ދިވެހިރާއްޖޭގެ ތާރީޚު

ދިވެހި ތާރީޚު: ކާބަފައިންގެ އާދައަކީ ކަންކަމުގައި ހިކުމަތްތެރިކަން އިސްކުރުމެވެ. (2)

އިމާދު ލަތީފު

6

(10 މެއިގެ އަދަދާ ގުޅޭ)

ރާއްޖެއަށް މިނިވަންކަން ދިނުމުގެ އެއްބަސްވުން އެކުލަވައިލުމުގެ މަސައްކަތް ކޮޅުނބުގައި ފެށުނީ ސޮއިކުރުމުގެ ދެއަހަރެއްހައި ދުވަސް ކުރިންނެވެ. ބޮޑުވަޒީރު ނާސިރު ހުންނެވީ މާލޭގައެވެ. ނާސިރު އަންގަވާ ގޮތެއްގެމަތިން، ދެއްވާ އިރުޝާދަކާއެއްގޮތަށް އިނގިރޭސީންނާ މަޝްވަރާކުރައްވަން ދިވެހީންގެ ފަރާތުން އިސްކޮށް ކޮޅުނބުގައި ހުންނެވީ އަބްދުއްސައްތާރު މޫސާދީދީއެވެ. ކޮންމެދުވަހަކުވެސް މަޝްވަރާތައް ކުރިއަށްދިޔަ ގޮތް ނާސިރަށް އަންގަވައި، އިތުރު ލަފަޔަށް އެދިވަޑައިގެން ސައްތާރު ގެންދެވީ މާލެއަށް ކޭބަލް ފޮނުއްވަމުންނެވެ. މިތަކެތީގެ ރިކޯޑު މިހާރުވެސް ފެންނާން އެބަހުއްޓެވެ. މިލިޔުމުގެ މިބައިގައި ބަލައިލާނީ އެއްބަސްވުމުގެ ދެކިކޮޕީއާމެދު މަޝްވަރާކޮށް އިސްލާހު ހުށައެޅުނު މާއްދާތަކުގެ ތެރެއިން އެކަކުން ފެށިގެން ހަތަރަކަށް ސައްތާރުގެ ރައުޔެވެ. ކޭބަލްތަކުން ފެންނަންހުރި މިންވަރަށެވެ.

ސައްތާރު ވިދާޅުވެފައިވެއެވެ. މިއަދު އެގްރީމެންޓްގެ މައްސަލައާމެދު އިނގިރޭސި ހައިކޮމިޝަނުގައި ބައްދަލުވުމެއް އޮތެވެ. އިނގިރޭސިންގެ ފަރާތުން ތިއްބެވީ ހައިކޮމިޝަނަރު ސަރ މައިކަލް ވޯލްކަރ، ޑެޕިއުޓީ ހައިކޮމިޝަނަރު ޖީ.ޑީ އެންޑަރސަން، އާރތިންޓަން ޑޭވީ އަދި ޕީ. ޑަބްލިޔޫ ހީޕެވެ. އަޅުގަނޑު ދިޔައީ ކަނޑި އަހުމަދު އިސްމާއީލްވެސް ގޮވައިގެންނެވެ. މަޝްވަރާތަކުގެ މައިގަނޑަކަށް ބެލީ ދިވެހި ސަރުކާރުން އެންމެ ފަހުން ހުށަހެޅުއްވި ޑްރާފްޓެވެ. އޭގައިހުރި ނުގުތާތަކުގެ ތެރެއިން މީގެކުރިން މަނިކުފާނުގެ ސަމާލުކަމަށް ގެނެވިފައިވާ ތަފާތު ނުގުތާތަކުގެ ވާހަކަ ބުނީމެވެ. އެނެކްސަރގެ ކްލައުސް އެޗްގެ އޯރ، މިބަސް އިތުރުވީތަން ނޫން އެހެން ތަންތަން މާލެއިން ދެއްވި ޑްރާފްޓުގައި އޮތް ގޮތަށް ބޭއްވުމަށް ހުށައެޅީމެވެ.

