ޖޫން 2021ގައި ހުޅުމާލޭގައި މަރާލުމަށްފަހު ފޮއްޓަކަށް ލައި އެއްލާލާފައި އޮތްވާ ފެނުނު ކުޑަކުއްޖާގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ އިބްރާހިމް ޒިހާންއާ ދެކޮޅަށް ދައުލަތުން 79 ހެއްކެއް ހުށަހަޅައި ހެކިބަސް ނަގަން ފަށައިފިއެވެ.
އެ މައްސަލާގައި ޒިހާންގެ މައްޗަށް ހަތް ބާވަތެއްގެ 13 ދައުވާއެއް އުފުލާފައިވެއެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ 100 އަށް ވުރެ ގިނަ އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެއެވެ. އެ މައްސަލައާ ގުޅިގެން ދެން ހައްޔަރުކުރި ކުޑަ ކުއްޖާއަށް ކޮށްފައި ވަނީ ތިން ދައުވާއެކެވެ.
- ގަސްތުގައި މީހަކު މެރުމުގެ ދައުވާ
- ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ފަސް ދައުވާއެއް
- ކުޑަކުއްޖަކަށް މަސްތުވާ އެއްޗެއްދީގެން އެ ކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ
- ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި އެ ކުއްޖާ ގްރޫމް ކުރިކަމުގެ ދައުވާ ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފަހެއްޓުމުގެ ދައުވާ
- މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކުރުމުގެ ދައުވާ
- ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުން ކުރިކަމުގެ ދައުވާ
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު "ވަން" އަށް މިއަދު ވިދާޅުވީ، ޒިހާންއާ ދެކޮޅަށް ޝަފަހީ 79 ހެކި ހުށަހެޅިއިރު އޭގެ ތެރޭގައި 16 ސިއްރު ހެކިވެރިޔަކުވެސް ހިމެނޭ ކަމަށެވެ. އޭގެ ތެރެއިން ދެ ހެކިވެރިއެއްގެ ހެކިބަސް މިއަދު ކޯޓުގައި ވަނީ ނަގައިފައެވެ.
އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ޒިހާންގެ ބަންދު ދަމަހައްޓަންވެސް މިއަދު ވަނީ ނިންމައިފައެވެ.
ޒިހާން މަރާލި ކަމަށް ތުހުމަތުވާ އުމުރުން 13 އަހަރުގެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ 22 ޖޫން 2021ގެ މެންދަމު 2:30 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތު ފަޅުތެރެއަށް ފޮއްޓަކަށް ލައި އެއްލާލާފައި އޮއްވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު