ފުއްގިރި މައްސަލައިގައި ދަށުކޯޓަށް ހުށަހެޅި ހެކިތަކެއް ރައްކާތެރިކުރުމަށް އެ ކޯޓުން ނިންމުމާ ގުޅިގެން އެ ހެކިތައް ބަލައިނުގަތުމަށް ސުޕްރީމް ކޯޓަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި މައްސަލައިގެ ހުކުމް ކުރުމުގެ ޝަރީއަތް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ތާވާލުކޮށްފައިވަނީ މިރޭ 8:15 އަށެވެ.
އެ މައްސަލައިގެ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިމަހުގެ އަށްވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުން ނިންމައިލަމުން ރިޔާސަތުން ވަނީ މައްސަލައިގެ ހުކުމް މިއަދުގެ ނިޔަލަށް އިއްވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.
އެ ދުވަހުގެ އަޑުއެހުމުގައި ޔާމީންގެ ފަރާތުން އެ މަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައިވަނީ ދައުވާ ލިބޭ ފަރާތަކަށް ގާނޫނުން ލިބިދޭ މަންފާތަކާއި މައްސަލައަކާ ގުޅިގެން ދައުލަތުގެ އޮފީސްތަކުގައި ހުންނަ ދިފާއީ ހެކިތައް ހޯދުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަން ޖެހޭ ކަމަށެވެ.
ޑރ. ޖަމީލު ވިދާޅުވެފައިވަނީ ދައުލަތުން މިހާރު ނަގަމުންދާ ސްޓޭންޑުގައިވާ "ތިމަންނާމެން ބޭނުން އެއްޗެކޭ ދެވޭނީ" އެއީ ބަލައި ގަނެވޭނެ ހަމައެއް ނޫން ކަމަށާއި އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. ހެކި ހޯދުމުގެ ގޮތުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުންވެސް ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް ދިފާއަށް ބޭނުންވާ އެ ލިޔެކިޔުންތައް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ވާހަކަދައްކަވަން ޔާމީނަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ކޯޓަށް ދަނީ އަދުލު ހޯދަން ކަމަށާއި އެހެންކަމުން ގާނޫނުތައް މާނަކުރަން ޖެހޭނީ އެންމެ ހަނި މާނައިގައި ނޫން ކަމަށެވެ. ހަނި މާނައިގައި ފަނޑިޔާރުން ގާނޫނުތައް ތަރުޖަމާކޮށްގެން މީހެއްގެ އަދުލުވެރިކަމަށް ހުރަސްއަޅާ ގޮތަށް އަމަލުކޮށްގެން ނުވާނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވެފައިވަނީ ފުއްގިރި މައްސަލައިގެ ދިފާއުގައި އެ ލިޔުންތައް ހޯދުމަށް އެދުނު ނަމަވެސް އެ ލިޔުންތައް ރައީސް އޮފީހަށާއި ޓޫރިޒަމް މިނިސްޓްރީއަށް ނުދެވުނީ އެފަދަ ލިޔުންތަކެއް ނެތުމުން ކަމަށެވެ. އެ ލިޔުންތައް ހުރިތޯ ނުވަތަ ނެތްތޯ ޕްރޮސިކިއުޝަން އަދި ތަހުގީގު އިދާރާއިން ބަލާނެ ކަމަށާއި އެފަދަ ލިޔުންތަކެއް ހުރިނަމަ، އެ ލިޔުމެއް ނުލިބި ދިފާއުވާން އުނދަގޫވާނެ ކަމަށް ޔާމީން ވިދާޅުވެފައިވެއެވެ.
އެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވެފައިވަނީ ޔާމީންގެ ފަރާތުން ފާހަގަ ކުރައްވާ ކަންކަން ދަށު ކޯޓުތަކުގައި ފާހަގަ ނުކުރައްވާ ކަމަށާއި ހެއްކާ ބެހޭ ގާނޫނުގައި ލިޔުންތަކުގެ އަސްލު ހުށަހެޅުމާ ބެހޭ އުސޫލެއް އޮންނަ ކަމަށެވެ.
ދައުލަތުން ވިދާޅުވެފައިވަނީ ޔާމީންގެ ފަރާތުން އެދޭ ގޮތަށް ހެއްކާބެހޭ ގާނޫނު މި މައްސަލައަށް ތަދުބީގު ކުރަން ނުޖެހޭ ކަމަށާއި އެއީ މާ ކުރިން ހިނގާފައިވާ މައްސަލައަކަށްވުމުން ކަމަށެވެ. ދައުލަތުން ވިދާޅުވީ ޔާމީންގެ ފަރާތުން އެދޭ ގޮތަށް ކަންކަން ނުކޮށްދިނަސް، އިންސާފަށް ވާސިލުވުމަށް ހުރަހެއް ނެތް ކަމަށެވެ.
ދައުލަތުގެ ވާހަކަތައް ނިމުމުން މައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ ހުލާސާ ގޮތެއްގައި ވާހަކަ ދެއްކެވުމަށް ހުރިހާ ފަރާތްތަކަށް ފުރުސަތު ދެއްވައިފައެވެ. އެ ފުރުސަތުގައި ދައުލަތުންނާއި ޔާމީން އަދި ކްރިކް ރިޒާގެ ފަރާތުން ވަނީ ހުލާސާ ބަޔާން އިއްވައިފައެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސުއޫދެވެ.
ޚަބަރު
ޚަބަރު
ޚަބަރު