މާލެއިން އެންމެ ފަހުން ދެއްވި ޑްރާފްޓާއި 19 މެއިގައި ފޮނުއްވި އެމީހުންގެ ޑްރާފްޓާއި އެއްގޮތްވާ އާޓިކަލާއި ކްލައުސްތަކަށް އެއްބަސްވެވޭކަމަށްވެސް ބެލީއެވެ. އެގްރީމަންޓުގެ ޕްރިއެމްބްލް އާޓިކަލް އެކެއް، އާޓިކަލް ފަހެއްގެ އެނެކްސަރގެ ކްލައުސް ސީ، ކްލައުސް އީ، ކްލައުސް އެފް، އަދި ކްލައުސް އެޗް ނިމޭތާގައި ކޮންސްޓިޓިއުޝަން، އަދި އެކްޓިވިޓީސް، މި ދެބަހުގެ ދޭތެރެއަށް އޯރ، މިބަސް ލައިގެން ކްލައުސް އައި، ކްލައުސް ޖޭ، ކްލައުސް އެލް، އަދި ކްލައުސް އެންގެ އޯތަރައިޒްޑް ސަރވިސް އޯގަނައިޒޭޝަންސްގެ މާނަ ނިމޭ ހިސާބަށް އަދި އެގްރީމެންޓް ނިމޭ ތާނގައި އިން ވިޓްނެސް ވެޔަރއޮފް، އިން ފެށިގެން ނިމެންދެން މިތަންތަން މާލޭ ޑްރާފްޓުގައި ހުރި ގޮތަށް އެއްބަސް ވެވޭކަމަށްވެސް އަޅުގަނޑުމެން ބެލީއެވެ. އެއީ އެންމެ ރަގަޅުގޮތްކަމަށް ފެންނާތީއެވެ.

މީގެ އިތުރަށް އެގްރީމެންޓްގެ އާޓިކަލް ދޭއްގައި، މާލެއިން އެންމެ ފަހުން ހުށަހެޅުއްވި ޑްރާފްޓުގައިވާ ގޮތަށް ބްރިޓިޝް ގަވަރމެންޓުން އެއްބަސްވާކަމަށް އެމީހުން ބުންޏެވެ. މީގެ ފަހުގައި ތަފާތުކޮށް ހުރި ތަންތަން އެކި މާއްދާތަކަށް ވަކިން ބަލަމުން އެމީހުން ހުށަހަޅާ ގޮތްވެސް ބުނަމުން ގެންދިޔައީއެވެ. މިގޮތަށް އެގްރީމެންޓްގެ އާޓިކަލް ތިނަކަށް ހުށަހެޅީ، އަން ރެސްޓްރިކްޓެޑް އެންޑް އެކްސްކްލޫސިވް ޔޫޒް އޮފް ދަ ހޯލް އޭރިޔާ އޮފް ދަ، މިއިބާރާތް އޮވެއްޖެނަމަ، ފްރީ ގިފްޓް، މިހާތަނަށް މާލޭ ޑްރާފްޓް އޮތްގޮތް އެންމެ ރަނގަޅު ކަމުގައެވެ. އެގްރީޑް އޭރިޔާސް ބަޔާންކުރާ ބައި އޮންނަން ހުށަހެޅީ މިދަންނަވާ ގޮތަށެވެ. ދަ ސެއިޑް އޭރިޔާސް ޓުގެދަރ ވިތް ދަ ޓެރިޓޯރިއަލް ވޯޓަރސް އެޖަސެންޓް ދެޔަރޓު އެންޑް ދަ ލެގޫން އޮފް އައްޑޫ އެޓޯލް އާރ ހިޔަރއާފްޓަރ ރިފަރޑް ޓު އޭޒް ދި އެގްރީޑް އޭރިޔާސް، މިހެންނެވެ.

ތިންވަނަ އާޓިކަލްއަށް އަދިވެސް އިތުރު ބައެއް އިސްލާހުތައް އެމީހުން ހުށައެޅިއެވެ. އާޓިކަލް ތިނެއްގެ މާލޭ ޑްރާފްޓުގެ ދެވަނަ ޕެރާ، ދަ މޯލްޑިވިއަން ގަވަރމެންޓް ފަރދަރ .......... އެގްރީމެންޓް އޮފް ދަ ބްރިޓިޝް ގަވަރމެންޓް، މިހާތަނަށް ދޫކޮށްލާފައި ތިންވަނަ ޕެރާގައި އެއަރ ސްޓޭޖިން ޕޯސްޓް އޮތްތަން އެއަރ ފީލްޑް، މިހެން ހެދުމަށް އަދި އޮން ގޭން، މިހެން އޮތްތަން އޮން ގޭން އައިލެންޑް، މިގޮތަށް ބަދަލުކުރުމަށްވެސް އެމީހުން ހުށަހަޅައެވެ. އާޓިކަލް ތިނެއްގެ ފަހު ޕެރާގައި ބައި ދިސް އެގްރީމެންޓް އޮތްތަން، އަންޑަރ ދިސް އެގްރީމެންޓް، މިގޮތަށް ބަދަލުކުރުމަށާއި ހިޔަރއިން އޯރ ހިޔަރއާފްޓަރ، މިތިން ބަސް ނައްތާލުމަށްވެސް ހުށަހަޅައެވެ. ވީމާ އެޖުމްލަ ފެށޭތަން އޮންނާނީ ނަތިންގ ކޮންޓެއިންޑް އިން ދިސް އެގްރީމަންޓް، މިހެންނެވެ.

