ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަކުރާ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ކެމްޕެއިން މެނޭޖަރުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދާއި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް އައްޔަންކޮށްފިއެވެ.
ޖޭޕީގެ އޮފިޝަލަކު މިއަދު ‘ވަން’ އަށް ވިދާޅުވީ، އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަންކުރައްވަން ލީޑަރު ގާސިމް އެންގެވީ ޖޭޕީގެ ކައުންސިލް ގްރޫޕަށް ފޮނުއްވި މެސެޖަކުން ކަމަށެވެ.
ރާއްޖޭގެ ސަރަހައްދުތައް ދެ ބަޔަކަށް ބަހާލައި ކެމްޕެއިންގެ އެންމެހާ ކަންކަން ޕާޓީގެ ސެކްރެޓޭރިއަޓާ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް އެ މެސެޖުގައި ގާސިމް ވަނީ ވިދާޅުވެފައެވެ.
އެގޮތުން ދެކުނުގެ ކެމްޕެއިން މެނޭޖަރަކަށް އިލްހާމް ހަމަޖައްސަވައި، ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅާއި އައްޑޫ ސިޓީ މާލޭގެ ދެބައިކުޅަ އެއްބައި ވަނީ އިލްހާމާ ހަވާލުކުރައްވައިފައެވެ.
އުތުރުގެ ކެމްޕެއިން މެނޭޖަރަކަށް އަމީން ހަމަޖައްސަވައި، ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅާއި މާލޭގެ ދެން އޮތް ބައިގެ ކަންތައް އަމީނާ ވަނީ ހަވާލުކުރައްވައިފައެވެ.
އިލްހާމް ވަނީ ދާދި ފަހުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީއަކަށް ހަމަޖައްސައިފައެވެ. އަމީން އިބްރާހީމަކީ އެ ޕާޓީގެ ޑިޕިއުޓީ ލީޑަރެކެވެ.
އިލްހާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަމީން އިބްރާހީމާއެކު ރިޔާސީ އިންތިހާބުގެ ކެމްޕެއިން މެނޭޖަރަކަށް އޭނާ ހަމަޖެއްސެވީތީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ގާސިމަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށް 24 ގަޑިއިރު މަސައްކަތްކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު