަކަށް އައިސް އެންމެ ގިނައިން އަނިޔާގެ މައްސަލަތަކާ ކުރިމަތިވި އެއް ކުޅުންތެރިޔާއެވެ. ކްރެމޮނޭސްއާ ދެކޮޅަށް ޕޮގްބާ ޔުވެންޓަސްގެ ފުރަތަމަ 11 ގައި ހިމެނިގެން ނުކުތް އިރު، އެއީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ ފެށި ވާދަވެރި ފުރަތަމަ މެޗެވެ.

ޕޮގްބާ ކްރެމޮނޭސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 އަށް ނުކުތީ ބައެއް މެޗުތަކުގައި ބަދަލެއްގެ ގޮތުގައި އެރުމަށްފަހުއެވެ. އެ މެޗުގެ ކުރިން އެންމެފަހުން ޕޮގްބާ ފުލް 11 ގަައި ހިމެނިގެން ކުޅުނު މެޗަކީ 2022 ވަނަ އަހަރު އޭޕްރީލް މަހު މެންޗެސްޓާ ޔުނައިޓެޑް ޖާޒީގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗެކެވެ.

ޕޮގްބާ ކްރެމޮނޭސްއާ ދެކޮޅަށް ޔުވެންޓަސްއިން ކުޅުނު މެޗަށް ނުކުމެ، 24 މިނެޓް ކުޅުނުތަނާ އަނިޔާވެގެން ބާލަން ޖެހިފައިވާ އިރު، އޭނާ ފޭބީ މޫނުމަތީގައި އަތް އަޅައި ރޮމުން ކަހަލަ ގޮތަކަށެވެ. ޔުވެންޓަސްއިން ބުނީ ސްކޭންތައް ދައްކާ ގޮތުން ޕޮގްބާގެ ފަލަމަސްގަނޑުގެ ''ރެކްޓަސް ފެމޮރިސް" އަށް ކުޑަ އަނިޔާއެއްވެފައިވާ ކަމަށެވެ.

އެ އަނިޔާގެ ސަބަބުން ޕޮގްބާއަށް ގެއްލޭނީ ކިތައް މެޗުކަން ޔަގީންކޮށް ބުނެފައިވާ ނުވާ އިރު، ގެއްލޭނެ ކަމަށް ބެލެވޭ މެޗުތަކުގެ ތެރޭގައި ސެވިއްޔާއާ ދެކޮޅަށް ކުޅެން އޮތް ޔޫރޮޕާ ލީގު ސެމީ ފައިނަލް ދެވަނަ ލެގުގެ މެޗާއި ލީގުގައި ބާކީ އޮތް ހަތަރު މެޗު ހިމެނެއެވެ.

ޕޮގްބާ މިދިޔަ އަހަރު އޭޕްރީލް މަހު ޔުނައިޓެޑަށް ކުޅެނިކޮށް ފަލަމަސްގަނޑަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހިފައިވާ އިރު، ފަހުން ޔުވެންޓަސްއަށް ބަދަލުވެ ތަމްރީނު ކުރަނިކޮށް އަނިޔާވީ ކަކުލަށެވެ. އެފަހަރު ވޯލްޑް ކަޕް ކުރިއަށް އޮތުމުން ޕޮގްބާ ކަކުލުގެ އޮޕަރޭޝަނަކަށް ނުދާން ފުރަތަމަ މަސައްކަތް ކުރި ނަމަވެސް، ފަހުން ނިންމީ އޮޕަރޭޝަނަށް ދާން ޖެހުނު ކަމަށެވެ.

އޮޕަރޭޝަނުން ރަނގަޅުވެ ފަހުން ޔުވެންޓަސްގެ ތަމްރީނުތަކުގައިވެސް ޕޮގްބާއަށް ދެފަހަރަކަށް އަނިޔާވެފައިވާ އިރު، އެންމެފަހުން އަނިޔާވީ ތަމްރީނުތަކުގައި ހިލޭޖެހުންތަކެއް ޖަހަން އުޅެނިކޮށެވެ.