ހަތަރުވަނަ އާޓިކަލަށް އެމީހުން ހުށަހަޅަނީ 19 މެއިގައި ފޮނުއްވި އެމީހުންގެ ޑްރާފްޓްގެ ދެތަނަކަށް ޑިޔުރިންގ ދަ ޕީރިއަޑް އަންޓިލް 15 ޑިސެމްބަރ 1986، މިބަސްކޮޅު ލާފައި ހަމައެމީހުން ހުށަހެޅި ގޮތަށް އޮތުމަށެވެ. ވީމާ އޮންނާނީ ދަ މޯލްޑިވިއަން ގަވަރމެންޓް އަންޑަރޓޭކް ދެޓް ޑިޔުރިން ދަ ޕީރިއަޑް އަންޓިލް 15 ޑިސެމްބަރ 1986، ދޭއި ވިލް ނޮޓް __ އެނީ އަދަރ މިލިޓަރީ މެޓަރ. ދަ މޯލްޑިވިއަން ގަވަރންމެންޓް އަންޑަރޓޭކް ދެޓް ޑިޔުރިންގ ދަ ޕީރިއަޑް 15 ޑިސެމްބަރ 1986، ދޭއި ވިލް ނޮޓް __ ކޮންސެންޓެޑް ދެޔަރޓު، މިހެންނެވެ. މިކަމަށް އަޅުގަނޑު ބުނީމެވެ. ކަލޭމެންގެ ޑްރާފްޓުގެ ދެވަނަ ޖުމްލަ ފެށޭ ތަނުގައި ފޯސަސް އޮފް އެނީ އަދަރ ސްޓޭޓް، މިހެން އޮންނަން އަޅުގަނޑުމެންނަކަށް އެއްބަހެއް ނުވެވޭނެއެވެ.

މާލޭ ޑްރާފްޓުގެ އާޓިކަލް ހަތަރެއް މުޅިން ނައްތާލުމަށްވެސް އެމީހުން ހުށަހެޅިއެވެ. އެންމެ ބޮޑު ސަބަބެއްކަމުގައި ބުނަނީ ޔޫ.އެން ޗާޓަރުގައި ސޮއިކޮށްގެން ތިބި ބައެއްގެ ގޮތުންވެސް އެމީހުންނަށް އެހެން ބަޔަކަށް އެގޮތަށް ހަމަލާ ނުދެވޭނެތީއެވެ. މިހާރު އެމީހުން ހުށަހެޅި ގޮތުގައި އާޓިކަލް ހަތަރެއް ފެށެނީ މާލޭ ޑްރާފްޓްގެ އާޓިކަލް ތިނަކުން މަދުކުރި ޕެރާއިންނެވެ. އާޓިކަލް ހަޔެއްގައި އޯލް ޕްރީވިޔަސް އެގްރީމެންޓްސް އެންޑް އަދަރ ޑޮކިއުމެންޓްސް، މި އިބާރާތުގައި މާނަ ކުރައްވާ ލިޔުންތަކެއް އަންގައި ދިނުމަށްވެސް އެދުނެވެ. އެނެކްސަރގެ ކްލައުސް އޭގައި މާލޭ ޑްރާފްޓުގައި ހުށަހެޅުއްވި ގޮތުގެ ނިމޭ ތަނަށް ގަވަރމެންޓް، މިބަސް ލާން އަޅުގަނޑުމެން ގަބޫލުނަމަ އެގޮތާ އެމީހުންވެސް އެއްބަސްވާ ކަމަށް ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