ޚަބަރު

ނަޝީދު ފެކްޝަންގެ ފަސް މެމްބަރަކަށް ފިޔަވަޅު އަޅަން އެދިއްޖެ

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގައި ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރަކަށް ފިޔަވަޅު އަޅައިދޭން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) އިން ފިޔަވަޅު އަޅާ ކޮމިޓީގައި އެދިއްޖެއެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިރޭ "ވަން" އަށް ވިދާޅުވީ ފަސް މެމްބަރަކަށް ފިޔަވަޅު އެޅުމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މެމްބަރުންނަކީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

އަސްލަމް ވިދާޅުވީ އަލީ އާޒިމަށް ފިޔަވަޅު އެޅުމަށް ހުށަހަޅާފައިވަނީ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވުމުން ކަމަށެވެ. އަދި ބާކީ ތިބި މެމްބަރުންނަށް ފިޔަވަޅު އެޅުމަށް ހުށަހަޅާފައިވަނީ އެ މެމްބަރުން މަޖިލީހުގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވުމާއި ވިޕްލައިނާ ހިލާފުވެ، ޕާޓީގެ ގަވާއިދުތަކާ ހިލާފަށް މަސައްކަތް ކުރައްވަމުން ގެންދަވާތީ ކަމަށެވެ.

މި ދެ މައްސަލަ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހެޅުމުން، އެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ވަނީ ބާއްވައިފައެވެ. ނަމަވެސް އެއްވެސް މެމްބަރަކާ މެދު ފިޔަވަޅު އެޅުމަށް މިއަދުގެ ބައްދަލުވުމުގައި ގޮތެއް ނިންމާފައިނުވާ ކަން "ވަން" އަށް ވަނީ ކަށަވަރުވެފައެވެ.

މީގެ ކުރިން ވިޕްލައިނާ ހިލާފުވެގެން އިލްޔާސްއާއި ހަސަން ލަތީފާއި ޔާސިރާއި އިންތިއަށް ވަނީ ނަސޭހަތްދީ، ފިޔަވަޅު އަޅައިފައެވެ.

ވިޕާ ހިލާފުވުމުން އެމްޑީޕީން އަޅާ ފިޔަވަޅުތަކަކީ ފުރަތަމަ ފަހަރު ނަސޭހަތްދިނުން، ދެ ވަނަ ފަހަރަށް ނަސޭހަތްދީ، މައާފަށް އެދެން އެންގުން، ތިން ވަނަ ފަހަރު ޕާޓީން ދޭ އިނާޔަތްތައް ކަނޑައިލުން، ހަތަރު ވަނަ ފަހަރު ނަމަ ޕާޓީގެ މަގާމެއްގައި ހުރި މީހެއް ނަމަ ވަކިކުރުމާއި އިންތިހާބެއްގައި ކުރިމަތިލުން އަހަރަކަށް މަނާކުރުން އަދި ފަސް ވަނަ ފަހަރު ނަމަ ޕާޓީން ވަކިކުރުމެވެ.