އެމްޑަބްލިޔުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ކްލަބު އީގަލްސްއިން ކްލަބު ވެލެންސިއާގެ މައްޗަށް ކުރި ހޯދައިފިއެވެ.
ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އީގަލްސްއިން ވެލެންސިއާ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ލީގުގައި އީގަލްސްއިން ކުޅުނު ދެ މެޗުވެސް އެޓީމުން ކާމިޔާބުކޮށްފައިވާ އިރު، މިފަހަރު އުނދަގޫ ހާލަތެއްގައި އޮތް ވެލެންސިއާއަށް އަދި ސީޒަނުގައި މޮޅެއް ނުލިބެއެވެ.
މިރޭގެ މެޗަށް އީގަލްސްއިން ނެރުނު ފުރަތަމަ 11 ގައި ގޯލްކީޕަރަކަށް ހަސަން އަލީފް އިބްރާހީމް ހިމަނާފައިވާ އިރު، ބިދޭސީ ކުޅުންތެރިޔާ އަސްކާބެބް ސަލިއޭވްއަށްވެސް ޖާގަ ދީފައިވެއެވެ. އަނެއްކޮޅުން ވެލެންސިއާއިން އެޓީމުން އާންމުކޮށް މި ސީޒަނުގެ މެޗުތަކަށް ނެރެމުންދާ ޒުވާން ޓީމު މިިރޭ ނެރެފައިވާ އިރު، ބައެއް ބަދަލުތައްވެސް ފާހަގަވިއެވެ. އެގޮތުން ފުރަތަމަ 11 ގައި ޒާދު މުހައްމަދު ހާލިދާއި މުހައްމަދު އައިހަމް އިބްރާހީމް މުހައްމަދު މިޝްއަލް އަބްދުﷲ ފާހަގަވިއެވެ.
މެޗު ފެށިގެން އީގަލްސްއިން ފުރަތަމަ 15 ވަރަކަށް މިނެޓުގައި ރަނގަޅު ހަމަލާތަކެއް ތަނަވަސްކޮށްފައިވާ އިރު، އަހުމަދު ރިޒުވާން (ރިޒޭ) އަށް ހުސް ފުރުސަތެއް ލިބި ބޭކާރުވިއެވެ. އަދި އޭގެ އިތުރުން އިވާން ކާލޯސްއާއި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ފޮނުވާލި ހަމަލާތައްވެސް ކާމިޔާބެއް ނުވިއެވެ.
އީގަލްސްއިން ކުރިއަށް ޖެހި ކުޅެމުންދިޔަ އިރު، ވެލެންސިއާއިން ވިސްނީ ކައުންޓާގައި ނުރައްކާ ކުރުމަށެވެ. އެ މަސައްކަތުގައި މެޗުގެ 17 ވަނަ މިނެޓުގައި އަބްދުﷲ ޔާމީން (ޔާނު) އެޓީމަށް ލީޑު ނެގުމާ ގާތަށް ޖެހިލިއެވެ. ޔާނު އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް މަޑުޖެހުނީ ގޯލު ކުރިމަތީގައި ހެދިފައި އޮތް ފެންގަނޑުގައި ޖެހިފައެވެ.
މިރޭގެ މެޗުގެ ބޮޑުބައެއްގައި ވާރޭ ވެހިފައިވާ އިރު، މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް އީގަލްސްއަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ފޯވަޑް އިވާންއެވެ. އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލުގެ ދުރު ކަނަށެވެ.
ދެވަނަ ހާފަށް ނުކުމެވެސް ވެލެންސިއާއިން ހާފުގެ ކުރީކޮޅުގައި ގޯލަކަށް މަސައްކަތް ކުރިތަން ފެނިގެން ދިޔައެވެ. މެޗުގެ 57 މިނެޓުގައި ޔާނު ދުރުން ފޮނުވާލި ބާރު ހަމަލާ، އީގަލްސްގެ ގޯލު ބަލަހައްޓަމުން ދިޔަ ޒުވާން ކީޕަރު އަލީފް ޕަންޗުކޮށް ބޭރުކޮށްލި އިރު، މެޗުގެ އޮއިވަރު އަނެއްކާވެސް ބަދަލުވީ 61 ވަނަ މިނެޓުގައި އީގަލްސްއަށް ލިބުނު ޕެނަލްޓީންނެވެ.
އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ ސަލިއޭވް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ، ވެލެންސިއާ އޭރިއާ ތެރެއިން އެޓީމުގެ ކެޕްޓަން ހަސަން ސުފިޔާން (ސޫފީ) އަތުގައި ޖެހުމުން ރެފްރީ ޕެނަލްޓީއެއް ދީފައިވާ އިރު، އެ ޕެނަލްޓީއާ މެދު ވެލެންސިއާއިން ވަރަށް ބޮޑަށް ޝަކުވާކުރިއެވެ. ވެލެންސިއާއިން ޝަކުވާ ކުރަމުންދިޔައީ އެ ބޯޅަ ސޫފީ އަތުގައި ޖެހުނީ ވަރަށް ބޮޑަށް ގަޔާއެއްކޮށް އަތް އޮއްވައި ކަމަށް ބުނެއެވެ.
މެޗުގެ 63 ވަނަ މިނެޓުގައި އީގަލްސްގެ ދެވަނަ ގޯލު ރިޒޭގެ ޕެނަލްޓީން ކާމިޔާބުކޮށް، އީގަލްސްއިން އަނެއްކާވެސް ރަނގަޅަށް މެޗު ތެރެއަށް ވަދެ ނުރައްކާކުރިއެވެ. 71 ވަނަ މިނެޓުގައި ބަދަލަކަށް ނުކުތް ޒައިން ޒަފަރާއެކު އޭނާގެ ބޭބެ ރިޒޭ ރަނގަޅު ވަން ޓޫ ޕާހެއް ޖަހައި އޭރިއާ ތެރެއަށް ހުސްކޮށް ވަދެ ޖެހި ބޯޅަ ވެލެންސިއާ ގޯލްކީޕަރު އާދަމް އިމްއާން ދިފާއުކުރިއެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ފޭދޫ އިއްބެ ފޮނުވާލި ހަމަލާވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރުންނެވެ.
އީގަލްސްއިން މެޗުގެ ތިންވަނަ ގޯލު ޖެހީ 84 ވަނަ މިނެޓުގައެވެ. ރިޒޭ އޭރިއާ ތެރެއަށް ވަދެ ޖައްސާލި ޕާސް މަޑުމަޑުން ގޮސް ލިބުނީ ފޭދޫ އިއްބެގެ ފަޔަށެވެ. އޭނާ ހުސްކޮށް އޮވެ ހަމަޖެހިލާފައި ގޯލު ތެރެއަށް ބޯޅަ ވައްދާލައި އީގަލްސްއަށް މޮޅު ޔަގީން ކޮށްދިނެވެ.
ލީގު މެޗުތައް ދެން އޮންނާނީ އަންނަ ހަފުތާގައެވެ. އެ ހަފުތާގެ މެޗުތަކަށްފަހު ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމަށް ލީގު މެދުކަނޑާލާނެއެވެ.