ސްޕެނިޝް ލީގުގައި ރޭ އެސްޕަނިޔޯލްއާ ދެކޮޅަށް ކުޅުނު ޑާބީން މޮޅުވެ، ބާސާއިން ކްލަބު ތާރީހުގައި 27 ވަނަ ފަހަރަށް ލަލީގާ ތަށި ކާމިޔާބު ކޮށްފިއެވެ.
ބާސާއިން ލީގު ޔަގީންކުރީ ރޭގެ މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ. ކަޓަލޫނިއާގެ ދެޓީމު ކަމަށްވާ ބާސާއާއި އެސްޕަނިޔޯލް ރޭ ކުރިމަތިލި ކުރިމަތިލުމަށްފަހު ބާސާއިން ތަށީގެ އުފާފާޅުކުރަން ފެށި ނަމަވެސް، އެސްޕަނިޔޯލް ސަޕޯޓަރުން ވަނީ އެއްޗެހި އުކައި ކުޅުންތެރިންގެ އުފާފާޅުކުރުންތައް ހުއްޓުވާފައެވެ. އަދި ބައެއް އެސްޕަނިޔޯލް ސަޕޯޓަރުން ދަނޑު މައްޗަށް އެރިތަންވެސް ފެނިގެން ގޮސްފައިވެއެވެ.
ބާސާއިން މިހާތަނަށް ލީގުގައި ކުޅުނު 34 މެޗުގެ ތެރެއިން 27 މެޗުން މޮޅުވެފައިވާ އިރު، މިއީ އެ ކްލަބުން 2018-19 ވަނަ އަހަރަށްފަހު ލީގު ތަށި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މިހާތަނަށް ކުޅުނު މެޗުތަކުން ބާސާއަށް 85 ޕޮއިންޓް ލިބިފައިވާ އިރު، އެންމެ ގާތުން ލީގު ރޭހުގައި ވާދަކުރަމުން ދިޔަ މިދިޔަ ސީޒަނުގެ ޗެމްޕިއަން ރެއާލް އޮތީ 14 ޕޮއިންޓްގެ ފަރަގެއްގައެވެ. ރެއާލްއިން އެޓީމަށް ލީގުގައި ބާކީ އޮތް ހަތަރު މެޗުން މޮޅުވެގެންވެސް ހޯދީ އިތުރަށް 12 ޕޮއިންޓެވެ.
މިއީ ކްލަބު ލެޖެންޑް ލިއޮނަލް މެސީ ކްލަބު ދޫކޮށްލި ފަހުން ބާސާއިން ހޯދި ފުރަތަމަ ލީގު ތަށްޓެވެ. އަދި ކުރިން ކްލަބާއެކު އަށް ފަހަރު ލީގު ކާމިޔާބުކުރި ޒަވީ ހެނާންޑޭޒްއަށް ކޯޗުކަމުގައި ލިބުނު ފުރަތަމަ ލީގު ތަށިވެސް މެއެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފް ނިމުނު އިރު ބާސާއިން ތިން ގޯލުގެ ލީޑެއްގައި އޮތް އިރު، ފުރަތަމަ ހާފުގައި ބާސާގެ ގޯލުތައް ޖަހައިދިނީ ރޮބާޓް ލެވަންޑޯސްކީއާއި އަލެހާންޑްރޯ ބާލްޑޭއެވެ. ރޭގެ މެޗުގައި ލެވަންޑޯސްކީ ދެ ގޯލު ޖެހި އިރު، އޭނާ ވަނީ ސީޒަނުގައި 20 ލީގު ގޯލް ކާމިޔާބު ކޮށްދީފައެވެ.
ބާސާގެ ހަތަރުވަނަ ގޯލް ދެވަނަ ހާފްގައި ޖޫލް ކޫންޑޭ ޖެހި އިރު، އަނެއްކޮޅުން ގޯލުތައް ޖެހީ ހާވިއާ ޕުއާޑޯއާއި ޖޮސެލޫއެވެ.